ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގިކަމުގެ ކުށް ސާބިތުވެ ކޮންގޯގެ ބާޣީ ލީޑަރ ބޮސްކޯ އެންޓަގަންޑާ 30 އަހަރަށް ޖަލަށްލުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ވަނަމެއްގެގޮތުގައި "ޓާރމިނޭޓަރ" ގެ ނަން ދެވިފައިވާ ބޮސްކޯގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތެރޭގައި، މީހުން މެރުމާއި، ޖިންސީ ބޭނުންތަކަށް މީހުން އަޅުވެތިކޮށްގެން ގެންގުޅުމާއި، ހަނގުރާމައިގައި ކުޑަކުދިން ބޭނުންކުރުމުގެ ކުށްތައް ހިމެނެއެވެ.

މިއީ، ދެހާހުގެ އަހަރުތަކުގައި، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހިންގާފައިވާ ޖަރީމާތަކެވެ.

އުމުރުން 46 އަހަރުގެ ބޮސްކޯ އެންޓަގަންޑާއަކީ ރުވާންޑާއަށް އުފަން މީހެކެވެ. އެހެން ނަމަވެސް، އޭނާގެ މައްޗަށް އުފުލުނު ގިނަ ދައުވާތަކަކީ، އޭނާގެ ހަނގުރާމަވެރިން ކޮންގޯގެ އަވަށްތައް ހިފައިގެންތިބި އިރު ހިންގާފައިވާ ގަތުލުއާންމުތަކުގެ ދައުވާތަކެވެ.

ބޮސްކޯ އެންޓަގަންޑާގެ މައްޗަށް ހިންގި ޝަރީއަތަށްފަހު ހުކުމް އިއްވަމުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ޗެއަރ ރޮބަރޓް ފްލެމްރް ހުކުމް އިއްވަމުން ވިދާޅުވީ، ބޮސްކޯ އިސްވެހުރެ އޭނާގެ ހަނގުރާމަވެރިން ވަރަށް ފުޅާގޮތެއްގައި މީހުން މެރުމުގެ ޖަރީމާތައް ހިންގާފައިވާ ކަމަށެވެ.

އެހެންވެ، ބޮސްކޯ އެންޓަގަންޑާ ހިންގާފައިވާ މި ޖަރީމާތަކަށް އައިސީސީގެ ފަނޑިޔާރުން އިއްވާފައިވަނީ ތިރީސް އަހަރަށް ޖަލަށް ލުމުގެ ހުކުމެވެ. އުމުރަށް ޖަލަށްލުމުގެ ބަދަލުގައި އެއަށްވުރެންވެސް ދިގު މުއްދަތަކަށް ޖަލަށްލުމުގެ ހުކުމް އިއްވީ، ބޮސްކޯ އެންޓަގަންޑާ ހިންގާފައިވާ ޖަރީމާތަކުގެ ބޮޑުކަމުން ކަމަށް ހުކުމުގައި ވެއެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ތަރުޖަމާނުވަނީ، މިއީ އެ ކޯޓުން މީހެއްގެ މައްޗަށް މިހާތަނަށް އިއްވެ އެންމެބޮޑު ހުކުމްކަން ކަށަވަރު ކޮށްދެއްވާފައެވެ.

ކޯޓުން އިއްވި ހުކުމް އިސްތިއުފާ ކުރުމަށް ބޮސްކޯއަށް 30 ދުވަހުގެ މުހުލަތު ލިބޭނެއެވެ. ޝަރީއަތުގައި އޭނާ ބުނެފައިވަނީ، އޭނާއަކީ "ޓާމިނޭޓަރއެއް" ނޫން ކަމަށާއި، އޭނާއަކީ ސިފައިންގެ މީހެއް ކަމަށެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަކީ ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތަކުގެ ޝަރީއަތް ހިންގުމަށް 2002 ވަނަ އަހަރު ގާއިމްކުރި ކޯޓެކެވެ.

ކޮންގޯގެ ބާޣީ ލީޑަރުގެ މައްޗަށް އެ ކޯޓުން ހުކުމް އިއްވުމާއެކު، ހިއުމަން ރައިޓްސް ވޮޗުންވަނީ ވަގުތުން އެކަމަށް މަރްހަބާ ކިޔާފައެވެ. ބުނެފައިވަނީ، މިއީ، ތިމާމެންނާ ހަމައަށް އެއްވެސް ބަޔަކަށް ނާދެވޭނެ ކަމަށާއި، އަތްވެސް ނުލެވޭނޭ ކަމަށް ހީކޮށްގެން ދުނިޔޭގައި ޖަރީމާތައް ހިންގާ ފަރާތްތަކަށް ދެވުނު ވަރުގަދަ މެސެޖެއް ކަމަށެވެ. އެފަދަ މީހުންވެސް ކޮންމެވެސް ދުވަހަކުން ޖަރީމާތަކަށް ޒިންމާވާންޖެހޭކަން ހާމަވާ ކަމެއް ކަމަށެވެ.

ކޯޓުން އިއްވާ މިފަދަ ހުކުމަކުން އަނިޔާލިބުނު ފަރާތްތަކުގެ ވޭންތައް ނެތި ނުދިޔަ ނަމަވެސް، އިންސާފު ލިބިދޭތަން ދިރިތިބީންނަށް ފެނުމަކީ ލިބިގެންދާނެ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗުން ބުނެފައި ވެއެވެ.