މަޢާފް ކުރެއްވުމާއި މަޢާފް ދެއްވުމުގައި ޖުމްހޫރީ ޕާރޓީގެ ލީޑަރުގެ ހުންނަ ހިތްވަރު އެހެން އެއްވެސް ސިޔާސީ ލީޑަރެއްގެ ނެތް ކަމަށް ޖުމްހޫރީ ޕާރޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމްގެ އެޑްވައިޒަރ އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.

އޮންރަބަލް ޤާސިމް އިބްރާހީމްގެ ކެތްތެރި ކަމާ، މީހުންގެ މެދުގައި ގެންގުޅުއްވާ ހަމަހަމަ އުޞޫލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިލްހާމް އަޙުމަދު ވަނީ ޖުމްހޫރީ ޕާރޓީގައި އުޅުއްވުމަށްފަހު ދުރުގައި ދުވަސްތަކެއްވަންދެން ހުންނެވުމަށްފަހު އެނބުރި ވަޑައިގަތުމުންވެސް ޤާސިމްގެ ހިތްޕުޅުގައި ބުރަކަމެއް ނެތްކަން ސާބިތު ކޮށްދެއްވައިފައި ކަމަށް ވިދާޅުވެފައެވެ.

ވީޓީ ވީން ކޮންމެ ހުކުރު ދުވަހެއްގެ ރޭ އެންމެންގެ ޖުމްހޫރީ ޕާރޓީގެ ނަމުގައި ގެނެސްދޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ޤާސިމް އިބްރާހީމަކީ ޕްރެކްޓިކަލް ބޭފުޅެއް ކަމަށެވެ. ދުރު ވިސްނަވައިގެން ކަންކަން ކުރައްވާ އެވެނި މީހާގެ އެވެނި ބޭފުޅު އަދި މިވެނި މީހާގެ ފަޤީރު ކޮޔަކީ ޤާސިމް ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އޭގެ ހެކި ޖުމްހޫރީ ޕާރޓީން އެކި ދާއިރާތަކަށްނެރުއްވައިފައި ބޭފުޅުންގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވާނެ ކަމަށާ އިލްހާމަކީވެސް އެކަމުގެ ސާފު ހެއްކެއްގެ ގޮތުގައި ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށެވެ.

ކުރިއަށްއޮތް ތާނގައި ޖުމްހޫރީ ޕާރޓީ ފެނިގެންދާނީ އެންމެ ޝަރަފްވެރި އެއް ޕާރޓީގެ ގޮތުގައި ފެނިގެންދިއުން އަޅުގަނޑުމެންގެ މައިގަނޑު ޓާރގެޓަކީ. މިސާލަކަށް ދަންނަވަންޏާ އޮނަރަބަލް ޤާސިމް އިބްރާހީމް، ޕާރޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާދަ ކުރެއްވިޔަސް އެމަނިކުފާނުވެސް ޚުދު ބޭނުންފުޅުވަނީ މިހާރު، ޕްރައިމަރީއެކޭ އޮންނަޖެހޭނީ. ޕްރައިމަރީންނޭ ތިމަން މަނކިފާނުވެސް ވަޑައިގަންނަވާނީ. ނުވަތަ އެ މަޤާމް ހަޖެހިގެން ދާން ޖެހޭނީ. ޕާރޓީ ލީޑަރުކަންވެސް އަދި ރިޔާސީ ކެންޑިޑޭޓްކަމުގައި ވިޔަސް. ހަމަ އެގޮތަށް ރަށު ގޮފިތަކެއްވިޔަސް، އަތޮޅު ކައުންސިލްކަމަށް ވިޔަސް ރަށު ކައުންސިލްކަމަށް ވިޔަސް ރައްޔިތުންގެ މަޖިލިސްގެ މެމްބަރު ކަމަށްވިޔަސް. ދެމީހަކު ވާދަކޮށްފިއްޔާ ހަމަ އެހާހިސާބުން ޤާނޫނީ އިމުގެ ތެރެއިން ލިބިގެންދާނެ ވޯޓު ލުމުގެ ޙައްޤު މާނައަކީ ޗޮއިސްއެއް ރައްޔިތުންނޭ ނިންމާނީ ނުވަތަ ޕާރީގެ މެމްބަރުންނޭ ނިންމާނީ." އިލްހާމް އަޙުމަދު

އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާރޓީގެ މިހާރުގެ މަސައްކަތަކީ ކުރިއަރަމުން އަންނަ ކޮންމެ މީހަކަށް ކުރިއަށްދިއުމުގެ ފުރުޞަތު ދިނުމަށްޓަކައި ޑިމޮކްރަސީގެ ރީތި އުޞޫލުން ކަންކަން ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. އަދި އެމަސައްކަތްތަކުގެ ބުރަކަމާ ބޮޑުކަމުން ނަތީޖާ ފެނުމުގައި ލަސްކަމެއް އުޅުނު ނަމަވެސް އޮނަރަބަލް ޤާސިމް އިބްރާހީމްގެ ލަފައާއި އިރުޝާދުގެ ދަށުން ތަންފީޒުވެގެން އަންނައިރު ނަތީޖާ ފެންނާނެ ކަމަށް އިލްހާމް ވިދާޅުވެފައި ވެއެވެ.

އިލްހާމް ވިދާޅުވީ ބައެއް މީހުނަށް ސިޔާސީ ގޮތުން ކަންކަން ހަޖަމުކުރުން އުނދަގޫ ވަނީ ކާމިޔާބު ކަމާއި އެކު ބަޔަކު ހެޔޮ މަސައްކަތްތަކެއް ކުރާތީ ކަމެވެ. އެގޮތުން ޤާސިމް އިބްރާހީމާ ދެކޮޅަށް އަޑު އުފުލާ ބަޔަކު އެކަންކުރަނީ ގިނަ ބަޔަކު އެކުވެގެން ވިސްނާ ވިސްނުމުން ގެނެސްފައިވާ ކަންކަމާ އެއްވަރުގެ ނުވަތަ އެއަށްވުރެ ޙިލްމުވެރި ގޮތެއްގައި ރައްޔިތުންނާ ހިސާބަށް ކަންކަން ގެނެސްދެއްވައިފައިވާތީ ކަމުގައެވެ.

އިލްހާމްގެ މިވާހަކަފުޅު ބޮޑަށް އިޝާރާތް ކުރައްވައިފައިވަނީ އެތައް ކުންފުންޏެއް ގުޅިގެން ނުވަތަ ވަކިވަކީން ތަރައްޤީކުރާ އިޤުތިޞާދާއާއި އެއްވަރުގެ އެތެރޭގެ އިޤުތިޞާދެއް ޤާސިމް އިބްރާހީމް ދިވެހި ރާއްޖެއަށް ގެނެސްދެއްވައިފައި ވާތީއެވެ. އެގޮތުން ވިޔަފާރި އިޤުތިޞާދުގެ ތެރޭގައި ދިވެހީންނަށް މިހާރުން މިހާރަށްބޭނުންވާ އަސާސީ ވަސީލަތްތަކުގެ ބޮޑުބައެއް ރާއްޖޭގައި އެމަނިކުފާނުގެ އިންވެސްޓްމަންޓުތަކުން ގެނެސްދެއްވައިފައިވުން ފާހަގަ ކުރައްވައިފައ ވެއެވެ.

އިލްހާމް ވިދާޅުވީ ޤާސިމް އިބްރާހީމްގެ އަރިއަހުގައި މަސއްކަތްކުރުމަކީ މީހާގެ ހިތްތިރިވެ އަދި އޯގާތެރިކަން އެމީހެއްގެ ކިބައިގާ އަށަގަންނާނެ ކަމެއް ކަމަށެވެ. އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތާ ޚިލާފު ނުވާ ކޮންމެ ކަމެއްގައި ޤާސިމްގެ އިބްރާހީމްގެ އޯގާތެރިކަން ފެނިވަޑައިގަންނަވާނެ ކަމަށެވެ.

މިވާހަކަފުޅު މިގޮތަށް ދައްކަވަމުން ކުރީގެ ސަރުކާރުން އެއްވެސް ކުށަކާއިނުލައި އިލްހާމް ޖަލަށްލައި އަނބިމީހާއަށް ކުރިގޯނާގެ ވާހަކަ ވަނީ ޙިއްޞާ ކުރައްވައިފައެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގައި އަނިޔާވެރިކަން ފެނިވަޑައިގަތް ނަމަވެސް އެމަނިކުފާނު ޖަލަށްލެއްވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް މަޢާފް ކުރައްވައިފި ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ހޫނު ގޮޅިއެއްގަ، ރޮށި ފިހެލެވޭނެ ބިތްގަނޑުގަ ތަތް ކޮަށްލީމަ ގާތްގަނޑަކަށް ރޭގަނޑު އަށެއް ނުވައެއް ޖަހާއިރު. ރޭގަނޑު ރޮށްޓެއް ފިހެލެވޭނެ. ބިތު ތަތްކޮށްލީމަ. މާނައަކީ ކޮންކްރީޓް ތަނެއްގަ ގަހެއް އެއްޗެއް ނުހުރެފަ މުޅީން ކޮންކްރީޓުން ހަދާފަހުރި ތަނެއްގަ ހުރީމަ ހޫނުގަދަކަމުން. ދުވާލަކު ތިން ފެންފުޅި ބޮޑު ތިން ފެންފުޅި އަޅުގަނޑު ހުސްކުރަން. އަދި އެވަރުން ނުވެގެން ޑީހައިދްރޭޓްވާތީ ލޮނު ފެން، ލޮނު ޕެކެޓް ގެންނަން ޖެހޭ. އެހެންވީމާ އެ ޙާލުގަ އޮތް މީހެއް އަޅުގަނޑަކީ. ޖަލުގަ، އަށްމަސްވަންދެން. އެހެން ނަަމަވެސް މިއަދު ސިޔާސީ ޙަޤީޤަތަކީ އަޅުގަނޑުގެ ހަތުރެއް ނޫން ރައީސް ޔާމީނަކީ. ރައްޓެއްސެއް މިއަދު އަޅުގަނޑު. ރައީސް ޔާމީނަށް މަޢާފް ކޮށްފިން. ސިޔާސީ ގޮތުން އެ ކުރަމުންދިޔަ މަސައްކަތުގަ ރައީސް ޔާމީނަށް އޭރު ޤަބޫލުކުރެވުނު ޤަބޫލު ކުރުންތަކެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑު ޖަލަށްލީ." އިލްހާމް އަޙުމަދު

އިލްހާމް ވިދާޅުވީ މިއީ ޤާސިމް އިބްރާހީމްގެ ވިސްނުންފުޅުގައިވެސް މީހުންނަށް ރަޙުމް ކުރެއްވުން ގެންގުޅުއްވާ ގޮތުގެ ނަތީޖާ ކަމަށެވެ. ސިޔާސީ ގޮތުން ދެބަސްވާ ފަރާތްތަކަށްވެސް ދަންނަވައިލަން ޖެހެނީ ދާއިރާގެ ގޮތުން ޖެހިލައިފައި ހިނގައިދާނެ ކަމަށެވެ. ނަމަވެސް އޯގާތެރިކަމާ ރަޙުމް ކުރުން އަދި އަދަބު އިޙުތިރާމަކީ ކޮންމެ މީހެއްގެވެސް ހުންނަން ޖެހޭ ސިފައަކަށްވާތީ ހިތްބުރަ ކުރެއްވުމުގެ ޚިޔާލުފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.