ވޯލްޑްކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި މި މަހު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް ތައްޔާރުވުމުގެ މެލޭޝިއާގައި ތަމްރީނު ފުރިހަމަކުރުމަށްފަހު ޤައުމީ ފުޓުބޯޅަ ޓީމު އެނބުރި ރާއްޖެއަށް އަތުވެއްޖެއެވެ.

މި ކޭމްޕަށް ޤައުމީ ޓީމު ފުރާފައިވަނީ މިދިޔަ މަހުގެ 27 ގައެވެ. މި ކޭމްޕުގައި ޤައުމީ ޓީމު ވަނީ މެލޭޝިއާގެ ގައުމީ ފުޓުުބޯޅަ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މޮޅު ކުޅުމެއް ކުޅުނު ނަމަވެސް މި މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މީގެއިތުރުން މި ކޭމްޕުގައި ޤައުމީ ޓީމު ވަނީ ދެ ސެޝަނަކަށް ބަހާލައިގެން ތަމްރީނުތައް ބާއްވާފައެވެ. ޓީމު މާލެ އައުމަށްފަހު ދެން ޓީމު ތައްޔާރުވާނީ ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ރާއްޖެއިން މި މަހު 14 ވަނަ ދުވަހުގެ ހަވީރު ފިލިޕީންސްއާއި ދެކޮޅަށް ކުޅޭ މެޗާއި 19 ވަނަ ދުވަހު ގުއާމް އާއި ދެކޮޅަށް ކުޅޭ މެޗެވެ.

ވަރުގަދަ ކޭމްޕަކަށްފަހު އެނބުރި ރާއްޖެ އައިސް ޤައުމީ ކޯޗު ޕީޓާ ސެގަޓް ވަނީ މި ކޭމްޕާއި ގުޅޭގޮތުން ހިތްހަމަޖެހުން ފާޅުކޮށްފައެވެ. ކޯޗު ބުނީ މި ކޭމްޕުން ވަރަށް ގިނަ ކަންކަން ދަސްވެގެންދިޔަ ކަމަށާއި ޓީމެއްގެ ގޮތުގައި މި ދެ މެޗު ކާމިޔާބުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. އަދި ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ޓީމު އެކަތިގަނޑެއްގެ ގޮތުގައި ފެނުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މެލޭޝިއާ ކޭމްޕުގައި ބައިވެރިވެފައިވަނީ 26 ކުޅުންތެރިންގެ ސްކޮޑެކެވެ. އަނިޔާގެ ސަބަބުން ގޯލްކީޕަރު ލަބާން ގައުމީ ޓީމާއެކު ދަތުރުކޮށްފައިނުވާއިރު، ވިކްޓަރީ ސްޕޯޓްސް ކްލަބުން ރިލީޒް ނުދިނުމުގެ ސަބަބުން ޒުވާން ކުޅުންތެރިޔާ ނާހިލް ގައުމީ ޓީމާއެކު ގޮސްފައެއް ނުވެއެވެ. މިފަހަރުގެ ސްކޮޑުގައި ކްލަބު އީގަލްސްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ހިމަނާފައެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ޕިލިޕީންސްއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭނެއެވެ. ކޮލިފައިންގައި އެންމެ ފަހުން ސީރިޔާއާއި ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު ވަނީ ސައުދީ އަރަބިއްޔާގައި ކޭމްޕުކޮށްފައެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ހަތަރުވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބިއެވެ.