ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ ބައި ރާވާ ނިންމާލައިފިއެވެ.
ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ހާއްސަ ރަސްމިއްޔަތަކަށް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފަށްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ.
ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ރާވަމުން ދަނީ ޗާންދަނީ މަގު، މެދުޒިޔާރަތް މަގު ކަންމައްޗަށްވާގޮތަށް އޮންނަ ކުރީގެ ދިރާގުގެ ހެޑްއޮފީސް ހުރި ބިމުގައެވެ.
ކަޅުވަކަރު މިސްކިތުގެ ހިރި ގައު ތައް ރާވާ ނިމިފައިވާ އިރު މިހާރު ފަށާފައިވަނީ މިސްކިތުގެ މަތިވަޑާމުގެ މައްސައްކަތެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ ކުރިން މިސްކިތް ރޫޅާލި އިރު، މިސްކިތުގެ މަތިވަޑާންގަނޑު ބޭނުންނުކުރެވޭ ވަރަށް ހަލަކުވެފައިވާ ކަމަށެވެ. ދެން މިސްކިތުގައި އަަޅާ މަތިވަޑާންގަނޑު އަޅާނީ ހައިވަކަރުން ކަމުގައި ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ. އަދި ފުރާޅުގެ ގޮތުގައި މުސްކުޅި ގޮތް ދައްކާ ޓިނު ފުރާޅެއް ލުމަސްވެސް ވަނީ ނިންމާފައެވެ.
ކަޅުވަކަރު މިސްކިތް ރާވަމުން ދަނީ އެމިސްކިތުގެ ފަންނު ވެރި ކަމާ އާސާރީ މިސްކިތެއްގެ ގޮތުގައި ފެންނާނެ ހެންނެވެ.
މިސްކިތް މިހާރު ރާވަމުން ދަނީ އެމިސްކިތުގައި ނަމާދު ކުރެވޭ ގޮތަށެވެ. އަދި އެތަނަށް ޒިޔަރަތް ކުރާ ފަތުރުވެރިންނަށާއި ދިވެހިންނަށްވެސް ބޭނުން ކުރެވޭނެ ގޮތަކަށެވެ.
ކަޅުވަކަރު މިސްކިތަކީ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ރީތި މިސްކިތެކެވެ ވަރަށް މުހިންމު އާސާރީ ބިނާއެކެވެ. އަދި ކަޅުވަކަރު މިސްކިތަކީ ތާނަ އަކުރުގެ އެންމެ ދުވަސްވީ އެއް ލިޔުން ބިންވަޅުނެގިފައިވާ ތާރީޚީ، ބަހަވީ ތަރިކައެކެވެ.
200 އަހަރުވެފައިވާ ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ގެ ރަސްކަމުގައެވެ. މި މިސްކިތް ބިނާކުރައްވަން ފެއްޓެވީ، ޣިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައްވައިފައި އެ ގަނޑުވަރު ހުރި ބިމުގައެވެ.
ކަޅުވަކަރު މިސްކިތަކީ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުގެ ތާރީހެއްވެސް އޮތް މިސްކިތެކެވެ.