ޓްރެޒަރީ ބިލްގެ ގޮތުގައި 563 މިލިއަން ރުފިޔާ ވިއްކުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓިގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ޓްރެޒަރީ ބިލް ނުވަތަ ޓީބިލް ވިއްކުމަށް ހަމަޖެހިފައި ވަނީ ކުރިން ވެސް މޯލްޑިވުސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޓީބިލް ވިއްކަމުން ގެންދިއަ އުސޫލުން ކަމަށެވެ. އަދި ޓީބިލް ވިއްކާނީ އެއިރަކަށް އެންމެ ފައިދާވާ ގޮތެއް ބެލުމަށް ފަހުގައި ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިދިޔަ އަހަރާއަޅާ ބަލާއިރު ޓްރެޒަރީ މާކެޓް ލިބޭ އަދަދަކީ ވަރަށް ދަށް އަދަދެއް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޓްރެޒަރީ މާކެޓްގައި ސަރުކާރުން ވެސް ކޮންމެސް ވަރަކަށް އުޅުމަކީ ބޭންކުތަކުންވެސް ބޭނުންވާ ގޮތް ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން އެއްވެސް ވަރަކަށް ނޫޅޭ ނަމަ ބޭންކުތަކަށް ގެއްލުންވާނެ ކަމަށެވެ. އެހެންކަމުން ޓްރެޒަރީ މާކެޓް އެއްކޮށް ހުއްޓާލުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބަޖެޓް ކޮމެޓީގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ 300 މިލިއަން ޑޮލަރުގެ ބޮންޑެއް ޖަޕާނަށް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ ސަމުރާއީ ބޮންޑެއް ވިއްކަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށާއި، 300 މިލިއަން ޑޮލަރުގެ ބޮންޑު ގެރެންޓީ ކުރާނީ ޖަޕާނުގެ ޖޭބިކް އިން ކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އެ ބޮންޑުގެ އިންޓަރެސްޓް ރޭޓަކީ 0.75 އިންސައްތަކަމަށާއި، އަދި މެނޭޖްމަންޓު ފީ އާއި ގެރެންޓީ ފީ އާއި އެކު 0.75 އިންސައްތައަށް ވުރެ އިތުރުވާނެ ކަމަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ 300 މިލިއަން ޑޮލަރު ޕްލޭސް ކުރަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ.