މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ކަނޑައަޅަން ނިންމާފައިވާ ޕިކްނިކް އައިލެންޑުގެ މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދުމަށް ޕްލޭނިން މިނިސްޓްރީން ނިންމައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޕިކްނިކް އައިލެންޑާއިގުޅިގެން އާންމުންގެ ހިޔާލު ހޯދުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި ހިޔާލު ހޯދުމަށް ބަައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަަމަށާއި، އެ ބައްދަލުވުން އަންނަ ހަފްތާގެ އަންގާރަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ދަރުބާރުގޭގައި ކުރިއަށްދާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީއިން ވަނީ ވީހާވެސް ގިނަ އާންމުން މި ބައްދަލުވުމުގައި ބައިވެރިވެ، ޕިކްނިކް އައިލެންޑާ ގުލޭގޮތުން އެފަރާތެއްގެ ހިޔާލު ހުށައެޅުމަށް އެދިފައެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުގޮސް ހިތް ފަސޭހަކޮށްލާނެ ރަށެއް ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދިނުމަށް ނިންމި ވައުދެކެވެ.

ޕިކްނިކް އައިލެންޑް އެނބޫދޫ ފަޅުގައި ތަރައްގީކުރުމަށް ނިންމާފައި ވާއިރު، ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަސައްކަތް ސިންހާ އެސްޓޭޓް ކިޔާ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެވެ. ސިންހާ އެސްޓޭޓުން އެ މަސައްކަތް ކުރަމުންގެންދަނީ އިތުރު 7 ކުންފުންޏަކާ ގުޅިގެންނެވެ. އެނބޫދޫ ފަޅުގައި މިހާރު ގިނަ މަސައްކަތްތަކެއް ކުރިއަށްދާއިރު، އެ ފަޅުގައި މިހާރު ވަނީ "ކްރޮސްރޯޑްސް" ރިސޯޓް ތަރައްގީކޮށްފައެވެ. ޕިކްނިކް އައިލެންޑް ތަރައްގީކުރަން ނިންމާފައި ވަނީ ކްރޮސްރޯޑްސް މަޝްރޫއުގެ ބައެއްގެ ގޮތުގައެވެ.

ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރަން ނިންމާފައިވާ މިރަށުގައި ބީޗް ސްޕޯޓްސް، ވޯޓާ ސްޕޯޓްސް ފެސިލިޓީއާއި، ބާބަކިޔު ހެދޭނެ ގޮތްތަކާއި، ބީޗް އެކްޓިވިޓީސްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާއި، ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބަކާއި، ފިރިހެނުންނާއި އަންހެނުންނަށް ވަކިން ޗޭންޖިން ރޫމަކާއި، ފެމެލީ ރޫމްސްގެ އިތުރަށް ލައިފްގާޑުން ވެސް ބޭތިއްބުމަށް ވަނީ ނިންމާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާ، އާންމުންނަށް ހުޅުވާލުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ސިންހާ އެސްޓޭޓުން ވަނީ ހާމަކޮށްފައެވެ.