ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް އައްޑޫ ސިޓީގައި ރަސްމީކޮށް ފަށައިފި އެވެ.

އައްޑޫ ސިޓީ ގަން އީކުއޭޓަރ ވިލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤްއާއި ސިޓީ ކައުންސިލް މެމްބަރުންނާއި އައްޑޫ ސިޓީގައި ހުރި މުއައްސަސާތަކުގައި މަސައްކަތްކުރާ އިސްވެރިންނާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތާއެކު އައްޑޫ ސިޓީގެ ގޭބިސީތަކަކާއި އެ އޮފިސަރަކަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، ގޭބިސީތަކާއި އެސަރަަހައްދުތަކުގެ އާންމު މަޢުލޫމާތު އޮޅުފިލުވާނެ ކަމަށް ފުލުހުންގެ އިދާރައިން ބުނެއެވެ. އަދި އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު އަމަލުތަކާއި އެސަރަހައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުށްމަދުކުރުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މަޢުލޫމާތު، އެ ސަރަޙައްދުގައި ހިމެނޭ އާންމު ރައްޔިތުންނާއި ހިއްސާކޮށް، ކުށުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެކި މައްސަލަތަކުގައި ހެކިބަސްދޭ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގެ އަވަށްތައް ބެހިފައިވާގޮތަށްބަލައި، ނެއިބަރހުޑް ސަޕޯޓް އޮފިސަރުން ކަނޑައަޅާފައި ވަނީ 21 ސަރަޙަދަކަށެވެ. އަދި ކޮންމެ ސަރަޙައްދެއްގައި ނެއިބަރހުޑް ދެސަޕޯޓް އޮފިސަރުން ހަރަކާތްތެރިވަމުންދާނެކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

އާންމު ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމްވެފައިވާ ތަނަކަށް ހެދުމާއި، ގޭބިސީތަކާއި ގޭބިސީތައް ހިމެނޭ ސަރަޙައްދުތަކަކީ ދިރިއުޅުމަށާއި ހިނގާބިނގާވެ އުޅުމަށް ފަހި، ހިތްްގައިމު މާޙައުލަކަށް ހެދުމަށާއި އަދި އާންމު ރައްޔިތުންނަށް ދިމާވާ ކަންބޮޑުވުންތައް ފުލުހުންނާއި ފަސޭހައިން ހިއްސާކޮށް، އެކަންކަމުގެ ޙައްލު ހޯދައިދިނުމުގެ ގޮތުން ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ފަށާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި ޚިދުމަތް މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައިވެސް ދަނީ ފޯރުކޮށްދެމުންނެވެ.