އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު މޮޅުވެއްޖެ އެވެ.

މިފަހަރުގެ މުބާރާތާ އަންހެން ގައުމީ ޓީމު ކުރިމަތިލާފައިވަނީ މެޑެއްޔެއް ހޯދުމަށް ޓާގެޓް ކޮށްގެންނެވެ. ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން އަންހެން ޓީމު މޮޅުވީ 3-2 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 26-24 އިން ރާއްޖެއިން ކާމިޔާބުކުރި ނަމަވެސް، އަނެއް ދެ ސެޓު ކާމިޔާބުކުރީ ކިރްގިސްތާނުންނެވެ. ދެވަނަ ސެޓު 25-22 އިން ގެންދިޔައިރު، ތިންވަނަ ސެޓު ގެންދިޔައީ 25-14 އިންނެވެ.

އެކަމަކު ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް އަނެއް ދެ ސެެޓު ކާމިޔާބުކޮށްފައެވެ. ހަތަރުވަނަ ސެޓު 25-18 އިން ކާމިޔާބުކުރިއިރު، ފަސްވަނަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 15-10 އިންނެވެ.

ކިރްގިސްތާނާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން ---

މިފަހަރުގެ މުބާރާތާ ރާއްޖޭގެ އަންހެން ޓީމުން ކުރިމަތިލާފައިވަނީ ގޮންޖެހުންތަކަކާ އެކުއެވެ. ޓީމުގެ ކޯޗެއްގެ ގޮތުން ހަރަކާތްތެރިވަނީ މުހައްމަދު ފައިސަލް އެވެ. އަދި މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުންނެވެ. އެކަމަކު މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭވީސީގެ ރައީސް ސޮއިކުރައްވައި ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ފޮނުވި ސިޓީއެއްގައި، އޭވީސީއާ ގުޅޭ މުބާރާތެއްގައި މުއާމަލާތް ކުރަންވާނީ މުހައްމަދު ލަތީފްއާ ކަމަށް އެންގުމުން، ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ލަތީފް ފޮނުވި ޓީމު ލިސްޓުގައި ކޯޗަކަށް ހަމަޖައްސާފައިވަނީ ކޯޗު އަހުމަދު ސުނާން އެވެ.

އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު، ދެވަނަ މެޗުގައި މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ތިންވަނަ މެޗުގައި ހޯމަ ދުވަހު އަފްޣާނިސްތާނާ ބައްދަލުކުރާއިރު، ބުދަ ދުވަހު ނުކްނާނީ ނޭޕާލާ ދެކޮޅަށެވެ.