ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުުން ރާއްޖޭގެ ކުޅުންތެރިން ދެ ރަން މެޑަލް ހޯދައިފި އެވެ.

މި މުބާރާތުން ރާއްޖެއިން ރަން މެޑަލް ހޯދީ އަންހެން ޑަބަލްސް ބައިން ރާއްޖޭގެ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ އަދި މިކްސް ޑަބަލްސް އިން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ އެވެ.

އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ރަން މެޑަލް ހޯދީ ސެމީގައި ރާއްޖޭގެ ނީލާ ނަޖީބާއި މައިސާ ފަތުހުﷲގެ ޕެއާ ބަލިކުރި ޕާކިސްތާނުގެ ޕެއާއެއް ކަމަށްވާ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާ އަތުން މޮޅުވެގެންނެވެ. މި ޕެއާ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ސެމީގައި ސެހެރާ އަކުރަމް އާއި ހުމާ ޖާވީދުގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.

މިއީ އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ހޯދައިދިން ނުވަވަނަ މެޑަލް އެވެ.

ނަބާހާ އާއި ޒަޔާންގެ ޕެއާ ---

މުބާރާތުގެ މިކްސް ޑަބަލްސް އިން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ރަން މެޑަލް ހޯދީ ފައިނަލް މެޗުގައި އެއްވަނަ އަށް ސީޑްކޮށްފައިވާ ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާއާ ވާދަކޮށް 21-16 އަދި 21-19 އިން މޮޅުވެގެންނެވެ. މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާންގެ ޕެއާ ރަން މެޑަލް ހޯދިއިރު، މިޕެއާ އިއްޔެ ވަނީ ސެމީގައި ޕާކިސްތާނުގެ އަބްދުއްރަހުމާނާއި ސައިމާގެ ޕެއާ ބަލިކޮށްފަ އެވެ. އެ މެޗުން ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ 21-14 އަދި 21-13 އިންނެވެ.

މީގެ އިތުރުން މުބާރާތުގެ އަންހެން ސިންގަލްސް ބައިން ރާއްޖޭގެ ނީލާ ނަޖީބް ސެމީން ބަލިވެ މުބާރާތް ނިންމާލީ މި ބައިން ލޯ މެޑެއްޔަކާއެކު އެވެ. ނީލާ ސެމީގައި ބަލިވީ ދެވަނަ އަށް ސީޑްކޮށްފައިވާ ޕާކިސްތާނުގެ މަހޫރު ޝަހްޒާދު އަތުން 21-18 އަދި 21-11 އިންނެވެ. އަދި އަންހެން ޑަބަލްސް ބައިން ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާވެސް ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.