ވިޔަފާރި ބަނދަރުތައް ހެދުމަށް ބޭނުންވާ ފީސިބިލިޓީ ހަދަން މިމަހުގެ ތެރޭގައި ކޮންސަލްޓެންޓަކާ ހަވާލުކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިޔާދު ހަމީދު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުުރުމަށް އުތުރާއި ދެކުނުގައި ޓްރާންސްޝިޕްމަންޓް ބަނދަރުތަކެއް ހެދުމަށް މަސައްކަތްތަަކެއް ކުރަމުންދާ ކަމަށެވެ. މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ޖުމްލަގޮތެއްގައި މުޅި ދިވެހިރާއްޖޭގެ އިގްތިސާދަށްވެސް ބޮޑެތި ގެއްލުންތަކެއްވާކަން އިޔާދު ވަނީ ފާހަގަކުރައްވާފައެވެ.

ގުޅިފަޅުގައި ބަނދަރު ތަރައްގީ ކުރުމަށް ނިންްމީވެސް އެސަބަބަށްޓަކައިކަން ފާހަގަކުރެއްވިއެވެ. ގުޅިފަޅުގައި ތަރައްގީކުރާ ބަނދަރު ވެގެންދާނީ ޒަމާނީ، ފެންވަރުގެ ބަނދަރަކަށް ކަމަށާއި އެބަނދަރުވެގެންދާނީ ސަރަހައްދީގޮތުންވެސް ފާހަގަކޮށްލެވޭ ބަނދަރަކަށްކަމަށް އިޔާދު ފާހަގަކުރެއްވިއެވެ. އަދި މިހާރު އޮތް ބަނދަރަށްވުރެ ޖާގައިގެ ގޮތުން ބޮޑު ބަނދަރެއް ގާއިމްކުރެވުމުން ރާއްޖޭގެ އިގްތިސާދަށްވެސް އެކަމުން ބޮޑެތި ފައިދާތަކެއްކުރާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

މިހާރުވެސް މާލޭގެ ބަނދަރުގައި ޓްރާންސްޝިޕް ކުރުމަށް ރިކުއެސްތް އާދޭ. އެކަމަކު އެވަރުގެ ޖާގައިގެ ތަނަވަސްކަން ނެތުމުން އެކަމަށް ހުއްދައެއް ނުދެވޭ."
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިޔާދު ހަމީދު

އެހެންކަމުން، އާ ބަނދަރަކާއެކު މިފަދަ ކަންކަމަށްވެސް ހައްލު ލިބިގެންދާނެކަމަށް އިޔާދު ފާހަގަކުރެއްވިއެވެ.

އިހަވަންދިއްޕޮޅުގައި އަދި ރާއްޖޭގެ ދެކުނުގައި ބަންކަރިންގ ފެސިލިޓީއާއެކު ޓްރާންސްޝިޕްމަންޓް ބަނދަރުތައް ތަރައްގީކުރުމަކީ، ކުރުމަށް އެންމެ ރަނގަޅު ކަމެއްތޯ ބެލުމަށް ޓަރމްސް އޮފް ރިފަރެންސް، ޓީއޯއާރު އަށްވެސް މީގެ ކުރިން ވަނީ ހުޅުވާލާފައެވެ.

ކުރީގެ ސަރުކާރުންވެސް އިހަވަންދިއްޕޮޅުގައި ބަންކަރިންގ ފެސިލިޓީއާއި އެކު ޓްރާންސްޝިޕްމަންޓް ބަދަރެއް ތަރައްޤީކުރުމުގެ މަޝްރޫއެއް ކުރިއަށްގެންދިޔުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެން ނަމަވެސް އޭރު އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ގޮތް ފީސަބަލް ނޫންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.