ހުޅުމާލޭގައި، މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ވަރލްޑް ބޭންކުގެ ވަފްދުން ބައްލަވާލައިވިފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރި ޒިޔާރަތުގައި ދިވެހިރާއްޖެއިން ތަރައްގީގެ މަގުގައި އިސްކަންދޭ ކަންތައްތަކާއި ހުރި ދަތިތަކާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި ކަމާ ބެހޭ އެހެނިހެން ފަރާތްތަކާ އެކު ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އެ މަޝްވަރާތަކަށް ބިނާކޮށް ވޯލްޑް ބޭންކްގެ ސިޔާސަތު އެ ކަންކަމާ ގުޅުވާލެވިގެންދާނެކަން އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މި ޒިޔާރަތުގައި، ވޯލްޑް ބޭންކް އެގްޒެކްޓިވް ޑިރެކްޓަރުން ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި މިނިސްޓަރ އޮފް ފިނޭންސް އަލްފާޟިލް އިބްރާޙިމް އަމީރުގެ އިތުރަށް މިނިސްޓްރީގެ އިސްބޭފުޅުންނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިސްބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވޯލްޑް ބޭންކާއި ރާއްޖެއާއި ދެމެދުގައި އޮތް 40 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަރައްގީގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އަދި މާލީ ނިޒާމްގެ ތެރެއިން ތަރައްގީ އާއި ކުރިއެރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކުގެ އިތުރަށް، ސަރުކާރުން އިސްކަންދޭ އިސްލާހީ ފިޔަވަޅުތަކަށް ވޯލްޑް ބޭންކުން އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރަށް އަމިއްލަ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން، ފިނޭންސް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސްބޭފުޅުންނާ އެކުވެސް ވަނީ މަޝްވަރާ ކުރައްވާފައިވެއެވެ.

ވޯލްޑް ބޭންކުގެ ވަފުދުން ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ އައްްޑޫ ސިޓީއަށް ޒިޔާރަތްކުރައްވައި އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގާއި އެ ސިޓީގެ ބައެއް އިސްބޭފުޅުންނާއި ޕާލޭ މޯލްޑިވްސްގެ މަންދޫބުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި އައްޑޫގައި، އެހީދޭ ފަރާތްތަކުން ގާއިމްކޮށްފައިވާ ޓްރަސްޓް ފަންޑެއް ކަމަށްވާ "ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް" މެދުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އައްޑޫ އަށް ލިބޭ އަދި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް އެބޭފުޅުން ވަނީ ބައްލަވާލައްވާފައެވެ. އައްޑޫގައި އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ، ޔޫރަޕިއަން ޔޫނިއަން އަދި ޑީއެފްޓީ (އޮސްޓްރޭލިއާ ސަރުކާރު) އާ ގުޅިގެން، ވޯލްޑް ބޭންކުންނެވެ.

ދިވެހިރާއްޖޭގައި މިވަގުތު ކުރިއަށްދާ މަޝްރޫއުތަކަށް ބަލާލާއިރު، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީ (އައިޑީއޭ) ގެ 1 ގެރެންޓީ އާއި 6 އިންވެސްޓްމަންޓް މަޝްރޫއު ދަނީ ހިނގަމުންނެވެ. އެ މަޝްރޫއުތައް އަމާޒުކޮށްފައި ވަނީ، މަސްވެރިކަމާއި، ކުނި މެނޭޖްކުރުމާއި، ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ ދާއިރާގެ އިތުރަށް، ފަތުރުވެރިކަމާއި އައިޓީ ދާއިރާ އަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށެވެ. އަދި އެ ކަންކަމަށް، ޖުމްލަ 104 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރަށް މުޅި މާލީ ނިޒާމް އިސްލާހުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ކެޓެސްޓްރޮފީ-ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ހިމެނޭ ގޮތަށް ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ލޯނެއް ރާއްޖެއަށް ދޫކޮށްފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި ސަރުކާރުގެ ގާބިލްކަން އިތުރުކުރުމަށް ޕެންޑެމިކް އިމަޖެންސީ ފައިނޭންސިން ފެސިލިޓީ (ޕީއީއެފް) އެއް ވެސް ވަނީ ހަމަޖައްސައިދީފައެވެ.

މީގެ އިތުރަށް ޕީއީއެފް މެދުވެރިކޮށް، ބޮޑު ސަރަހައްދަކަށް ފެތުރުމުގެ ބިރު އޮންނަ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އިތުރު ފައިސާ ރާއްޖެއަށް ހަމަޖެހިގެންދާނެ ކަމަށް ވެސް ވޯލްޑް ބޭންކުގެ ވަފުދުން ވަނީ ބުނެފައެވެ.