ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މިމަހު މާލޭގައި ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ސަޕޯޓަރުންގެ ފޯރިގަދަ ކުރުމުގެ ގޮތުން "މަވެސް ދަން" ގެ ނަމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކެމްޕެއިނެއް ފަށައިފި އެވެ.

ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖެ ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ. އެ އަށް ފަހު އަންނަ ހަފުތާގެ ހޯމަ ދުވަހު ބައްދަލުކުރާނީ ގުއާމްއާ އެވެ. 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒު ހިފާފައިވާއިރު، މި ދެ މެޗަކީ އެ ޓާގެޓަށް ހާސިލުވުމަށްޓަކައި މޮޅުވުން އެންމެ މުހިންމު ދެ މެޗެވެ.

"މަވެސް ދަން" ކެމްޕޭން ފަށާފައިވަނީ އިއްޔެ ހަވީރު ޓާފް ދަނޑުގައި އެފްއޭއެމްއިން ކުރިއަށްގެންދިޔަ ފުޓްބޯޅަ ލެޖެންޑުންގެ ހަރަކާތަކުންނެވެ. ވީސްޕޯޓްސްއިން ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ދެ މެޗު ފޯރިގަދަ ކުރުމަށް ގައުމީ ފުޓްބޯޅަ ކޮމިޓީން ގިނަ ކަންތައްތަކެއް ރާވާލާފައިވާ ކަމަށެވެ. އެގޮތުން "މަވެސް ދަން" ކެމްޕެއިންގެ އިތުރަށް އަންނަ އަންގާރަ ދުވަހު ފިލިޕީންސް މެޗަށް ޓިކެޓް ވިއްކަން ފެށުމުގެ ގޮތުންވެސް އެފްއޭއެމް ސަރަހައްދުގައި ފޯރިގަދަ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އެދުވަހު ހަވީރު ޓިކެޓް ވިއްކަން ފަށާއިރު، އެ ސަރަހައްދުން ގައުމީ ޓީމުގެ އައު ޖާޒީ ވިއްކަން ހުންނާނެ ކަމަށާއި، އަދި ޖާޒީ ގަންނައިރު ވަގުތުން ފަހަތުގައި ނަމާއި ނަންބަރު ޖެހޭނެ ގޮތްވެސް މަގުފަހިކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ދާދި ފަހުން ބައްސާމް ވަނީ ރާއްޖޭގެ ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވަނީ ގައުމީ ޓީމަށް ހިތްވަރު ދިނުމުގައި ދަނޑަށް ގޮސް ކުރެވޭނެ ކަންތައްތަކާއި އެ ނޫން ވެސް ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.

މެލޭޝިއާ ކުރިއަށްދާ ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު ގައުމީ ޓީމު އެނބުރި މާލެ އަންނާނީ މިރޭގެ ވަގުތެއްގައެވެ.

މި ދެ މެޗަށް ގައުމީ ފުޓްބޯޅަ ދަނޑުގެ ސިޑިބަރިތައް ހުޅުވާލާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމު ކޮމިޓީގެ ޗެއާމަން އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވި ނަމަވެސް، ދާދިފަހުން ވީސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ ސިޑިބަރިތައް އަލުން ހުޅުވުމަށް މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމެއް ކުރަން ހުއްދަ ނުދެވޭނެ ކަމަށާއި، އެހެންކަމުން ސިޑިބަރިތައް ބޭނުންނުކުރެވޭނެކަން އެފްއޭއެމްއަށް އަންގާފައިވާނެ ކަމަށެވެ. އެކަމަކު ސިޑިބަރިތައް ބޭނުން ނުކުރެވުނަސް މި ދެ މެޗަށް އޮލިމްޕަހާއި ދިމާލުގައި ދަނޑު ބޭރުން ބޮޑު ސްކްރީން ހަރުކުރާނެ ކަމަށާއި، އޭރަށް ދަނޑަށް ނުވަދެވޭ ސަޕޯޓަރުންނަށްވެސް އެ މާހައުލުގައި މެޗު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ހަތަރުވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބި އެވެ.