އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އަތުން 2-0 އިން މޮޅުވެ، ތާވަލުގެ ދެވަނައަށް ލެސްޓާ ސިޓީ ޖެހިލައިފި އެވެ.

މިރޭގެ މޮޅާއެކު ލެސްޓާ ދެވަނައަށް ޖެހިލީ ކުޅުނު 12 މެޗުން 26 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީ ވަނީ މިރޭ ކްރިސްޓަލް ޕެލަސް އަތުން 2-0 އިން މޮޅުވެފައެވެ. ޗެލްސީއަށްވެސް 12 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. ލެސްޓާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 11 މެޗުން 31 ޕޮއިންޓު ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 11 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި މާދަމާރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، ދެވަނައަށް އެރުމުގެ ފުރުސަތު ސިޓީއަށް އޮންނާނެ އެވެ.

ލެސްޓާގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 68 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލީޑު ނަގާފައެވެ. ޔޫރީ ޓިއެލެމަންސްގެ އެހީއާއެެކު މި ގޯލް ކާމިޔާބުކުރީ ފޯވާޑް ޖެމީ ވާޑީ އެވެ.

މި މެޗުގައި ލެސްޓާއިން ލީޑު ފުޅާކުރީ 75 ވަނަ މިނެޓުގައެވެ. ޖެމީ ވާޑީ ދިން ޕާހަކުން މި ގޯލް ޖެހީ ޖޭމްސް މެޑިސަން އެވެ.

މިރޭގެ މެޗުން މޮޅުވެ ތާވަލުގެ ދެވަނައަށް ލެސްޓާ ޖެހިލިއިރު، މި އަހަރު ފެބްރުއަރީ މަހު ލެސްޓާ ކޯޗުކަމާ ބްރެންޑަން ރޮޖާސް ހަވާލިވަފުން އެޓީމުން މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލެސްޓާގައި ރޮޖާސް ހުރި މުއްދަތުގައި އެ ޓީމަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުނީ ހަމައެކަނި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް އެވެ.

މިރޭ ލެސްޓާ އަތުން އާސެނަލް ބަލިވިއިރު، އެޓީމުގެ ކޯޗު އުނާއީ އެމެރީއަށް ވަނީ އިތުރު ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހިފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު 4 މެޗުންވެސް އާސެނަލަށް މޮޅެއް ލިބިފައެއް ނުވެއެވެ. އާސެނަލް ލީގުގައި އެންމެ ފަހުން މޮޅުވެފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުންނެވެ.