ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗަކަށް މުހައްމަދު އާދަމް ހަމަޖައްސައިފި އެވެ.

މިފަހަރުގެ ސީޒަނުގައި އެންމެ ފުރަތަމަ ވިކްޓަރީ ސްޕޯޓްސް ކްލަބަށް އިރުޝާދުދިން މުހައްމަދު އާދަމް، ޔޫވީގެ ކޯޗަކަށް ހަމަޖެއްސީ އެޓީމުގެ ކޯޗުކަމުގެ މަގާމުން މުހައްމަދު ނަޒީހު އިސްތިއުފާދިނުމުންނެވެ.

މިދިޔަ މަހު ވިކްޓަރީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެޓީމު ހާޒިރުނުވުމުން، އެ މެޗުން ޔޫވީއަށް 3 ޕޮއިންޓު ލިބުނުއިރު، މެޗަށްފަހު ނަޒީހު ވަނީ މަގާމުން އިސްތިއުފާދީފައެވެ. އިސްތިއުފާ ދިނުމަށްފަހު ނަޒީހު ބުނީ ބޭނުމަކީ އެހެން ކޯޗަކާއެކު ނަމަވެސް، ކުރިއަށް އޮތް ތާނގައި ޔޫވީގެ ނަތީޖާ ރަނގަޅުވުން ކަމަށެވެ.

މި ފަހަރުގެ ސީޒަނާ ވިކްޓަރީން ޒުވާން ސްކޮޑަކާއެކު ކުރިމަތިލިއިރު، މުހައްމަދު އާދަމް ވަނީ އެޓީމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެން މަސައްކަތްކޮށްފައެވެ. އެކަމަކު އޭނާގެ އިރުޝާދުގެ ދަށުން ވިކްޓަރީ މި ސީޒަނުގައި އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ވިކްޓަރީގެ ކޯޗުކަމުގެ މަގާމުން މުހައްމަދު އާދަމް އޯގަސްޓް މަހު އިސްތިއުފާ ދިންއިރު، އޭނާ ބުނެފައިވަނީ އިސްތިއުފާ ދިނީ ކްލަބުގެ މެނޭޖްމަންޓާ ގުޅިގެން އެއްވެސް ކަމެއް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދެއް ނެތުމުން ކަމަށެވެ.

ޔޫވީގެ ކޯޗުކަމާ މުހައްމަދު އާދަމް ހަވާލުވިއިރު، އޭނާގެ އިރުޝާދުގެ ދަށުން ޔޫވީން ކުޅޭނެ ފުރަތަމަ މެޗަކީ އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ފޯކައިދޫ ފުޓްބޯލް ކްލަބާ ދެކޮަޅަށް ކުޅޭ މެޗެވެ. ލީގު ތާވަލަށް ބަލާއިރު، ޔޫވީ އޮތީ ތާވަލުގެ ހަަތްވަނައިގައި 11 ޕޮއިންޓާއެކު އެވެ. މި ސީޒަނުގައި ޔޫވީން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 3 މެޗުންނެވެ.