ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕުގައި ރޭ ކުުޅުނު މެޗުތަކުން ވިލިޖޯލި އާއި ވެމްކޯގެ އިތުރުން ވިލިމާލޭ ކޯސްޓްގާޑް މޮޅުވެއްޖެއެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ރޭ ކުޅުނު ފުރަތަމަ މެޗުން ވިލިޖޯލި މޮޅުވީ މޯލްޑިވްސް ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ވާދަކޮށް 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި ގްރޫޕުގައި އެމްޑަބްލިއުއެސްސީ ކުޅުނު ފުރަތަމަ މެޗުގައި ވިލިމާލެ ޕޮލިސް އަތުން 5-2 އިން މޮޅުވެފައެވެ.

ވިލިޖޯލި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ އާދަމް ނަހްވާން ވަނީ ހެޓްރިކެއް ހަދާފައެވެ. މި މެޗުގައި ދެން އެ ޓީމަށް ގޯލުތައް ޖަހައިދިނީ އަލީ އިފާޒް އާއި މުހައްމަދު އަޔާޒު އާއި ހުސައިން ސާމިލް އަދި މުހައްމަދު ވިލްފު އާއި ހުސެއިން ސުނިލް އެވެ. މީގެތެރެއިން ސާމިލް އާއި އަލީ އިފާޒް މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެެރިއަކަށް ހޮވުނީ ހުސެއިން ސުނިލް އެވެ.

ދެވަނަ މެޗުން ކުލަބް ވެމްކޯ މޮޅުވީ ސްޓެލްކޯ އާއި ވާދަކޮށް 6-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކުލަބް ވެމްކޯގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ ސަމީހް މޫސާ އާއި އަބްދުﷲ ޖުނާ އަދި އިބްރާހިމް މުބީން (މުއްކި) އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހާފައެވެ. ސްޓެލްކޯގެ ގޯލުތައް ޖަހައިދިނީ ހަސަން ނަސީރު އާއި އިވްރާހިމް ޒަމީރު އާއި ސުއައިދު ސައީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކީގެ އިބްރާހިމް މުބީން (މުއްކި) އެވެ.

ވިލި މުއައްސަސާ ކަޕުގައި ވެމްކޯ އާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އިމޭޖަސް

ތިންވަނަ މެޗުން ވިލިމާލެ ކޯސްޓްގާޑް މޮޅުވީ ވިލިމާލޭ ޕޮލިސް އަތުން 7-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކޯސްޓްގާޑުގެ އަބްދުﷲ ޝުޖާއު ހެޓްރިކެއް ހެދިއިރު އަހުމަދު އާލިފް ވަނީ ދެ ގޯލު ޖަހާފައެވެ. މި މެޗުގައި ދެން އެ ޓީމަށް ގޯލުތައް ޖަހައިދިނީ އާދަމް ޝަމީލް އާއި އަހުމަދު އަޝްރަފު އެވެ. ވިލިމާލެ ޕޮލިސް ޓީމަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ މުހައްމަދު ހަމްދޫން އާއި ހިޝާމް އަބްދުލް މަޖީދު އާއި މުހައްމަދު މައުސޫމް އެވެ.

ވިލި މުއައްސަސާ ކަޕުގައި ކޯސްޓްގާޑް އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އިމޭޖަސް

މުބާރާތުގައި މިރޭވެސް ފޯރިގަދަ ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމެއް ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ވިލިމާލެ ޕޮލިސް، އެމްޑަބްލިއުއެސްސީ، ވިލިޖޯލި އަދި އެމްއާރްސީސީ ކޯސްޓްގާޑްއެވެ. ގްރޫޕް ބީގައި ހިމެނެނީ މޯލްޑިވްސް ގޭސް، ކްލަބް ވެމްކޯ، ސްޓެލްކޯ އަދި ކްލަބް އެމްޓީސީސީއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ 15000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 5000 ރުފިޔާއެވެ. މީގެއިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމާއި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އިތުރުން ކޮންމެ މެޗެއްގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނެއެވެ.

ވިލި މުއައްސަސާ ކަޕްގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މީޑިއާ ޕާޓްނަރަކީ ވަންއޮންލައިން އެވެ. އޮންލައިން މީޑިޔާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. ސަޕޯޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާޑަން ބްރީޒެވެ. މުބާރާތުގެ އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބިދަބިންއެވެ. އެ މުބާރާތުގެ އޮފިޝަލް އިވެންޓްސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އިމޭޖަސް އެވެ. އަދި ބެވަރޭޖް ޕާޓްރަނަކީ ކޮކާކޯލާ އެވެ. އަދި ބްރޯޑްކާސްޓިން ޕާޓނަރަކީ ވީސްޕޯޓްސް އެވެ.