ރާއްޖޭގެ ކުޅިވަރުގެ އެތުލީޓުން މި ހަފުތާގެ ތެރޭގައި ބައިނަލްއަޤްވާމީ މައިދާނުގައި ހޯދި މެޑަލްތައް ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ އެތުލީޓުންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މި ހަފުތާއަކީ ބައިނަލްއަޤްވާމީ ކުޅިވަރު މައިދާނުގައި ރާއްޖެއަށް ކާމިޔާބު ހަފުތާއެކެެވެ. އެގޮތުން ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ދެ އެތުލީޓުން ލޯ މެޑަލް ހޯދިއިރު ޕާކިސްތާނުގައި މިހާރު ކުރިޔަށްދާ މުބާރާތުން ރާއްޖޭގެ އެތުލީޓުން ވަނީ އެކި ކެޓަގަރީތަކުން ރާއްޖެއަށް މެޑަލް ހޯދައިދީފައެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރާއްޖޭގެ ބޮޑީބިލްޑަރުން ދެ ލޯ މެޑަލް ހާސިލުކޮށްފައެވެ. އެ މެޑަލްތައް ހާސިލުކުރީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން މުހައްމަދު މޫސާ އާއި ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ލޯ މެޑަލް ހާސިލްކުރި އަޒްނީން ރަޝާދު އެވެ.

އަދި ޕާކިސްތާންގައި ކުރިއަށްދިޔަ ޔޮނޮކްސް ސަންރައިޒް ޕާކިސްތާން އިންޓަނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތުގައި މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ވަނީ ރަން މެޑަލް ހާސިލުކޮށްފައެވެ. އަދި ހަމަ އެ މުބާރާތުގައި އަންހެން ޑަބްލސް އިވެންޓުން ނަބާހާ އާއި ނަބީހާ ވެސް ވަނީ ރާއްޖެ އަށް ރަން މެޑަލް ހޯދާދީފައެވެ. މީގެއިތުރުން އެ މުބާރާތުގެ އަންހެން ސިންގަލްސް ބައިން ރާއްޖޭގެ ނީލާ ނަޖީބު ވަނީ ލޯ މެޑަލް ހާސިލުކޮށްފައެވެ.

އަންނަ އަހަރު ރާއްޖޭގައި އޭޝިއާގެ ބޮޑީބިލްޑިންގެ އެންމެ ބޮޑު މުބާރާތް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ބޮޑީބިލްޑަރުން ވަނީ ސައުތް އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގެ އިތުރުން އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވެސް ރަނގަޅު ވަނަތަކެއް ހޯދާފައެވެ.

މީގެއިތުރުން ބެޑްމިންޓަން ޓީމުވެސް ވަނީ ނިމިދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލްއެއް ހޯދާފައެވެ.