މީގެ އެތައް އަހަރެއް ކުރިން ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އަދެކޭ އެއްފަދައިން އެދުވަހުވެސް އަހަރުމެންގެ ކާބަފައިން ބުރަ މަސައްކަތް ކޮށްގެން ހޯދާ އާމްދަނީ ކޮންމެވެސް ގޮތަކުން ރައްކާކުރާނެއެވެ. އެހެންނަމަވެސް އެދުވަހު އެމީހުންނަށް ލިބޭ އާމްދަނީ ފަހަށް ރައްކާކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްވެފައެއް ނުވެއެވެ.

އެހެންނަމަވެސް ދިވެހި ކާބަފައިން ވަނީ މިފަދަ ކޮންމެ ކަމެއްގައިވެސް އަމިއްލަ ގޮތްތައް ތައާރަފުކޮށް މިއަދުގެ ޖީލު ބަލައިގަނެ އެބަޔަކާމެދު ފަހުރުވެރިވާފަދަ ގިނަ ކަންކަމެއް މިއަދުގެ ޖީލާހަމައަށް ފޯރުކޮށްދީފައެވެ. ކާބަފައިންގެ އަމިއްލަ ގޮތްތަކުގެ މަތިން ކާބަފައިންގެ އާމްދަނީ ފަހަށް ރައްކާކުރަމުން އައިސްފައިވަނިކޮށް މީގެ 45 އަހަރު ކުރިން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ރުފިޔާ ރައްކާކުރުމަށް ބޭނުންކުރާ ބޭންކިން ނިޒާމު ރާއްޖެއަށް ތައާރަފުކޮށްފައިވެއެވެ.

11 ނޮވެމްބަރު 1982 ގައި ބީއެމްއެލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ގައުމީ ބޭންކުގެ ނަމުގައި 1982 ވަނައަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު، ދިވެހި ސަރުކާރުގެ 60 އިންސައްތަ ހިއްސާ އަދި އިންޓަރނޭޝަނަލް ފައިނޭންސް އިންވެސްޓްމެންޓް ކޮމްޕެނީ ލިމިޓެޑް (އައިއެފްއަިސީ ބޭންކް ލިމިޓެޑް) ގެ 40 އިންސައްތަ ހިއްސާ އޮންނަ ގޮތަށެ ދިވެހި ބޭންކު ވުޖޫދުވެގެން އައުން ވެގެންދިޔައީ އެތައް ގޮތަކުން ދިވެހީންނަށް ފަސޭހައާއި މަންފާ ލިބިގެން ދިޔަކަމަކަށެވެ. އެއީ މީގެ 37 އަހަރު ކުރިއެވެ.

އެހެންނަމަވެސް 1992 ވަނަ އަހަރު ދިވެހިރާއްޖޭގެ ބޭންކަކީ ސަރުކާރާއި، އައިއެފްއައިސީ ބޭންކް ލިމިޓެޑާ ގުޅިގެން ހިންގާ ކުންފުޏެއްގެ ގޮތުގައި ހަމަޖެހި، ބޭންކް އޮފް މޯލްޑިވްސްއަކީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއްގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިހާރު ބެންކް އޮފް މޯލްޑިވްސްއަކީ 62.2 އިންސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށްވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 4.1 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. ބާކީ 33.7 އިންސައްތަ ހިއްސާކުރަނީ އާންމު ހިއްސާދާރުންނެވެ.

ދިވެހި ރާއްޖޭގެ ގައުމީ ބޭންކުގެ ހިދުމަތް އެންމެ ފުރަތަމަ ފޯރުކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައެވެ. އެއަށްފަހު ބެންކް އޮފް މޯލްޑިވްސްއިން ވަނީ އެ ބޭންކްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިމަސައްކަތުގެ ތެރެއިން ބީއެމްއެލްއިން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ދުނިޔޭގައި ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިންގެ ނިޒާމުވެސް ބީއެމްއެލްއިން ވަނީ ތައާރަފު ކޮށްފައެވެ. އެގޮތުން ބީއެމްއެލް އިސްލާމިކްއިން ވަނީ ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގެ ހިދުމަތް ދާދި ފަހަކުން ރާއްޖެއަށް ތައާރަފުކޮށް، މިހިދުމަތް ދޭން ފަށާފައެވެ. ބީއެމްއެލް އިސްލާމިކުން ބުނީ އެ ބޭންކުގެ ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންކަމަށެވެ.

މިގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން ގެންދަނީ އެކި ގޮތްގޮތުން އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންވެސް ތަފާތު ދުވުންތައްވެސް ބާއްވާ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްގެ 37 އަހަރުގެ ދަތުރަށް ބަލާލާއިރު ބީއެމްއެލްއިން ވަނީ ބައިނަލްއަގުވަމީ ދުނިޔެވެސް ބަލައިގަންނާނެ ފަދަ މަސައްކަތްތަކެއް ކޮށް، ބައިނަލްއަގުވާމީ ގޮތުން ގިނަ އެވޯޑްތަކެއްވެސް ކާމިޔާބު ކޮށްފައެވެ. އެގޮތުން ބީއެމްއެލްއިން ވަނީ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް ވިދިވިދިގެން ތިންފަހަރު ކާމިޔާބު ކޮށްފައެވެ. މި އެވޯޑް ބީއެމްއެލްއަށް ލިބިފައިވަނީ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުންނެވެ. މި އެވޯޑަކީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑެކެވެ.

ބީއެމްއެލްގެ ސީއީއޯ މރ. ޓިމަތީ ސޯޔަރ

ދިވެހިރާއްޖޭގައި ބޭންކިންގެ ދާއިރާއިން ބެންކް އޮފް މޯލްޑިވްސްއިން ގިނަ ކާމިޔާބޯތަކެއް ހޯދާފައިވާއިރު، ބެންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ، ޓިމް ސޯޔާ ވިދާޅުވީ ބޭންކެއްގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސްއަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވިފައިވާ ކަމުގައެވެ. އަދި ބެންކް އޮފް މޯލްޑިވްސްގެ އަމާޒަކީ ބެންކިިންގެ ދާއިރާގައި ޑިޖިޓަލްކޮށް ދެވޭނެ ހުރިހާ ހިދުމަތެއް އިތުރަށް ފުޅާކޮށް، ދިވެހިރާއްޖޭގެ ބެންކިން ނިޒާމު ޑިޖިޓަލައިޒް ކުރުން ކަމަށް ޓިމް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ތަރައްގީކުރުމަށްޓަަކައި ބީއެމްއެލްއިން ކޮށްދެމުންގެންދާ މުހިއްމު މަަސައްކަތްތަކުގެ އަގު ވަޒަންކޮށް، ބީއެމްއެލްގެ 37 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ބީއެމްއެލްގެ ހީވާގި މުވައްޒަފުންނަށާއި މެނޭޖްމަންޓަށް އަދި ހިއްސާދާރުންނަށް އަރިސްކުރަމެވެ.