ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް (ޕީއެސްއައިޕީ)ގެ ބައެއް މަޝްރޫޢުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޭން ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމެޓީން ރޭ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގައި ކުރިއަށް ގެންދާ ބައެއް މަޝްރޫއުތައް އިންޓަނޭޝަނަލް ބިޑިންގ އަކަށް ހުޅުވާލުމުން މަޝްރޫޢުތައް ހިންގަން ބޭރުގެ ފަރާތްތަކުން ވާދަވެރި އަގުތަކެއް ހުށަހަޅާ ކަމަށެވެ. އެކަމަކު ޑޮމެސްޓިކް ބަޖެޓުން ހިންގާ މަޝްރޫޢުތަކަށް، ވަކި އުސޫލެއްގެ ދަށުން ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިހާރު އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ރާއްޖޭގެ ޑޮމެސްޓިކް ބަޖެޓުގެ ތެރެއިން ރާއްޖޭގައި މިކުރާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުތައް ރާއްޖޭގެ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ޓެންޑަރިންގ އުސޫލުތައް ބަދަލުކުރަން. އެ އުސޫލު ކުރިއަށް އޮތް މަސް ތެރޭގައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައި ގެޒެޓް ކުރާނަން."
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މިނިސްޓަރ ވިދާޅުވީ، ޑޮމެސްޓިކް ބަޖެޓުން ހިންގާ ޕްރޮޖެކްޓްތަކަށް ވަކި އުޞޫލެއްގެ ދަށުން ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް އުޞޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ އުޞޫލުގެ ދަށުން މަޝްރޫޢުތަކުގެ ކުޑަ، ބޮޑުމިނަށް ބެލުމަށްފަހު ބޭންޑްތަކެއް ކަނޑައެޅުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓރަ ވިދާޅުވިއެވެ.

މިސާލަށް 75 މިލިއަން ރުފިޔާއަށްވުރެ ދަށް ޕްރޮޖެކްޓެއް ނަމަ ބުނެވިދާނެ ހަމައެކަނި ރާއްޖޭގެ މީހުންނަށޭ އެއަށް ކުރިމަތިލެވޭނީ ވެސް. 75 މިލިއަނާ ވަކި ވަރަކާ ދޭތެރޭން ބުނެވިދާނެ މި ޕްރޮޖެކްޓްތަކަށް ލެވިދާނެ ބޭރުގެ ފަރާތްތަކާ ރާއްޖޭގެ ފަރާތްތަކަށް ޖޭވީ (ޖޮއިންޓް ވެންޗަރ) ހެދިގެން.".
މިނިސްޓަރު އަމީރު

މިނިސްޓާރ ވިދާޅުވީ، ބަޖެޓުގެ ދިހަ އިންސައްތަ ދާނީ ޑެޓް ސާރވިސިންއަށް ކަމަށާއި އެއީ އިންޓްރެސްޓް ޕޭމަންޓްސް ގޮތުގައި އާއި ޕްރިންސިޕަލް ޕޭމަންޓްސް ގޮތުގައި ކަމަށެވެ.

އަންނަ އަހަރާ ލަފާކުރާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ބަޖެޓަކީ މިހާތަނަށް ޕީއެސްއައިީ މަޝްރޫޢުތަކަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. އެގޮތުން އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 10.1 ބިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ. އޭގެ ތެރެއިން ހަ ބިލިއަން ރުފިޔާއަކީ ޑޮމެސްޓިކް ބަޖެޓުން ހިންގާ މަޝްރޫޢުތަކެވެ.

ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ބަލާލާއިރު މާލޭ ރީޖަންގައި 3.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގުމަށް ރާވާފައިވާއިރު މިބަޖެޓްގެތެރެއިން އަތޮޅުތެރޭގައި 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގުމަށް ވަނީ ނިންމާފައެވެ.