މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ ނަމުގައި ދުވަހެއް ފާހަގަކުރުމަކީ ބިދުޢައެއްކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.

ކޮންމެ ރަބީޢުލްއައްވަލް މަހެެއްގެ 12 ވަނަ ދުވަހަކީ ކީރިތިރަސޫލާގެ ޢީދުމީލާދު ނުވަތަ އުފަން ދުވަސްކަމަށް ކަނޑައަޅައި ބައެއް ގައުމުތަކުގައި ދަނީ ފާހަގަކުރަމުންްނެވެ.

ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ކީރިތި ރަސޫލާގެ އީދު މީލާދާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް އިލްޔާސް ޖަމާލު ވަނީ ޓްވީޓެއް ކުރައްވާފައެވެ. މި ޓްވީޓުގައި ވަނީ، ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަަށް ތަބަޢަވާންޖެހޭ ވަކި ދުވަހެއް، ވަގުތެއް، ނުވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރަށް ބައެއް މަޝްހޫރު ދީނީ ޢިލްމުވެރިންނާއި ވާހަކަދައްކާލުމުން، ހުރިހާ އިލްމުވެރިންވެސް އެއްބަސްވެވަޑައިގެންފައި ވަނީ އެ ދުވަހަކީ ދީނުގައި ފާހަގަކުރަން އޮންނަ ދުވަހެއް ނޫންކަމަށެވެ.

ޢީދު މީލާދުގެ ގޮތުގައި ފާހަގަކުރަމުންދާ ރަބީޢުލް އައްވަލްމަހުގެ 12ވަނަ ދުވަހަކީ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ސުވަރުގެ ވަޑައިގަތް ދުވަސްކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާގުވެލައްވައެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަސޫލު الله صلى الله عليه وسلم އަވަހާރަވެވަޑައިގެންނެވި ފަހުން ހަތަރު ޤަރުނު (400 އަހަރު) ވަންދެން އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަ ކުރެވިފައެއް ނުވެއެވެ. އަދި އެކަލޭގެފާނު ދެކެ ނިހާޔަތަށް ލޯބިފުޅުވާ އަނބިއަނބި ކަނބަލުންނާއި އެކަލޭގެފާނުގެ އެއްވެސް ދަރިކަލަކުވެސް ނުވަތަ ދަރިކަނބަލަކުވެސް އެދުވަސް ފާހަގަ ކުރައްވާފައި ނުވާއިރު އެކަލޭގެފާނުގެ އެންމެ އަރިސް، އަދި އެކަލޭގެފާނަށްޓަކައި މުޅި ޖާނާއި މާލު ހޭދަކޮށްގެން ތިބި މަތިވެރި އަޞްޙާބު ބޭކަލުން އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަ ކުރައްވާފައެއްް ނުވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އޭގެފަހުން އައި އެންމެ ހެޔޮ ދެ ޤަރުނު ކަމުގައިވާ ތާބިޢީންނާއި އަސްބާޢުއް ތާބިޢީންގެ ޒަމާނުގައިވެސް އެކަން ކޮށްފައި ނުވާކަން ޢިލްމުވެރިން ފާހަގަކުރައްވައެވެ.

މީގެ އިތުރަށް އުންމަތުގެ އެންމެ މަޝްހޫރު ހަތަރު އިމާމުން ކަމުގައިވާ (އިމާމް އަބޫ ޙަނީފާ، މާލިކް، ޝާފިޢީ އަދި އަޙުމަދު ބިން ޙަންބަލް، ފަދަ ބޭބޭކަލުންވެސް) އެދުވަސް ފާހަގަ ކުރައްވާފައި ނުވާކަމަށާއި ސަލަފުންގެ ޢިލްމުވެރިންވެސް އެކަން ކޮށްފައި ނުވާކަން ޢިލްމުވެރިން ވިދާޅުވެއެވެ.

ޢީދު މީލާދު ފާހަގަކުރުމަކީ މިސްރުން ފެށިގެން އުޅޭ ކަމެއްކަން ފާހަގަކުރައްވާ ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޑރ އަބްދުﷲ ޖަމީލު، އަދި ޝެއިޚް އަޙްމަދު މައުމޫނު ވިދާޅުވީ އިސްލާމީ އުންމަތުގެ ބޮޑެތި ޢިލްމުވެރިން މިދުވަސް ފާހަގަ ނުކުރައްވާ ކަމަށެވެ. އަދި ސައުދީއަރަބިއްޔާ އާއި ބަޙްރެއިން ފަދަ ބޮޑެތި އިސްލާމީ ދައުލަތްތަކުންވެސް މި ދުވަސް ފާހަގަ ނުކުރާކަމަށެވެ.

އީދު މީލާދު ފާހަގަކުރުމަކީ ނަސާރާއިން ކުރަމުންދާ ކަމެއްކަމަށާއި އެކަން މިސްރުގައި އުޅޭ މުސްލިމުންގެ ތެރެއިން ބަޔަކު ދީނީ ކަމެއްގެ ގޮތުގައި ކުރާކަން ފާހަގަކުރައްވާ ޝެއިޚް ޑރ. ޖަމީލު ވިދާޅުވީ މި ސަރަހައްދުން މެލޭޝިޔާގައިވެސް މިދުވަސް ފާހަގަކުރަމުންދާ ކަމަށެވެ.

ކީރިތިރަސޫލާގެ ޢީދުމީލާދު ފާހަގަކުރުމަކީ އޮންނަ ކަމެއް ނޫން. އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވީ ރަބީޢުލްއައްވަލްމަހުގެ 12ވަނަ ދުވަހު. އެއީ އަޞްޙާބު ބޭކަލުންވެސް ކުރެއްވިކަމެއްނޫން. ދީނީ ޢިލްމުވެރިންވެސް ނުކުރައްވާ. އެކަމަކީ މިޞްރުހިސާބުން އައިސްގެން އުޅޭކަމެއް. ނަޞާރާއިން ކުރާކަމެއް އެއީ އީސާގެފާނުގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ވަކި ދުވަހެއް ކަނޑައަޅައިގެން އެދުވަސް ފާހަގަކުރުން. އެކަން އެހެން ކުރާތީ މުސްލިމުންގެތެރެއިންވެސް ބައެއް ހިސާބުގެ މީހުން، ޚާއްސަކޮށް މިސްރުގެ ބައެއް މީހުން މިއީ އެބައިމީހުންނަށްވެސް ކުރެވިދާނެކަމެއްކަމަށް ބުނެ އެކަން އެހެން ކުރަނީ.
ޑރ ޖަމީލު

ޝައިޚް މައުމޫނު ވިދާޅުވީ މިއީ ސުންނަތުން ސާބިތުވާކަމެއް ނޫންކަމަށާއި މިކަން ހިމެނެނީ މުސްލިމުންގެ ތެރޭގައި ހިމެނޭ ސޫފީން ކުރާ ކަމެއްގެ ތެރޭގައިކަމަށެވެ. ސޫފީންނަކީ ކީރިތި ރަސޫލު الله صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަހުލުބައިތުންނަށް ސަނާކިޔުމުގައި ހައްދުފަހަނައަޅާފައިވާ ބައެއްކަމަށްވެސް އިލްމުވެރިން ފާހަގަކުރައްވައެވެ.

ސުންނަތުން ސާބިތުވާކަމެއް ނޫން އީދުމީލާދު ފާހަގަކުރުން އެއީ. ކޮންމެ ދުވަހަކީވެސް އެކަލޭގެ ފާނުގެ މާތްކަން ހަނދާންކޮށް، އެކަލޭގެ ފާނު އުޅުއްވިގޮތްތަކަށް އުޅެ އެކަލޭގެ ފާނުގެ ސުންނަތާއި އަޚްލާގަށް އުޅެންޖެހޭ ދުވަހެއް.
ޝައިޚް މައިމޫން

ޑރ. އިޔާޒު އަބްދުއްލަތީފް ވިދާޅުވީ ރަބީޢުލް އައްވަލްމަހުގެ 12ވަނަ ދުވަހަކީ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ސުވަރުގެ ވަޑައިގަތް ދުވަސްކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާގުވެލައްވާކަމަށެވެ.

އެހެންކަމުން މިދުވަސް މިގޮތަށް ފާހަގަކުރުމަކީ އެކަމުގައި އެތައް ނުބައެއް އެކުލެވިގެންވާ ކަންތައްތަކެއްކަމަށް ޑރ އިޔާޒު ވިދާޅުވިއެވެ.

ރަބީއުލް އައްވަލް މަހުގެ 12ވަނަ ދުވަހަކީ ރަސޫލު الله صلى الله عليه وسلمގެ އުފަންދުވަސް ނުވަތަ އީދު މީލާދުކަމަށް ބަލައިގެން އެދުވަސް ފާހަގަކުރާނަމަ އެތައް ނުބައެއް މިކަމުގައި އެބަވޭ. އެގޮތުުން އެދުވަހަކީ އެކަލޭގެ ފާނުގެ އުފަންދުވަސް ނޫން ދުވަހެއް އެދުވަސްކަމަށް ބަލައިގެން ދޮގު މައުލޫމާތު ފެތުރުން، ރަސޫލު الله صلى الله عليه وسلم ކުރައްވާފައި ނުވާކަމެއް ދީނުގެ ތެރެއަށް ވެއްދުން، އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވި އިރުވެސް ދީން ފުރިހަމަ ނުވާކަމަށް ގަބޫލުކުރުން، އެކަލޭގެފާނު މި ދުނިޔެއާއި ވަކިވެ ވަޑައިގެންނެވި މަތިވެރިދުވަހަކަށް ހަދާ އެދުވަސް ފާހަގަކުރުން. އެހެންވީމާ މި ބިދުޢަވެރި ކަންތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވަން
ޑރ އިޔާޒް

ޢިލްމުވެރިންވަނީ މި ސަބަބުތަކަށްޓަކައި މިފަދަ ބިދުޢަވެރި ކަންތައްތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ކީރިތި ރަސޫލު الله صلى الله عليه وسلم އަށް މާތްކޮށް ހިތުމަށްޓަކާ ވަކި ދުވަހެއް ފާހަގަނުކޮށް، އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާއި، ސުންނަތާއި އެއްގޮތަށް ހުރިހާ ދުވަހެއްގައިވެސް ޢަމަލުތައް ބެހެއްޓުމަށް ޢިލްމުވެރިން ނަސޭހަތްތެރިވެ ވަޑައިގަންނަވައެވެ.