އެމެރިކާގެ ކޯޓެއްގެ ފަނޑިޔާރަކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

އަދި ކޯޓުގެ ފަނޑިޔާރުވަނީ އެ ފައިސާ ދެއްކުމަށް ރައީސް ޓްރަމްޕަށް އަމުރު ކުރައްވާފައެވެ.

ނިއުޔޯކް ސްޓޭޓްގެ ފަނޑިޔާރު ސަލިއާން ސްކާޕުލާ، ރައީސް ޓްރަމްޕް ދެމިލިއަން ޑޮލަރުން ޖޫރިމަނާ މިކުރެއްވީ، ޓްރަމްޕްގެ އަމިއްލަފުޅު ހިލޭއެހީދޭ ޖަމްއިއްޔާ ކަމަށްވާ ޓްރަމްޕް ފައުންޑޭޝަން، އެކި ކަންކަމުގައި ނަހަމަގޮތުގައި ބޭނުން ކުރެއްވި ކަމަށް އިޢުތިރާފްވެވަޑައި ގަތުމާ ގުޅިގެންނެވެ.

ޓްރަމްޕް ފައުންޑޭޝަން ނަހަމަގޮތުގައި ޓްރަމްޕް ބޭނުންކުރެއްވި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ނިއުޔޯކް ސްޓޭޓްގެ އެޓަރނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުއެވެ.

ދައުވާގައި ތުހުމަތުކޮށްފައިވާ ގިނަ ކަންތައްތަކަށް ޓްރަމްޕްވަނީ އިޢުތިރާފްވެވަޑައިގެންފައެވެ.

ޓްރަމްޕް ފައުންޑޭޝަން ނަހަމަގޮތުގައި ބޭނުން ކުރެއްވުމުގެ އެއްކަމެއްގެ ގޮތުގައި ހިމެނެނީ 2016 ވަނަ އަހަރު އަޔޯވާ ކެމްޕެއިންއާ ދިމާކޮށް، ޓްރަމްޕް ފައުންޑޭޝަނާ ގުޅިގެން ފަންޑްރެއިޒިންގ އިވެންޓެއް ބޭއްވުމުގެ ހުއްދަ، ރިޔާސީ ކެމްޕެއިން ޓީމަށް ދެއްވި މައްސަލައެވެ. އެއީ، ވެޓެރަންސްއަށް ފަންޑްރެއިޒް ކުރުމުގެ ނަމުގައި ހިންގި ހަރަކާތެއް ނަމަވެސް، އެކަމަކީ، ޓްރަމްޕް ސިޔާސީ މަގްސަދެއްގައި ކުރެއްވި ކަމެއް ކަމަށް ފަނޑިޔާރުވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ޓްރަމްޕްގެ ބޮޑު ޕޯސްޓަރެއް ހެދުމަށް ފައުންޑޭޝަން ފައިސާއިން 10 ހާސް ޑޮލަރު ދައްކަން އެންގެވި މައްސަލަވެސް ހިމެނެއެވެ.

މި ހުރިހާ ކަމަކާއެކުވެސް ޓްރަމްޕް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޓްރަމްޕް ފައުންޑޭޝަންގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރެއްވުމަކީ ގޯހެއްނޫން ކަމަށާއި، އެކަމާ ދެރަފުޅުވެސް ނުވާ ކަމަށެވެ.

ޓްރަމްޕް ފައުންޑޭޝަންގެ މައްސަލަތައް ބަލާތީ، ޓްރަމްޕްގެ ތުހުމަތުތައް އަމާޒުކުރެއްވީ، ނިއުޔޯކް ސްޓޭޓްގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރަޓިކް އެޓަނީންނަށެވެ. ޓްރަމްޕް ވިދާޅުވީ، އެމީހުން ކްލިންޓަން ފައުންޑޭޝަންގެ މައްސަލަތައް ތަހްގީގު ކުރަންވަގުތު ހޭދަ ކުރެއްވިއްޔާ މާ ރަނގަޅުވާނޭ ކަމަށެވެ.

"މިކަމުގައި އަޅުގަނޑަށް ފުރައްސާރަ ކުރާތާ ހަތަރު އަހަރުވެއްޖެ"
ޓްރަމްޕް

ޚަބަރު ލިބޭގޮތުގައި، ނިއުޔޯކް ސްޓޭޓްގެ އެޓަރނީ ޖެނެރަލްގެ އޮފީހާއި، ޓްރަމްޕްގެ ގާނޫނީ ވަކީލުންނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ޓްރަމްޕް ފައުންޑޭޝަން އުވާލެވޭނެއެވެ. އަދި އެ ފައުންޑޭޝަންގައި މިހާރު ހުރި 1.7 މިލިއަން ޑޮލަރު ހިލޭއެހީދޭ އެހެން ޖަމާއަތްތަކަށް ދެވޭނެއެވެ. އެގޮތުން، 8 ޖަމާއަތަކަށް އެ ފައިސާ ބަހާލަން ވަނީ ނިންމާފައެވެ.

ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު އިއްޔެ މީޑިއާއަށް އާންމު ކޮށްފައިވާއިރު، އޭގައި ކަނޑައަޅާފައިވަނީ، މިމައްސަލާގައި ރައީސް ޓްރަމްޕާ މެދު އަޅާނެ ފިޔަވަޅަކާމެދު ގޮތެއް ނިންމުން ފަނޑިޔާރަށް ދޫކޮށްލުމަށެވެ.

ޓްރަމްޕް ފައުންޑޭޝަންގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރެއްވި މައްސަލާގައި، ޓްރަމްޕް ޖޫރިމަނާ ކުރުމާއި، ފައުންޑޭޝަން އުވާލައި ފަންޑު ބަހާލަން ނިންމުމާ ގުޅިގެން ނިއުޔޯކް ސްޓޭޓްގެ ޑިމޮކްރޭޓް އެޓަރނީ ޖެނެރަލް ލެޓިޝިއާ ޖޭމްސް ވަނީ އެކަމަށް މަރްހަބާ ވިދާޅުވެފައެވެ.

އެނާ ވިދާޅުވީ، މިއީ ހިލޭއެހީދޭ ޖަމާއަތްތަކުގެ މުދާ ރައްކާތެރިކުރުމަށާއި، އަމިއްލަފުޅު ބޭނުންތަކަށް އެފަދަ ޖަމާއަތްތައް ބޭނުންކުރާ ފަރާތްތައް ޒިންމާ ކުރުވުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"އެއްވެސް މީހަކީ ގާނޫނަށްވުރެ މަތީގައި ހުންނަ މީހެއްނޫން. ވިޔަފާރިވެރިއެއްވެސް އަދި މަގާމަކަށް ވާދަކުރައްވާ ކެންޑިޑޭޓެއް ނަމަވެސް، އަދި އެމެރިކާގެ ރައީސަކީވެސް ގާނޫނަށްވުރެ މަތީގައި ހުންނަވާ ބޭފުޅެއްނޫން"
ނިއުޔޯކް ސްޓޭޓްގެ އެޓަރނީ ޖެނެރަލް ޖޭމްސް