ވިމެން އިން ޓެކް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަަރަށް ބާއްވާ "ސްޓެމް ފެސްޓިވަލް" ހުކުރު ދުވަހު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.

ސްޓެމް ފެސްޓިވަލް އަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސްގެ ދާއިރާއަށް އަމާޒުކޮށްގެން "ވިމެން އިން ޓެކް" އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފެސްޓިވަލެކެވެ. މި ފެސްޓިވަލްގައި އެ ހަތަރު ދައިރާއަށް ނިސްބަތްވާ 20 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

މި ފެސްޓިވަލް އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. މި ފެސްޓިވަލް އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ މި 20 ކުންފުނީގެ ސްޓޯލްތަކަށްވެސް ޒިޔާރަތްކޮށް އެ ސްޓޯލްތަކުން ދެވޭ ހިދުމަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ފެސްޓިވަލްއާއި ގުޅޭގޮތުން މައުުލޫމާތުދެއްވަމުން "ވިމެން އިން ޓެކް"ގެ ނައިބު ރައީސް ނިއުމާ ފާއިޒް ވިދާޅުވީ މި ފެސްޓިވަލް އަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސްގެ ދާއިރާގައި ރާއްޖޭގައި ދެމުންގެންދާ ހިދުމަތްތަކާއި، މި ދާއިރާއިން ކުރިއަށްދާން ބެނުންވާ ފަރާތްތަކަށްވެސް މައުލޫމާތު އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ފެސްޓިވަލްއެއް ކަމުގައެވެ. އެގޮތުން މި ހަތަރު ދައިރާއަށް ނިސްބަތްވާ ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތައް ހިމެނޭގޮތުން މުޅިއެކު 20 ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށް ނިއުމާ ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ މައުލޫމާތު ދެއްވަމުން ނިއުމާ އިތުރަށް ވިދާޅުވީ މި ފެސްޓިވަލްގެ ހޯސްޓް ޕާޓްނާ ކަމަށްވާ އެޗްޑީސީއިން ހުކުރު ދުވަހުގެރޭ މަންސާގެ ނަމުގައި ޓޯކްޝޯއެއް ވެސް ކުރިއަށްށްގެންދާނެ ކަމަށެވެ. އެގޮތުން މި ޓޯކްޝޯގައި މައިގަނޑު ގޮތެއްގައި ބަލާލާނީ ސްޓެމް އިންޑަސްޓްރީގެ ކުރިމަގާއި ޑިމާންޑް އޮތް ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

މި ޓޯކްޝޯގެ ތެރެއިން ދާއިރަގައި ފުންނާބު އުސް ފަރާތްތަކަކުން ޕެނަލް ޑިސްކަޝަންއެއްވެސް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު ކުޑަކުދިންނަށް ހާއްސަ ހަރަކާތެއްވެސް ކުރިއަށްގެންދަން ނިންމާފއިވާކަމަށް ވިދާޅުވިއެވެ.

"ސްޓެމް ފެސްޓިވަލް" މުޅިން އަލަށް ރާއްޖޭގައި ފަށާފައިވާއިރު، މި ފެސްޓިވަލް ކުރިއަށްއޮތް އަހަރުތަކުގައި ކުރިއަށްގެންދިއުމަކީ ވިމެން އިން ޓެކްގެ އަމާޒެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.