ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރާ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗު ރާއްޖޭގެ މުޙައްމަދު ނިޒާމް (ނިޒާމްބެ) އަށް އޮތް ޓާގެޓަކީ އަންނަ އަހަރުގެ އޭއެފްސީކަޕް އިން އެޓީމަށް ފުރުސަތު ހޯދައިދިނުން ކަމަށް ސައިފް ސްޕޯޓިން ކްލަބްގެ މެނޭޖްމަންޓުން ބުނެފިއެވެ.

މަގާމާއި ހަވާލުވުމަށް ފަހު ވީސްޕޯޓްސް އިން ކުރި ސުވާލަކަށް ޖަވާބުދެމުން ނިޒާމްބެ ބުނީ އޭނާއަށް އޮތް ޓާގެޓަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ޓީމު ގެންގޮސްދިނުން ކަމަށާއި ސައިފް ސްޕޯޓިން ކްލަބްގައި ރަނގަޅު ސްކޮޑެއް އޮތުމުން އެކަން ހާސިލު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

މި އަހަރު ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ހަތަރު ވަނާގައި ނިންމާލި ކުލަބާއި ނިޒާމްބެ ހަވާލުވިއިރު ނިޒާމްބެ އާއިއެކު ޓީމުގެ ފުރަތަމަ ފަރިތަކުންތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އާސީޒަނަށް ޓީމު އެކުލަވާލުމަށް ފައިނަލް ސްކޮޑް ނެގުމާއި އަލަށް ޓީމަށް ގެންނާނެ ކުޅުންތެރިން ނިންމާނީ ސީދާ ނިޒާމްބެ އެވެ. ސައިފް ސްޕޯޓިންގައި މިހާރު ވެސް ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކުޅޭ ފަސް ކުޅުންތެރިންނާއި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅޭ ހަ ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުން ފޮރިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތިން ކުޅުންތެރިން ނަކީ އެގައުމުތަކުގެ ނެޝަނަލް ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިންނެވެ.

ނިޒާމްބެ ބުނީ ޓީމަށް އިތުރު ކުޅުންތެރިން ހޯދާނެ ކަމަށާއި ފޮރިން ކުޅުންތެރިން ވެސް އަދި ޓީމަށް ގެންނާނެ ކަމަށެވެ. ފޮރިން ކުޅުންތެރިން ހޯދާއިރު ލިބޭ ކުޅުންތެރިންނަށް ވުރެން ދިވެހި ކުޅުންތެރިން ރަނގަޅު ނަމަ ދިވެހި ކުޅުންތެރިންނަށް ފުރުސަތު ދިނުމާއި މެދު ވިސްނާނެ ކަމަށް ޒުވާން ގިން ކުޅުންތެރިންތަކެއް ދަނޑަށް ނެރެދިން ކޯޗު ބުންޏެވެ.

ފޮރިން ކުޅުންތެރިންގެ ޖާގަ އަދި ވެސް އެބައޮތް. ބޭނުންވާ މަގާމަށް ހޯދާ ފޮރިން ކުޅުންތެރިންގެ ތެރެއިން ދިވެހި ކުޅުންތެރިން ރަނގަޅުވެއްޖެޔާ ދިވެހި ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ވަރަށް ވިސްނާނަން.
ނިޒާމް

އޭއެފްސީ ކަޕްގެ އިތުރުން ސައިފް ސްޕޯޓިން އާއެކު ބަންގްލަދޭޝްގައި ގިނަ ކާމިޔާބުތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ލީގްގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ ބަޝުންދުރަ ކިންގްސްގެ ކޯޗަކަށް ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން އޮސްކާ ބްރޮޒަން ހުރުމަކީ ވެސް އެޑްވާންޓޭޖެއް ކަމަށް ނިޒާމްބެ ބުންޏެވެ.

ބަންގްލަދޭޝް ލީގްގައި 12 ކްލަބު ވާދަކުރާއިރު އެ ލީގަކީ ސަރަހައްދުގެ ފުޓްބޯޅައިގަ އެއްމެ ބާރަށް ކުރިއަރަމުން އަންނަ ލީގެވެ. ފޮރިން މަޝްހޫރު ކުޅުންތެރިންނާއި ބީދޭސީ ކޯޗުންނާއި އެކު ލީގްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.