• ނ. މާފަރާއި، ރ. އިފުރަށް ފްލައިމީގެ ދަތުރުތައް ވަރަށް އަވަހަށް ފެށޭނެ - ގާސިމް

ވިލާ އެއާގެ އެއާލައިން، ފްލައިމީގެ ބްރޭންޑް ނިއު މަތިންދާ ބޯޓެއް އަންނަ އަހަރުތެރޭވެސް ގެންނަން ގަސްތުކުރައްވާ ކަމަށް ވިލާ ގްރޫޕްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ފްލައިމީގެ އެތެރޭގެ އުދުހުންތައް ފުޅާކުރުމަށް ވިލާ އެއަރއިން ރާއްޖެގެނައި އާ ބޯޓަށް މަރުހަބާ ކިއުމަށް އދ. މާމިނގިލީ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތު ނިންމާލުމަށްފަހު ވީނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވިލާ ގުރޫޕުގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވީ، ފްލައިމީގެ ފްލީޓަށް ބްރޭންޑް ނިއު ބޯޓެއް އިތުރުވުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމަށެވެ. އަދި ފްލައިމީގެ ޚިދުމަތް ފުޅާކުރުމަށް އަންނަ އަހަރުވެސް އާ ބޯޓެއް ގެންނަން ގަސްތުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިއަދު މިއައީ 4 ވަނަ ބޯޓު، އަދި މިއީ 72 ސީޓުގެ ހަމަ ބްރޭންޑް ނިއު ބޯޓެއް. އަނެއް 3 ބޯޓަކީ ސެކަންޑްހޭންޑް ބޯޓުތަކެއް ވިޔަސް ވަރަށް ރަނގަޅު ކޮންޑިޝަންގަ އެ ބޯޓުތައްވެސް ހުންނާނީ. ދެން އަނެއްކާ އިތުރަށް އަޅުގަނޑުމެއް އަދި މިފެށޭ އަހަރުތެރޭގަ އާ ބޯޓެއް ގެންނަން މި ވިސްނަނީ."
ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހީމް

ފްލައިމީގެ ފްލީޓަށް އިތުރުވި ބޯޓާއެކު ރާއްޖޭގެ އިތުރު ދެ މަންޒިލަކަށް ފްލައިމީ ދަތުރު ކުރާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެގޮތުން ނ. މާފަރާއި، ރ. އިފުރު އެއާޕޯޓަށް ފްލައިމީގެ ޝެޑިއުލް ދަތުރުތައް ވަރަށް އަވަހަށް ފެށޭނެކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރާއްޖެ ކުރިއަރަމުން އަންނައިރު އޭވިއޭޝަންގެ ދާއިރާ ކުރިއަރުވުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.

"މުޅި ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާ ފެތުރިގެން މިދަނީ. އެހެންކަމުން ސީޕްލޭނަށްވުރެ ލޭންޑްބޭސް މި ބާވަތުގެ ބޯޓުފަހަރަކީ މީގެ ކޯސްޓަށް ބަލާއިރު، ގާތްގަނޑަކަށް 38 ޕަސެންޓާއި، 40 ޕަސެންޓާއި، ދޭތެރޭގަ އަގުހެޔޮވާނެ މީގެ އޮޕަރޭޝަން. އަދި އެއާޕޯޓުތަކުގެ ދަތުރުތައް ރެއާދުވާލު ކުރިޔަށްދާނެ. އެހެންކަމުން ރާއްޖޭގެ އެއާޕޯޓުތައް ހެދިގެން އަންނައިރު، 24 ގަޑިއިރު ބޭރުންވެސް ފްލައިޓްތައް އަންނައިރު، އޭވިއޭޝަންގެ ދާއިރާ މިހާރަށްވުރެވެސް ކުރިއަރުވަންޖެހޭ"
ވިލާ ކުންފުނީގެ ބާނީ ގާސިމް އިބްރާހީމް

ފްލައިމީއިން އެކުންފުނީގެ ފްލީޓަށް އިތުރުކުރި އޭޓީއާރު 600-72 މަރުކާގެ އާ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވާއިރު، އެ ބޯޓަކީ 72 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި މިއީ ފްލައިމީން ގެނައި މި މަރުކާގެ ތިންވަނަ ބޯޓެވެ.

މި ބޯޓު ރާއްޖެ ގެނެސް ފްލައިމީގެ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ނިންމާފައި ވާއިރު ފްލައިމީން ދޭ ޚިދުމަތްތަކަކީ ކަސްޓަމަރުން ހިތްހަމަޖެހޭ ޚިދުމަތްތަކަށް ހެދުމަށް ދުވަހުން ދުވަހަށް މަސައްކަތް ކުރާނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އޭޓީއާރުގެ އެންމެ ފަހުގެ އަދި މުޅިން އާ ބޯޓެއް ފްލައިމީން ގެނެސްފައިވާއިރު، އެ އެއާލައިން އިން ވަނީ މީގެ ކުރިންވެސް މި މަރުކާގެ ދެބޯޓު އޮޕަރޭޓް ކޮށްފައެވެ. އެހެންނަމަވެސް އެކުންފުންޏަށް މާލީގޮތުން ދަތިތަކަކާއި ކުރިމަތިވެ، އޭޓީއާރު 600-72 މަރުކާގެ އެ ދެބޯޓު ވަނީ އޭރު ރާއްޖޭން ފޮނުވާލާފައެވެ. އަދި އޭގެފަހުން ފްލައިމީން ބޭނުންކުރަމުން އަންނަނީ އޭޓީއާރު 500-72 މަރުކާގެ ދެ ބޯޓެވެ.

ފްލައިމީން މިހާރު ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިއްޔާއި ބ. ދަރަވަންދޫ ހިމެނެއެވެ.

އައްޑޫ ސިޓީ އަދި ފުވައްމުލަކަށް ފްލައިމީން ދަތުރުކުރި ނަމަވެސް އެދެ އަތޮޅަށް ކުރާ ދަތުރުތައް ވަގުތީގޮތުން މިހާރު ވަނީ މެދުކަނޑާލާފައެވެ. ފްލައިމީގެ ދަތުރުތައް މިހާރު ކުރަމުންދަނީ އދ. މާމިގިލި އަދި ދަރަވަންދޫއަށެވެ.