މެންޗެސްޓާ ސިޓީ އަތުން 3-1 އިން މޮޅުވެ، އިނިގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލުން 8 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މިރޭގެ މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ ކުޅުނު 12 މެޗުން 34 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް ޗެލްސީއަށް 12 މެޗުން 26 ޕޮއިންޓު ލިބިފައިވާއިރު، ސިޓީ ހަތަރުވަނައިގައި އޮތީ 12 މެޗުން 25 ޕޮއިންޓާއެކު އެވެ.

މިރޭގެ މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. ލިވަޕޫލްގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑްގެ އަތުގައި ބޯޅަ ޖެހުމުން ސިޓީގެ ކުޅުންތެރިން ރެފްރީއަށް އެޕީލް ކުރަން ތިއްބައި ކައުންޓަ އެޓޭކުގައި މެޗުގެ ހަވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު ފެބީނިއޯ އެވެ. އެކަމާ ސިޓީގެ ކުޅުންތެރިން ރެފްރީއާ އެޕީލްކުރި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލް ރަނގަޅު ކަމަށް ނިންމާފައެވެ.

އަދި އޭގެ 7 މިނެޓު ފަހުން ލިވަޕޫލުން ވަނީ ލީޑު ފުޅާކޮށްފައެވެ. އެންޑީ ރޮބަޓްސަން ނަގައިދިން ރީތި ހުރަހަކުން މި ގޯލް ޖެހީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ.

ފުރަތަމަ ހާފުގައި ސިޓީއަށް ގޯލެއް ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ލިވަޕޫލްގެ ތިންވަނަ ގޯލް އެޓީމުން ޖަހާފައިވަނީ ދެވަނަ ހާފު ފަށައިގެން 6 ވަނަ މިނެޓުގައެވެ. ހެންޑަސަން ނަގައިދިން ހުރަހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އެވެ.

އެކަމަކު ސިޓީން 78 ވަނަ މިނެޓުގައި ވަނީ ގޯލެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. އެންޖޮލީނިއޯ ހުރަސްކޮށްދިން ބޯޅައަކުން މި ގޯލް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ އެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ސިޓީގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ލިވަޕޫލްގެ ދަނޑުގައި އެންމެ ފަހުން ސިޓީ އަށް މޮޅެއް ހޯދުނީ 2003 ވަނަ އަހަރު އެވެ.

މީގެ އިތުރުން ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ވަނީ ބްރައިޓަން އަތުން 3-1 އިން މޮޅުވެފައެވެ. މި މޮޅާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ހަތްވަނައިގައި 16 ޕޮއިންޓާއެކު އެވެ.