ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ދައުލަތް ހިންގުމުގެ ނިޒާމް ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމަކީ ހެޔޮ ބަދަލެއް ކަމަށާއި، އަދި އެއްވެސް ބާރަކަށް ޤާނޫނުއަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރީ ވެރިކަން ޤާއިމްވިތާ 51 އަހަރު ފުރޭ 52 ވަނަ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމް ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމަކީ ހެޔޮ ބަދަލެއް ކަމަށް ދެކެންޖެހޭ ކަމަށެވެ. އަދި އެ ބަދަލާއި އެކު ގައުމަށް ކުރިއެރުުން ލިބިފައިވާ ކަމަށާއި ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެފައިވާ ކަމަށް ވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގެ ރައީސް، ރައީސް ސުމުއްވުލް ޢަމީރު މުހައްމަދު އަމީން ފުރަތަމަ ޖުމްހޫރިއްޔަތާއި ގުޅިގެން މުލިއާގޭ އެޑްރެހުގައި ނެރުއްވި ބަޔާން ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅު ފައްޓަވަމުން ވަނީ ތަކުރާރު ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވަނީ މިއަދަކީ ދިވެހި ތާރީހުގެ ވަރަށް ހާއްސަ ދައުރެއް އެއަށްވުރެ ހާއްސަ ދައުރަކަށް ބަދަލުވެގެންދާ ދުވަހެއް ކަން. އެކަމަކު މިއަދު އަޅުގަނޑުމެންގެ މުޅި މަގުސަދަކީ ފަހުރާއި އުފާވެރިކަމުގެ ހިޔާލީ ޖައްވެއްގެތެރޭގައި އުދުހުންކަމުގަައި ނުހަދަމާ ހިނގާށޭ. ދެން ވިދާޅުވަނީ. އައުން އެކަށީގެންވާ ފައިދާއަކާއި ލާބައެއް ބިނާވެފައި އޮންނާނީ ގައުމުގެ ނަމަށް އަންނަ ބަދަލެއްގެ މައްޗަކަށް ނޫނޭ. އަންނަ ބަދަލާއި ގުޅިގެން ދިވެހި ދަރީންނަށް ކުރެވެމުންދާ އިތުރު މަސައްކަތެއްގެ މައްޗަށޭ.
ރައީސުލް ޖުމްހޫރިއްޔާ ތަކުރާރު ކުރެއްވެވި ބަސްފުޅު
ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން - ވީފޮޓޯ : އަހުމަދު ޝުރައު

ރައީސް ވިދާޅުވީ ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވިގޮތާއި، ބަދަލުވާން މެދުވެރިވި ސަބަބާއި، އެންމެ ހަތްމަހާއި 26 ދުވަހުގެ ތެރޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަން ނިމިދިއަގޮތާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ޖުމްހޫރީ ވެރިކަމަކީ، ރާއްޖޭގެ ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން އަދިވެސް އިތުރަށް ދިރާސާ ކުރައްވަންޖެހޭ ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

ނޮވެންބަރު 17ގައި ދިވެހި ޖުމްހޫރިއްޔަތުގެ 7 ވަނަ ވެރިކަމަށް އަހަރެއް ފުރިގެންދާއިރު، ރައްޔިތުން ސަރުކާރު އިންތިޚާބުކުރި ސަބަބާއި އުފެދިގެން އައިގޮތް އަބަދުވެސް ހަނދުމަފުޅު ބަހައްްޓަވަން ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންތިޚާބުގައި މި ސަރުކާރަށް ވޯޓު ނުދޭ ރައްޔިތުންތަކެއް ތިބިކަމީ އެންމެ ހިނދުކޮޅަކަށްވެސް ހަނދާނުން ކައްސާލައިގެން ނުވާނެ ކަމެއް ކަމަށާއި، ނަމަވެސް ސަރުކާރުން މަޝްރޫއުތައް ހިންގައި ހިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު އަދި އެއްވެސް ބަޔަކު ބާކީ ކޮށްގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު ދެމިއޮންނާނީ އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއްނެތި ކަމުގެ ޔަގީންކަން މިއަދުވެސް ހަނދުމަފުޅުކޮށް އަރުއްވާ ކަމަށެވެ. އަދި ސަރުކާރު ހިންގުމުގައި ކޯލިޝަން ލީޑަރުން ކަމުގައިވާ، ރައީސް މުހައްމަދު ނަޝީދަށާއި، ރައީސް އަލްއުސްތާޛު މައުމޫން އަބުދުއް ޣައްޔޫމް އާއި، އޮނަރަބަލް ޤާސިމް އިބްރާހިމް އަށާއި، އައްޝައިޚް އިމްރާމް އަބުދުﷲ އަށް އިޚްލާސްތެރި ޝުކުރު ދަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ކަންކަން ތަރުތީބުވެ، އަދި މަޖިލީހުންވެސް ޤާނޫނުތައް ހަދަން ވާނީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރެވި އެންމެ މަތީ މަސްލަހަތު ރައްކާތެރި ކުރެވޭ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ. އަދި ފަނޑިޔާރުގޭގެ އަމާޒަކަށް ވާންވާނީ އަދުލުވެރި އިންސާފު ރައްޔިތުންނަށް ހޯދައިދިނުން ކަމަށާއި، ރައްޔިތުންގެ ހައްގުތައް ޤާނޫނުއަސާސީގައި ކަޅާއި ހުދުން ބަޔާންކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސޫލްޖުމްހުރިއްޔާ ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެހާ ކަންކަން ހިނގަންވާނީ ޤާނޫނުއަސާސީ އާއި އެއްގޮތަށް ކަމަށާއި، އަދި ދިވެހި ދައުލަތުގައި އޮންނާނީ، ދުސްތޫރީ ސިޔާދަތެއް ކަމަށެވެ.

ދިވެހި ދިދައިގެދަށުވެގެން އުޅޭ ހަމަ އެކަކުވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ. އެއީ އަޅުގަނޑު ކަމަށްވިއަސް ނުވަތަ އަނެއް ދެ ބާރުގެ ވެރިންކަމަށްވިއަސް ޤާނޫނުއަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ. އަދި ޤާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ. މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑު މަސައްކަތްކުރަމުން މިއަންނަނީ މި ދެންނެވި ހަގީގަތް ގަބޫލުކޮށްގެން ހުރެ. ޤާނޫނުއަސާސީ ނެގެހެއްޓުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމަށް ދެކިގެން."
ރައީސުލްޖުމްހޫރިއްޔާ

މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ، ބާރުތައް އެއްތަނަކަށް، މާލެއަށް ޖަމާކޮށްފައި އޮތުމަކީ ޤައުމުގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އެހެންކަމުން އެ ގޮންޖެހުން ކުޑަކުރުމަށް މާލީ ގޮތުންނާއި ޤާނޫނީގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް ޤާނޫނުއަސާސީއަށް ސަރުކާރުން އިސްލާހު ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 2020ގެ ބަޖެޓް، މި ސަރުކާރުގެ ފުރަތަމަ ބަޖެޓަކީ ބޮޑު ބަޖެޓެއް ކަމަށާއި، ބަޖެޓްގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ބޮޑެތި މަސްރޫއުތައް ފެއްޓެވުން ކަމަށެވެ. އަދި ބަޖެޓް އެކުލަވާލެއްވީ ދުނިޔޭގެ އިޤްތިސޯދަށް ބަލައި، ރާއްޖޭގެ ދަރަނި އަދާކުރެވޭނެ މަގަށް ވިސްނަވައިގެން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުމްހުރީ އައު އަހަރުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ. މީގެ އިތުރަށް ކީތިރި ޤުރުއާން ހިތުދަސްކޮށްގެންނާއި، އެކި ގޮތްގޮތުން މަތީ ފާސް ނަންގަވައި، ދުނިޔޭގެ ފެންވަރުގައި ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯއްދެވި ފަރާތްތަކަށާއި، މީހުންގެ ފުރާނަ ސަލާމަތް ކުރުމާއި އެނޫންވެސް ގޮތްގޮތުން މަތީ ދަރަޖައިގެ އިިނާމް ހާސިލް ކުރި އެންމެހާ ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ އާއި މަރުހަބާ ދަންނަވާފައެވެ.