އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަޔާތްޕުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މަތިވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހެޔޮއެދުމާއި އިޚްލާޞްތެރިކަމާއެކު ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ. ރައީސްގެ މެސެޖު އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ވަނީ ފޮނުއްވާފައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުނާސަބާ އަޅުގަނޑުމެން ފާހަގަކުރަނީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ކަމަށެވެ. އަދި އެ މަތިވެރި ޛިކްރާއިން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަތުން ކަމުގައެވެ.

މާތް ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ރައީސް ފޮނުއްވެވި މެސެޖުގައި ވިދާޅުވީ އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ މާތް ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަޔާތްޕުޅުން ކަމަށެވެ. އަދި އިންސާނީ މުޖްތަމަޢެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް ވެސް އެކަލޭގެފާނު ވަނީ ޢަމަލީ ގޮތުން ދައްކަވައިދެއްވާފައި ކަމަށެވެ.

މީގެ އިތުރަށް އެކަކު އަނެކަކާ ބައްދަލުވާހިނދު، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްކޮށް އުޅުމަކީ، އެކަލޭގެފާނު މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދު ކަމަށާއި، އަނެކުންނަށް އިޙްތިރާމް ކުރުމާއި، މަޢާފްކުރުމާއި، ބަދަލު ނުހިފުމަކީ، އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެންނަށް ދޫކުރެއްވި، އިންސާނީ އަޚްލާޤިއްޔާތުގެ އެންމެ ވިދުންގަދަ މުތީތައް ކަމަށެވެ.

ކޮންމެ ކަމެއްގައިވެސް ޢަމަލާއި ބަހުން ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި، ވަފާތެރިވުމަކީ، ނަޒާހަތްތެރިކަމުގައި އެކަލޭގެފާނު ދެއްކެވި އެންމެ މަތީ މިންގަނޑެވެ. މުސްކުޅިންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ހެޔޮ ފޯރުވުމާއި، ފަޤީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ، އިޖްތިމާޢީ ޢަދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތަކެވެ."
ރައީސުލްޖުމްހޫރިއްޔާގެ ތަހުނިޔާ މެސެޖް

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ، މަތިވެރި ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާއިރު، އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، ޢާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ޢަޤީދާގައި، އަޅުގަނޑުމެންގެ ހިތްތައް ސާބިތު ކުރުމަށް ކަމަށެވެ. ހަމައެފަދައިން، މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދެމެހެއްޓުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރައްވައި، ރާއްޖެއާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މެދުގައި، ޞުލްޙަވެރިކަމާއި އަމާންކަން ޤާއިމުކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ. އަދި ލޮބުވެތި ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ، މުޅި އިންސާނިއްޔަތަށް ދޫކުރެއްވި މަތިވެރި ނަމޫނާއިން، ޢިބްރަތް ޙާޞިލު ކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު ދިރުވައި އާލާކުރުމުގެ ހެޔޮ ތައުފީޤް، އެންމެހައި ދިވެހިންނަށާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދި ވަނީ ދުޢާ ދަންނަވާފައެވެ.