ޑޮކްޓަރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާއި، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓްގެ މައުލޫމާތު މިހަފްތާގައި ހާމަކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ޖުމްހުރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އާދީއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހް ވިދާޅުވީ، މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑޮކްޓަރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާއި، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް، މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑޮކްޓަރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާއި، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް، މިދިޔަ ބުރާސްފަތި ދުވަހު އަޅުގަނޑަށް ލިބިއްޖެ. އެ ދެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި، ކަމާގުޅޭ އިދާރާތަކަށް އަޅުގަނޑު ފޮނުވާނަން. އަދި އެ ދެ ރިޕޯޓްގެ މައުލޫމާތުވެސް ހާމަކުރާނަން"
ރައީސް އިބްރާހިމް މުހަންމަދު ސާލިހް

ޑޮކްޓަރ އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެއަށް ވެދެވަޑައިގަތްވަގުތު ތޫނު ހަތިޔާރުން ހަމަލާދީގެންނެވެ.

ރައުދާ އާތިފް ދަންޖެހިފައި ހުއްޓާ ފެނުނީ 2017 ވަނަ އަހަރުގެ މާޗުމަހު ބަންގްލަދޭޝްގެ ރާޖްޝަހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރީގެ ތެރެއިންނެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން - ވީފޮޓޯ : އަހުމަދު ޝުރައު

ރައީސް އިބްރާހިމް މުހަންމަދު ސާލިހް ވިދާޅުވީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ބަލައިދީ، އާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ.

ހަމަ އެއާއެކު، ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައިވާ މައްސަލަވެސް ބަލައިދިނުމަށް ވައުދުވެވަޑައި ގެންނެވި ކަމަށާއި، އެ ވައުދުތައް ފުއްދުމަށް އެކުލަވާލި ދެ ކޮމިޝަނުންވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އެބަގެންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ސާލިހް ވިދާޅުވީ، އެ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއްދީގެން ބަލަމުން އަންނަނީ، އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލަތައް ކަމަށެވެ.

"މިހާރުވެސް 49 ރަށަކާއި ފަޅެއްގެ މައްސަލަ، އެ ކޮމިޝަނުން އަންނަނީ ބަލަމުން. އެ މައްސަލަވެސް މުޅިން ބަލައި ނިމި، އަޅުގަނޑާ ހަމައަށް ރިޕޯޓް އައުމުން، އެހެން ރިޕޯޓްތަކާ މެދުގައިވެސް އަމަލުކުރާ އުސޫލުން، އަމަލުކުރާނެ ކަމަށް ދަންނަވަން. އަޅުގަނޑު އުންމީދުކުރަނީ، މި އަހަރު ނިމުމުގެ ކުރިން، އެ ދެ ކޮމިޝަންގެ މަސައްކަތްވެސް މުޅިން ނިމޭނެ ކަމަށް"
ރައީސް އިބްރާހިމް މުހަންމަދު ސާލިހް

ރައީސް ސާލިހްގެ ވާހަކަފުޅުގައި ވިދާޅުވީ، ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ، ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާ ހަވާލުވެގެން ތިބޭ ބައެއް ކަމަށާއި، އެ އަމާނާތްތަކަށް ވަފާތެރިވެ، އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމަކީ، ދައުލަތުގެ މަގާމަކާ ހަވާލުވެ ހުންނަ ކޮންމެ މީހެއްގެ ވާޖިބެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންގެ އަޑުއަހަމުން ކަމަށާއި، ކަންކަން ކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ސަރުކާރުން ކަންކަން ހާސިލުކުރާނީ ރައްޔިތުންގެ އިހްސާސްތަކާއި ޝުއޫރުތަކަށް ރިއާޔަތްކޮށްގެން ކަމަށާއި، ތަރައްގީގެ މަގުގައި ކުރިއަށްދާނީ، ސަރުކާރާއި ރައްޔިތުންގެ ފައިހަމަވާގޮތަށް ކަމަށްވެސް، ޖުމްހޫރީ ދުވަހުގެ ތަގްރީރުގައި ރައީސް އިބްރާހިމް މުހަންމަދު ސާލިހް ވިދާޅުވިއެވެ.