ދ. ކުޑަހުވަދޫ ކަނޑުއޮޅިއަށް ލޯންޗެއް ބަންޑުން ޖަހާލައި އެކަކު ނިޔާވެއްޖެ އެވެ.

ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވިރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ސްވިޑެންގެ ރައްޔިތެކެވެ.

ހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި 6 މީހުން ތިބި ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 4 ބޭރު މީހުންނާއި 2 ދިވެހިންކަމަށް އެމްއެންޑީއެފް އާއި ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރަށް ފުލުހުންގެ އިދާރާއިން ބުނީ، ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ނިޔާވެފައި ވަނީ ސްވިޑެން އަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އަދި ހާދިސާ ހިނގީ މަސްބާނަން ނިކުމެ އުޅެނިކޮށް ކަމަށާއި، އަދި ޑިންގީ ފަރަކާއި ކައިރިކޮށްލެވުނު ވަގުތާއި ދިމާކޮށް ޖެހި ރާޅެއްގައި ޑިންގީ ބަންޑުންޖަހާލީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރަށް އެމްއެންޑީއެފް އިން ބުނެފައި ވަނީ، މި ހާދިސާ ހިނގާފައި ވަނީ، ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓްލިބުނީ ހަވީރު 16:22 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ލޯންޗް ބަންޑުންޖަހާލުމުގެ މި ހާދިސާ ހިނގައި އެކަކު ނިޔާވި އިރު، މިވަގުތަކީ ރާއްޖެއަށް މޫސުން ގޯސް ވަގުތެކެވެ. ނަމަވެސް ދ. އަތޮޅަށް ބަލާއިރު އެ އަތޮޅަށް މޫސުން ގޯސް ނޫން ކަމަށާއި، ކަނޑުވެސް މަޑު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.