މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ދެއްވާފައި ވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާދިއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެވެ. ޚާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

މިއަހަރުގެ ޚާއްޞަ އިނާމު 39 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނެވެ. އަދި ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފެއް ހޯއްދަވާފައިވާ 6 ބޭފުޅުންނެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން - ވީފޮޓޯ : އަހުމަދު ޝުރައު

މީގެ އިތުރުން ޤައުމީ ކުޅިވަރު ދެޓީމެއްވެސް ހިމެނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކީ ރ. ހުޅުދުއްފާރު އޯކިޑްވިލާ ޑޮކްޓަރ ޔޫސުފް ނިޡާމް އެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިއަހަރު ހާސިލު ކުރެއްވީ 32 ބޭފުޅުންނެވެ. އެބޭފުޅުންގެ ތެރޭގައި މާސްޓަރޒް ޑިގްރީ ހާސިލުކުރެއްވި 18 ބޭފުޅުންނާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލު ކުރެއްވި އެއް ބޭފުޅަކާއި، ބެޗްލަރޒް ޑިގްރީ ހާސިލުކުރެއްވި 13 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.