ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގު ރެކޯޑް އަދަދަކަށް ދަށްވުމާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސް ކަމާއިމެދު މަޝްވަރާކުރުމަށް މަސްވެރިކަން ކުރާ ކުންފުނިތަކުން ތައްޔާރުވެއްޖެއެވެ. މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން އަންނަ ހަފްތާގައި މިކަމާއިމެދު މަޝްވަރާ ކުރުމަށް ބައްދަލުކުރާނެއެވެ.

ތައިލެންޑުގެ ބާޒާރަށް ބަލައިލާއިރު، މި އަހަރުގެ ކުރީކޮޅު ކަޅުބިލަމަހުގެ މެޓްރިކް ޓަނެއްގެ އަގު ހުރީ 1،600 އެމެރިކާ ޑޮލަރުގެ ރޭޓެއްގައެވެ. ނަމަވެސް، މި އަގު މިމަހު ވަނީ 900 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. ކަޅުބިލަމަހުގެ އަގު ރެކޯޑް މިންވަރަކަށް ދަށަށްގޮސްފައި މިވަނީ، ކަޅުބިލަމަސް ބާނާ މިންވަރު އިތުރުވެ، ބާޒާރުގައި އޮތް ޑިމާންޑަށްވުރެ ސަޕްލައި އިތުރު ވުމުންނެވެ.

މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރާ ފަރާތްތަކަށެވެ. ޚާއްޞަކޮށް، ދާ އަޅައިގެން މަސްވެރިކަން ކުރާ އުޅަނދުތަކާއި ކުންފުނިތަކަށެވެ. މިކަމާއި ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދާ އަޅައިގެން މަސްވެރިކަން ކުރާ ފަރާތްތަކަށް މާލީ ގޮތުން ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. މި ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތައް މިހާރު ހިންގަމުންދަނީ ގެއްލުމުގައެވެ.

ކައިރި މުސްތަޤުބަލުގައި ކަނޑުމަހުގެ އަގުތައް އިތުރަށް ދަށަށް ދާނެ ކަމަށް އަންދާޒާ ކުރެވޭއިރު، މިކަމާއި ގުޅިގެން ދާ އަޅައިގެން މަސްވެރިކަން ކުރާ ފަރާތްތަކަށް ފޫ ނުބެއްދޭވަރުގެ ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެއެވެ. މިކަމާއިމެދު މަޝްވަރާ ކުރުމަށް ދާ އަޅައިގެން މަސްވެރިކަން ކުރާ ކުންފުނިތަކުގެ ޖަމްޢިއްޔާ ކަމަށްވާ ވަރލްޑް ޓޫނާ ޕަރސް ސެއިން އޮގަނައިޒޭޝަން (ޑަބްލިޔު.ޓީ.ޕީ.އޯ.) އިން މި މަހުގެ 13 ވަނަ ދުވަހު ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބައްދަލުކުރާނެއެވެ.

މިއީ، ކަނޑުމަހުގެ އަގުތައް ވެއްޓެން ފެށުމާއި ގުޅިގެން އެ ޖަމްޢިއްޔާގެ މެންބަރުން ބައްދަލުވާން މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. އޮކްޓޯބަރު މަހުގެ ފަހުކޮޅު ބޭއްވުމަށް މަސައްކަތް ކުރި ބައްދަލުވުން އެ ޖަމްޢިއްޔާއިން މި ނޮވެމްބަރު މަހަށް ފަސްކޮށްފައިވަނީ، ވީހާވެސް ގިނަ މެންބަރުންނަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

"އަންޑަރކަރަންޓް" ނޫހުން ރިޕޯޓްކުރާ ގޮތުގައި، ކަނޑުމަހުގެ އަގު ރެކޯޑް މިންވަރަކަށް ވެއްޓުނު ނަމަވެސް، ޕެސިފިކް ކަނޑުގެ ހުޅަނގުގެ ސަރަހައްދުގައި މަސްވެރިކަން ކުރާ އުޅަނދުތަކުން މަސްވެރިކަން ހުއްޓާލާފައެއް ނުވެއެވެ. ސަބަބަކީ، މަސްވެރިކަން ހުއްޓާލައިފިނަމަ، ނުވަތަ މަޑުޖައްސާލައިފިނަމަ، އެ ބޯޓުފަހަރަށް މާލީ ގޮތުން ލިބޭ ގެއްލުން މާ ބޮޑުވާނެތީއެވެ.

ދާ އަޅައިގެން މަސްވެރިކަން ކުރާ އުޅަނދުތަކެއް.

"ގިނަ ބޯޓު ފަހަރުން މަސްވެރިކަން މަޑުޖައްސާލާފައި ނުވަނީ، މިކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރަން. މިސާލަކަށް ބުނަނީ ނަމަ، އާންމުކޮށް ބޯޓު ފަހަރުތަކަށް ދުވާލެއްގެ މައްޗަށް 10،000 އެމެރިކާ ޑޮލަރާއި ގާތްކުރާ އަދަދަކަށް ޚަރަދުކުރަން ޖެހޭނެ. އަދި، މަސްވެރިކަން މަޑުޖައްސާލުމުން ދުވާލެއްގެ މައްޗަށް ކުރަން ޖެހޭ ހޭދަ ބައެއް ފަހަރު 20،000 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާ. އެހެންވީމަ، މަޑުޖައްސާލުމަށްވުރެ، މަސްވެރިކަމަށް ނިކުތުމުން އެ މީހުންނަށް ލިބޭ ގެއްލުން ކުޑަކުރެވޭ،" ޕެސިފިކް ކަނޑުގެ ހުޅަނގުގެ ސަރަހައްދުގައި މަސްވެރިކަން ކުރާ ފަރާތަކުން އަންޑަރކަރަންޓް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މި ދާއިރާގެ މާހިރުން ޤަބޫލު ކުރާ ގޮތުގައި، ކުރިއަށް އޮތް ޑިސެމްބަރު އަދި ޖެނުއަރީ މަހަކީ، ދާ އަޅައިގެން މަސްވެރިކަން ކުރާ ކުންފުނިތަކަށް ގެއްލުން ބޮޑުވާނެ ދެ މަހެވެ. ސަބަބަކީ، ކަނޑުމަހުގެ އަގުތައް އިތުރަށް ދަށަށް ދާނެ ކަމަށް އަންދާޒާ ކުރެވޭތީއެވެ. އަދި، ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހު ކަނޑުމަސް ޓަނެއްގެ އަގު 900 އެމެރިކާ ޑޮލަރުގައި އޮވެއްޖެ ނަމަ، އެ ކުންފުނިތަނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ.

މިކަމަށް އޮތް ހަމައެކަނި ހައްލެއްގެ ގޮތުގައި ފެންނަނީ، މަސްވެރިކަން މަޑުޖައްސާލުމެވެ. ޚާއްޞަކޮށް، ދާ އަޅައިގެން ކުރާ މަސްވެރިކަމެވެ. ކޮންމެ އުޅަނދަކަށްވެސް، މަހުން ލެފުމަށްފަހު ވަކި މުއްދަތެއް ވަންދެން މަސްވެރިކަމަށް ނިކުތުން މަނާކުރުމެވެ. ނަމަވެސް، މިކަމުގައި ކުންފުނިތައް އެއް ގަލަކަށް އަރުވަން ޑަބްލިޔު.ޓީ.ޕީ.އޯ. އޮތީ ނުކުޅެދިފައެވެ. ފުރަތަމަ ކަމަކަށް، ކުންފުނިތަކުގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތްތައްވެސް އަދި މިހާތަނަށް މިވަނީ ނާކާމިޔާބު ވެފައެވެ.

ބައްދަލުވުން ބޭއްވޭ ގޮތް ވީ ނަމަވެސް، މަސްވެރިކަން މަޑުޖައްސާލަން ހުރިހާ ކުންފުނިތަކުން އެއްބަސްވެދާނެ ކަމަކަށް ނުބެލެވެއެވެ. އެއް ސަބަބަކީ، ހުރިހާ ކުންފުންޏަކުން މިފަދަ އެއްބަސްވުމަކަށް އިޙްތިރާމް ކުރާނެ ކަމާއިމެދު އިތުބާރު ނެތުމެވެ. ނަމަވެސް، ބައެއް މަސްވެރިން ޤަބޫލު ކުރާ ގޮތުގައި، މި ފަދަ އެއްބަސްވުމެއް ހެދުމަށް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ.

ކަނޑުމަހުގެ އަގުތައް ވެއްޓުމުގެ ޒިންމާ އުފުލަން ޖެހެނީ ދާ އަޅައިގެން މަސްވެރިކަން ކުރާ ކުންފުނިތަކުން ކަމަށް ޤަބޫލު ކުރާ ފަރާތްތައްވެސް މަދެއް ނޫނެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި، މަހުގެ އަގުތައް ވެއްޓެމުންދަނީ މަސްވެރިންގެ ސަބަބުންނެވެ. ވިކޭ ވަރަށްވުރެ، ނުވަތަ އޮތް ޑިމާންޑަށްވުރެ، މަހުގެ ސަޕްލައި އިތުރުވަނީ މަސްވެރިކަން މަޑުޖައްސާ ނުލުމުގެ ސަބަބުންނެވެ. މަސްވެރިކަން މަޑުޖައްސާލައިފި ނަމަ، ދެން ލިބިދާނެ މާލީ ގެއްލުން ބޮޑުވެދާނެ ކަމަށް ލަފާކޮށްފައެވެ. ޑިމާންޑް ދަށްވެފައިވަނީ ހަމައެކަނި ކަނޑުމަހުގެ އެކަންޏެއް ނޫނެވެ. ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިމާންޑުވެސް މިވަގުތު ދުނިޔޭގެ ބާޒާރުގައި ދަށެވެ. މިއީ، މިފަދަ ހާލަތެއް ޖެހިޖެހިގެން ކުރިމަތިވި ދެވަނަ އަހަރެވެ.