މިދިޔަ ސެޕްޓެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި 74 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަަތަށް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ފަންޑުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި 74,339,477 (ހަތްދިހަހަތަރުމިލިއަން ތިންލައްކަތިރީސްނުވަހާސް ހަތަރުސަތޭކަހަތްދިހަހަތެއް) ރުފިޔާ ގްރީން ފަންޑަށް ޖަމާކޮށްފައި ވެއެވެ. މި ފައިސާގެ ތެރޭގައި ރިސޯޓުތަކުންނާއި ހޮޓާތަކުންނާއި ގެސްޓްހައުސްތަކުން އަދި ސަފާރީ އުޅަނދުތަކުން ލިބުނު ފައިސާ ހިމެނެއެވެ.

އެގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިސޯޓުތަކުން 68,563,616 (ފަސްދޮޅަސްއަށްމިލިއަން ފަސްލައްކަފަސްދޮޅަސްތިންހާސް ހަސަތޭކަސޯޅަ) ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ގްރީން ފަންޑަށް ވަނީ ލިބިފައެވެ. ހޮޓާތަކުން 1,667,931 (އެއްމިލިއަން ހަލައްކަފަސްދޮޅަސްހަތްހާސް ނުވަސަތޭކަތިރީސް އެކެއް) ރުފިޔާ ލިބިފައިވާއިރު، ގެސްޓްހައުސްތަކުން 2,252,427 (ދެމިލިއަން ދެލައްކަފަންސާސްދެހާސް ހަތަރުސަތޭކަހަތާވީސް) ރުފިޔާ ލިބިފައިވެއެވެ. އަދި ސަފާރީ އުޅަނދުތަކުން 1,855,503.10 (އެއްމިލިއަން އަށްލައްކަފަންސާސްފަސްހާސް ފަސްސަތޭކަތިނެއް) ރުފިޔާ ގްރީން ފަންޑަށް ލިބިފައިވެއެވެ.

ސެޕްޓެމްބަރު މަހު ގްރީން ފަންޑަށް ލިބުނު އާމްދަނީ މިދިޔަ އޮގަސްޓް މަހާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. މިދިޔަ އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނި 72 މިލިއަން ރުފިޔާއެވެ.

ސެޕްޓެމްބަރު މަހު ގްރީން ފަންޑަށް ލިބުނު ފައިސާގެ ތެރެއިން ރިސޯޓުތަކުން 68 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، ރިސޯޓުތަކުން ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މާލެ އަތޮޅުގައި ހިންގާ ރިސޯޓުތަކުންނެވެ. އެގޮތުން މާލެ އަތޮޅުގައި ހިންގާ ރިސޯޓްތަކުން 23.7 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

އަދި މާލެއާއި މާލެ އަތޮޅުގައި ހިންގާ ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. އަދި ހޮޓާތަކުން 772،995 ރުފިޔާ ގްރީން ފަންޑަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން ގްރީން ފަންޑުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 729.65 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައި ވެއެވެ.

ގްރީން ޓެކްސް އަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކާއި އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ބޭރުގެ ފަތުރުވެރިއެއްގެ އަތުން، ކޮންމެ ރެއަކަށް ނަގާ ޓެކުހެކެވެ. ރިސޯޓުތަކާއި ހޮޓާތަކުން މި ޓެކްސް ނަގަނީ މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. ގެސްޓްހައުސްތަކުން ނަގަނީ، މީހަކަށް ތިން ޑޮލަރުގެ މަގުންނެވެ.