އީރާނުގެ ދެކުނުން މާސިންގާ ތެޔޮވަޅެއް ފެނިއްޖެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ އިޢްލާން ކުރައްވައިފިއެވެ.

އަލަށް ފެނުނު ތެޔޮވަޅުގައި ގާތްގަނޑަކަށް ފަންސާސް ތިންބިލިއަން ފީފާގެ ތެޔޮ އެބަހުރި ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކޮށްފައި ވެއެވެ.

އީރާނުގެ ދެކުނުން ތެޔޮވަޅު ފެނުނުކަން މިއަދު އިޢްލާން ކުރެއްވީ، އީރާނުގެ ސަހަރާގެ ރަށެއް ކަމަށްވާ ޔަޒްދުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ރޫހާނީ ވިދާޅުވީ، ތެޔޮވަޅު ފެނުނީ އީރާނުގެ ދެކުނުގެ ޚުޒެސްތާން ޕްރޮވިންސުން ކަމަށެވެ. ޚުޒެސްތާނަކީ އީރާނުގެ ތެލުގެ ސިނާއަތުގެ މިހާރުވެސް މައި ސަރަހައްދެވެ.

އީރާނުން ތެޔޮވަޅެއް މިފެނުނީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާހެދި އީރާނުގެ ތެޔޮ ދުނިޔެއަށް ވިއްކަމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެހެންވެ، އީރާނުން އަލަށް ތެޔޮވަޅެއް ފެނުނުކަން އިޢްލާން ކުރައްވަމުންވެސް އީރާނުގެ ރައީސްވަނީ އެމެރިކާއަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ.

"ވައިޓްހައުސްއަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އީރާނުގެ ތެޔޮ ވިއްކުމަށް ކަލޭމެން ދަތިކުރުންތައް ކުރިމަތިކޮށްފައި ވަނިކޮށް، އަޅުގަނޑުމެންގެ ގައުމުގެ މަސައްކަތްތެރިންނާއި، އިންޖިނިއަރުންވަނީ 53 ބިލިއަން ފީފާގެ ތެޔޮ ހޯދާފައޭ" އީރާނުގެ ރައީސް ހަސަން ރޫހާނީ

އީރާނުން އަލަށް ފެނުނު ތެޔޮވަޅުގައި ހުރީ ކްރޫޑްއޮއިލްއެވެ. ކްރޫޑްއޮއިލްގެ މާނައަކީ އެއީ، ސާފުކޮށްގެން ބޭނުންކުރެވޭނޭ ތެޔޮކަމެވެ.

މިއީ، އީރާނުން މިހާތަނަށް ފެނުނު ދެވަނައަށް އެންމެބޮޑު ތެޔޮވަޅަށް ވާނެއެވެ. މީގެކުރިން ފެނިފައިވާ އަހްވާޒް ތެޔޮވަޅުގައި ހުރި ކަމަށް އަނދާޒާ ކުރެވިފައިވަނީ 65 ބިލިއަން ފީފާގެ ތެލެވެ.

އަލަށް ފެނުނު ތެޔޮވަޅުގެ ސަބަބުން އީރާނުގައި ހުރި ކަމަށް ކަށަވަރުވެފައިވާ ތެލުގެ ރިޒާވްގެ މިންވަރު ތިންގުނަ އިތުރުވެގެންދާނެއެވެ.

އީރާނަކީ ދުނިޔޭގެ ހަތަރުވަނައަށް އެންމެގިނައިން ސާފުނުކުރާ ތެލުގެ ރިޒާވް ހުރިކަން ކަށަވަރުވެފައިވާ ގައުމެވެ. ހަމަ އެއާއެކު، އީރާނަކީ ދުނިޔޭގައި ދެވަނައަށް އެންމެގިނައިން ގުދުރަތީ ގޭސްހުރި ގައުމުވެސް މެއެވެ.