ބަންގްލަދޭޝް ބަލިކޮށް އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުން މެޑެއްޔެއް ހޯދުމާ ގާތަށް ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ޖެހިލައިފި އެވެ.

މުބާރާތް ބާއްވާ ބަންގްލަދޭޝް އަތުން ރާއްޖެ މިއަދު މޮޅުވީ ސީދާ ތިން ސެޓުންނެވެ. މިފަހަރުގެ މުބާރާތާ އަންހެން ގައުމީ ޓީމު ކުރިމަތިލާފައިވަނީ މެޑެއްޔެއް ހޯދުމަށް ޓާގެޓް ކޮށްގެންނެވެ.

މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ރާއްޖޭން ސެޓުތައް ގެންދިޔައީ 25-16، 27-25 އަދި 25-22 އިންނެވެ.

ރާއްޖޭން ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިއްޔެ ކިރްގިސްތާން އަތުން 3-2 ސެޓުން މޮޅުވެފަ އެވެ. މިއަދުގެ މެޗުން ސީދާ ތިން ސެޓުން މޮޅުވުމުން ރާއްޖެއަށް ވަނީ 5 ޕޮއިންޓު ލިބިފަ އެވެ. ލީގު ބުރު ނިންމާލުމަށްފަހު އެއްވަނަ އާއި ދެވަނަ ކުޅޭނީ ފައިނަލެވެ. އަދި ލޯ މެޑަލް މެޗުގައި ކުޅޭނީ ތިންވަނަ އާއި ހަތަރުވަނަ އަށް ދާ ދެ ޓީމެވެ.

މި މުބާރާތުން ރާއްޖޭގެ އަންހެން ޓީމު ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، މިފަހަރުގެ މުބާރާތާ ރާއްޖޭގެ އަންހެން ޓީމުން ކުރިމަތިލާފައިވަނީ ގޮންޖެހުންތަކަކާ އެކުއެވެ. ޓީމުގެ ކޯޗެއްގެ ގޮތުން ހަރަކާތްތެރިވަނީ މުހައްމަދު ފައިސަލް އެވެ. އަދި މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުންނެވެ.

އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކުޅުނު ދެ މެޗުންވެސް ރާއްޖެ މޮޅުވިއިރު، ތިންވަނަ މެޗުގައި ހޯމަ ދުވަހު އަފްޣާނިސްތާނާ ބައްދަލުކުރާނެއެވެ. އަދި ބުދަ ދުވަހު ނުކްނާނީ ނޭޕާލާ ދެކޮޅަށެވެ.