ރައްޔިތުންގެ މެދުގައި އާމްދަނީގެ ފަރަގު ކުޑަކޮށް، މުއްސަނދިންނާއި ނިކަމެތިންގެ ފަރަގު ކުޑަކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ވާހަކައަކީ މިއަދަކު އިވެން ފެށި ވާހަކައެއް ނޫނެވެ. 2010 ވަނަ އަހަރު ރާއްޖެއަށް ޓެކްސްގެ ނިޒާމު ތައާރަފު ކުރެވުނީއްސުރެ އެކި ފެންވަރުގައި އެވާހަކަ އަންނަނީ ދެކެވެމުންނެވެ. އޭގެ ފަހުން އައި ކޮންމެ ސަރުކާރަކުން ވެސް އެ ވާހަކަ ދެއްކިއެވެ. މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރުތެރޭ ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހެޅުނެވެ. މަހަކު 30،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ނަގާގޮތަށް ހުށަހެޅި އެ ބިލު ފާސްކުރުމަށް އޭރު ހިނގަމުންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ދެކޮޅުހެދީއެވެ.

ރިޔާސީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ބޭފުޅުން ރައްޔިތުންނަށް ދައްކަވާ ހުވަފެނަކަށް ވެސް "އިންކަމް ޓެކްސް" ވަނީ ވެފައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި ވެސް އިންކަމް ޓެކްސް ނެގުން ހިމެނެއެވެ. ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ވަނީ އާމްދަނީ ލިބޭ ނިސްބަތުން އިންކަމް ޓެކްސް 2020 ވަނަ އަހަރު ނަގަން ފަށާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓެކްސްގެ ނިޒާމު މިހާރަށްވުރެ ފުރިހަމަކުރުމުގެ ގޮތުން، އަޅުގަނޑު ގަސްދުކުރަނީ، އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް، މި އަހަރުގެ ތެރޭގައި މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން، އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފެށޭނެ. އޭރުން، އަޅުގަނޑުމެން މި އެދޭ، ޖަޒީރާވަންތަ ތަރައްގީގެ ހިތްފަސޭހަކަން ލިބެން ފަށާނެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ސަރުކާރުގެ ވައުދާ އެއްގޮތަށް އިންކަމް ޓެކްސް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި މިހާރު ވަނީ ބަހުސް ފަށާފައެވެ. އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މި ބިލުގައިވާގޮތުން މަހެއްގެ މައްޗަށް 40،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ ނުވަތަ އަހަރެއްގެ މައްޗަށް 480،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ، އެމީހަކު އިންކަމް ޓެކްސް ދައްކަން ޖެހޭނެއެވެ.

އާމްދަނީގެ ގޮތުގައި 40،000 އާއި 60،000 އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ނަގަން ހުށަހަޅާފައިވަނީ އާމްދަނީގެ 8 އިންސައްތައެވެ. އަދި 60،000 އާއި 100،000 އާ ދެމެދުގެ އާމްދަނީީ ލިބޭ މީހުންގެ އަތުން 10 އިންސައްތައެވެ. 100،000 އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން ޓެކުހުގެ ގޮތުގައި ދައްކަން ހުށަހަޅާފައިވަނީ އާމްދަނީގެ 15 އިންސައްތައެވެ.

އިންކަމް ޓެކްސްގެ ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު

އިންކަމް ޓެކްސް ނަގަން ފަށާއިރު ގާތްގަނޑަކަށް 6،000 މީހުންގެ އަތުން އެ ޓެކްސް ނެގޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މީގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވެނީ 40،000 އާއި 60،000 އާ ދެމެދުގެ އާމްދަނީ ލިބޭ 2،621 މީހުންނާއި، 60،000 އާއި 10،000 އާ ދެމެދުގެ އާމްދަނީ ލިބޭ 2،285 މީހުންނާއި، 100،000 އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ 960 މީހުންނެވެ. އިންކަމް ޓެކްސް މެދުވެރިކޮށް ދައުލަތަށް އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެއެވެ.

އާމްދަނީގެ ގޮތުގައި ބިލުގައި ހިމަނާފައިވަނީ އުޖޫރައާއި، ވިޔަފާރީގެ އާމްދަނީއާއި، އުފުލޭ މުދާ އަދި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީއާއި، ޑިވިޑެންޑާއި، އިންޓަރެސްޓާއި، އެނުއިލިޓީއާއި، ޕެންޝަން އަދި ރިޓަޔަމެންޓް ބެނިފިޓާއި، ބެނިފިޝަރީންނަށް ލިބޭ އާމްދަނީއާއި، ޓެކްނިކަލް ސާވިސް ފީއާއި، ކޮމިޝަނާއި، ރޯޔަލްޓީއެވެ.

އިންކަމް ޓެކްސްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާއިރު ހޫނުގަދަ ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. އެންމެ ބޮޑަށް ބަހުސްކުރެވެނީ ޓެކްސް ނެގުމަށް ހުށަހަޅާފައިވާ އެންމެ ދަށް އާމްދަނީގެ އަދަދާ ގުޅޭގޮތުންނެވެ. ޓެކްސް ދައްކަންޖެހޭ އެންމެ ދަށް އާމްދަނީއެއްގެ ގޮތުގައި 40،000 ރުފިޔާ ބިލުގައި ހިމަނާފައިވާއިރު، މިއީ ރައްޔިތުންނަށް ސަރުކާރުން ދެއްކި މެނިފެސްޓޯގައިވާ އަދަދާ ޚިލާފު އަދަދެކެވެ. ސަރުކާރުގެ މެނިފެސްޓޯގައި ވަނީ އިންކަމް ޓެކްސް ދައްކަންޖެހޭނީ މަހެއްގެ މައްޗަށް 60،000 ރުފިޔާގެ އާމްދަނީއެއް ލިބޭ މީހުން ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު 2020 ވަަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަނީ

އިންކަމް ޓެކްސްގެ ބިލުގައި ހިމަނާފައިވާ އަދަދުތަކާމެދު ސީދާ އެމްޑީޕީގެ މެންބަރުންގެ މެދުގައި ވެސް ޚިޔާލުތަފާތުވުންތަކެއް ހުރިއިރު، 2020 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ވެސް އިންކަމް ޓެކްސް ވަނީ ހިމަނާފައެވެ. ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ތައާރަފުކުރުމަށް ހުށަހަޅާފައިވާ އައު ފަސް ކަންތަކުގެ ތެރޭގައި އިންކަމް ޓެކްސް ނެގުން ހިމެނެއެވެ. މިގޮތުން އިންކަމް ޓެކްސްއާއި އެއާ ގުޅޭ އެހެން ޓެކްސްތަކުން އަންނަ އަހަރު 706 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިނގާ ބަހުސްތަކަށް ބަލާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވާ އަދަދުތައް ހަގީގަތަކަށް ނުވުންވެސް އެކަށީގެން ވެއެވެ. ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހްމަދު ސަރުވަޝް އާދަމް ވިދާޅުވީ އިންކަމް ޓެކްސްގެ ބިލު ފަރުމާކޮށްފައިވަނީ ވަރަށް ގިނަ ދިރާސާތަކަކަށްފަހު ކަމަށެވެ. ބިލުގައި ހުރި ކަންކަމަށް ބަދަލުގެންނަ ގޮތަކުން، ބަޖެޓުގައި ލަފާކޮށްފައިވާ އާމްދަނީއަށް ބަދަލުއައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ދައުލަތުގެ ޓެކްސް އިދާރާ (މީރާ)
ފަރުދުންގެ އާމްދަނީން ލިބޭނެ ކަމަށް އަޅުގަނޑުމެން ލަފާކޮށްފައި އޮތީ 348 މިލިއަން ރުފިޔާ. އެ މަދުވެގެން އަންނާނެ ޓެކްސްފްރީ ތްރެޝްހޯލްޑް މައްޗަށް ޖައްސައިފިއްޔާ. އެެހެން ކަންކަން ބަދަލުކުރާ ވާހަކަވެސް އެބަދެކެވޭ. އަޅުގަނޑުމެން އޮތީ ޑިވިޑެންޑުން ޑަބަލް ޓެކްސް ނުކުރާ ގޮތަށް ހުށަހަޅާފައި. އެކަމަކު ޑިވިޑެންޑް ކޯޕަރޭޓް ލެވެލްގައި ޓެކްސް ކުރުމަށްފަހު ހަމަ ފަރުދުންގެ ލެވެލްގައި ޓެކްސް ދައްކާ ވާހަކަވެސް އެބައާދޭ. އެއީ އާމްދަނީ ވަންނާނެ ކަމެއް ދައުލަށް
އަހްމަދު ސަރުވަޝް އާދަމް

ސަރުވަޝް ވިދާޅުވީ ބަޖެޓުގައި އާމްދަނީގެ ބައި ލަފާކޮށްފައި ހުންނާނީ މަޖިލީހަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބިލުގައި ހުރި އަދަދުތަކަށް ބަލައިގެން ކަމަށެވެ. އެހެންކަމުން ބިލަށް ގެނެވޭ ބަދަލެއްގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށް ބަދަލުއަތުވެދާނެ ކަމަށެވެ. ބިލު ފަރުމާކުރީ އިގުތިސާދީ ކަންކަމަށް ރިއާޔަތްކުރެވިގެން ކަމަށާއި ފިނޭންސް މިނިސްޓްރީން އެދެނީ ސަރުކާރުން ހުށަހަޅާފައިވާގޮތަށް ބިލު ފާސްވެގެން އައުމަށް ކަމަށް ސަރުވަޝް ވިދާޅުވިއެވެ. ނަމަވެސް ޓެކްސް ނެގެނީ ރައްޔިތުންގެ އަތުން ކަމަށް ވުމުން ޓެކްސްގެ ކަންކަން ނިމިގެން އަންނަންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.