މޯލްޑިވްސް ޕޮލިޓެކްނިކްގެ 2020 ވަނަ އަހަަރުގެ ޖެނުއަރީ އިންޓޭކްގައި ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ބުނީ އެހެން އަހަރުތަކާ ހިލާފަށް އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ޕޮލިޓެކްނިކްގެ ހުރިހާ ކެމްޕަސްއެއްގައިވެސް މުޅިއެކު 7 ދާއިރާއަކުން 58 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ އިންޖިނިއަރިން، ކޮންސްޓްރަކްޝަން، ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، ބިޒްނަސް، ދަނޑުވެރިކަން އަދި އައި.ސީ.ޓީގެ ދާއިރާއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކަކީ މުޅިން ހިލޭ ކިޔަވައިދޭ މުއައްސަސާއަކަށް ވާއިރު، މިފަހަރު އަލަށް ޕޮލިޓެކްނިކުން ފަށާ ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެ ކޯސްތަކުގެ ތެރޭގައި ގައުމީ ސަނަދު ލިބޭ 15 ކޯހަކާއި، އިތުރު 4 ކޯހެއް ހިމެނެއެވެ. މީގެ އިތުރުން ޓްރެކްޓަރސް ސިންގަޕޯގެ 2 އިންޓާންޝިޕްއެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކުގެ ކޯސްތަކުގައި ބަިއވެރިވުމަށް ހުޅުވާލާފައިވަނީ 28 ނޮވެމްބަރ 2019 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯސްތަކުގައި ބައިވެރިވުމުގެ ފޯމް ޕޮލިޓެކްނިކްގެ މައި ކެމްޕަސް އަދި ޕޮލިޓެކްނިކްގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ. އަދި ފޯމް ވެބްސައިޓް މެދުވެރިކޮސް ހުށައެޅޭނެ ކަމަށް ޕޮލިޓކެނިކްއިން ބުނެފައިވެއެވެ.