ތަފާތު އެތައް ހަރަކާތްތަކަކާއެކު ފުރަތަމަ ފަހަރަށް މާލޭގައި ފުޑް ފެސްޓިވަލެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މިސްޓީކް އިވެންޓްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މި ފެސްޓިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 25 އިން 3 އަށް ކާނިވާ ސަރަހައްދުގައެވެ.

ފުޑް ފެސްޓިވަލްއާ ގުޅޭގތޮން މި އިވެންޓް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މިސްޓީކް އިވެންޓްސްގެ ފަރާތުން އަހުމަދު ސަވާދު ވިދާޅުވީ މި ފުޑް ފެސްޓިވަލް ވެގެންދާނީ މިގޮތަށް ރާއްޖޭގައި ހިންގޭ ފުރަތަމަ ފުޑް ފެސްޓިވަލް ކަމުގައެވެ. އެގޮތުން މި ފެސްޓިވަލްގައި އެކި ބާވަަތުގެ ކެއުމާއި ބުއިންތައް އެއްތަނަކުން ލިބިގެންދާނެ ކަމަށާއި، ސްޓޭޖް ޝޯވ އަދި ކުޑަކުދިންނަށް ޚާއްސަކޮށް ޕްލޭ އޭރިއާއެއްވެސް ފެސްޓިވަލްގައި ހުންނާނެ ކަމަށް ސަވާދު ވިދާޅުވިއެވެ.

ސަވާދު ވިދާޅުވީ މި ފެސްޓިވަލަކީ ކެފޭ ރެސްޓޯރެންޓުތަކުންނާއި، ބޭކަރީތަކުގެ އިތުރުން އާންމު ފަރުދުންވެސް އެފަރާތްތަކުގެ މެނޫގައި ހިމެނޭ ކާނާ، ރަހަބަލާލުމުގެ ފުރުސަތު އާންމުންނަށް ފޯރުކޮށްދެވޭނެ ފެސްޓިވަލެއް ކަމަށެވެ.

މީގެ އިތުރުންވެސް އަގުހުރި އިނާމުތަކެއް ލިބިގެންދާ އެތައް ހަރަކާތްތަކެއް މި ފެސްޓިވަލްގައި ހިމެނޭނެ ކަމަށް ސަވާދު ވިދާޅުވިއެވެ. ސަވާދު ވިދާޅުވީ މި ފެސްޓިވަލްގައި މުޅިއެކު 100 ސްޓޯލެއް ބަހައްޓާނެ ކަމަށެވެ. އަދި މި ސްޓޯލްތަކުގެ ތެރެއިން 15 ފަރާތަކަށް ހިލޭ ސްޓޯލް ދޫކުރާނެ ކަމުގައެވެ.

މޯލްޑިވްސް ފުޑް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރު 20 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މި ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7485860 މި ނަމްބަރަށް ގުޅާ އިތުރު މައުލޫމާތު ސާފުކުރުމަށް މިސްޓީކް އިވެންޓްސް އިން ވަނީ އެދިފައެވެ.