ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ލިއޮނެލް މެސީ ހެދި ހެޓްރިކާއެކު ތާވަލުގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފި އެވެ.

ލީގުގައި ރޭ އެއިބާ އަތުން 4-0 އިން މޮޅުވެ ރެއާލް މެޑްރިޑް އެއްވަނައަށް ޖެހިލި ނަމަވެސް، ދަންވަރު ކުޅުނު މެޗުން 4-1 އިން ސެލްޓަ ބަލިކޮށް ބާސާ ވަނީ އަލުން އެއްވަނައަށް އަރާފައެވެ. ރޭގެ ނަތީޖާއާއެކު ބާސާ އާއި ރެއާލް އަށްވެސް ކުޅުނު 12 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ބާސާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، މިހާފުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ގޯލް ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީ އެވެ.

ފުރަތަމަ ހާފު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ލޫކަސް އޮލާޒާ ހިލޭ ޖެހުމަކުން ސެލްޓައަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، އޭގެ ތިން މިނެޓު ފަހުން މެސީ ވަނީ ހިލޭ ޖެހުމަކުން ބާސާއަށް އަލުން ލީޑު ނަގާދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން 3 ވަނަ މިނެޓުގައި މެސީ ވަނީ ހިލޭ ޖެހުމަކުން އިތުރު ގޯލެއް ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މި ހެޓްރިކާއެކު މެސީ ވަނީ ލީގުގައި 34 ހެޓްރިކް ހަމަކޮށް އެންމެ ގިނަ ހެޓްރިކް ހަދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑާ ހަމަކޮށްފައެވެ.

މި މެޗުގައި ބާސާގެ ހަތަރުވަނަ ގޯލް ޖެހީ މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އެވެ.

އެއިބާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން ---

ލީގުގައި ރޭ ރަށުން ބޭރުގައި އެއިބާ އަތުން ރެއާލް މޮޅުވި މެޗުގައި އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ރެއާލަށް ލީޑު ނަގައިދިންއިރު، 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

އަދި އޭގެ 9 މިނެޓު ފަހުން އިތުރު ޕެނަލްޓީއަކުން ބެންޒެމާ ވަނީ ރެއާލްގެ ތިންވަނަ ގޯލް ޖަހާފައެވެ. އަދި އެޓީމުގެ ހަތަރުވަނަ ގޯލް 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެޑެރިކޯ ވަލްވޭޑޭ އެވެ.