ތުރުކީ ސިފައިން ހައްޔަރު ކޮށްފައިވާ "ބޭރު ގައުމުތަކުގެ ޓެރަރިސްޓް ހަނގުރާމަވެރިން" ތުރުކީ ސަރުކާރުން ޑީޕޯޓްކުރަން ފަށައިފިއެވެ.

އެގޮތުން، އެންމެ ފުރަތަމަ ޑީޕޯޓް ކޮށްލާފައިވަނީ އެމެރިކާއަށް ނިސްބަތްވާ ހަނގުރާމަވެރިއެކެވެ. މީގެއިތުރުން، މިހަފްތާގެ ފަހުކޮޅު ޖަރުމަނަށް ނިސްބަތްވާ ހަތް ހަނގުރާމަވެރިޔަކު ޑީޕޯޓް ކޮށްލާނެ ކަމަށްވެސް ތުރުކީގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.

"ޕްރޮސީޖަރ ފުރިހަމަ ކުރުމަށްފަހު އެމެރިކާގެ ޓެރަރިސްޓް ހަނގުރާމަވެރިޔަކު މިހާރުވަނީ ތުރުކީން ބޭރުކޮށްލާފައި. ޖަރުމަނަށް ނިސްބަތްވާ އިތުރު ހަތްމީހަކު ބޭރުކޮށްލުމުގެ ހުރިހާކަމެއް މިހާރުވަނީ ނިމިފައި. އެމީހުން ނޮވެމްބަރު 14 ގައި ތުރުކީން ބޭރުކޮށްލާނެ"
ތުރުކީ ދާޚިލީ ވުޒާރާގެ ތަރުޖަމާނު

އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން ސޫރިޔާއާއި އިރާގުގައި ހަނގުރާމަކުރުމަށް ގޮސްފައިވާ ރައްޔިތުން ބަލައިގަތުމަށް ހުޅަނގުގެ ގައުމުތަކުން ދެކޮޅުހަދަމުން ގެންދިއުމައި، އެ ރައްޔިތުންގެ ރަށްވެހިކަން ނިގުޅައިގަންނަމުންދާ މައްސަލާގައި ތުރުކީ ސަރުކާރުންވަނީ ހުޅަނގުގެ ގައުމުތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

ތުރުކީ ސަރުކާރުގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ، އައިއެސްއަށް ނިސްބަތްވާ 1،200 ބޭރުގެ ހަނގުރާމަވެރިން ތުރުކީގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން 287 ހަނގުރާމަވެރިން ހައްޔަރު ކޮށްފައިވަނީ ތުރުކީން ދާދިފަހުން ސޫރިޔާގައި ހިންގި އޮޕަރޭޝަންގެ ތެރޭގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ނަމަވެސް އެމީހުން ނިސްބަތްވާ ގައުމުތަކެއް ތުރުކީ ސަރުކާރުން ހާމައެއް ނުކުރެއެވެ. އެކަމަކު އެމީހުން ނިސްބަތްވާ ގައުމުތަކާ ތުރުކީން މުއާމަލާތް ކުރަމުންދާ ކަމަށް ވެއެވެ.

ތުރުކީން ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިން ނިސްބަތްވާ ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުން ބަލައިގަތުމަށް ދެކޮޅުހަދާ މައްސަލާގައި ތުރުކީގެ ދާޚިލީ ވަޒީރުވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އެމީހުންގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރަން އުޅޭނެކަމެއްނެތް. އަޅުގަނޑުމެން އެމީހުން ކަލޭމެންނާ ހަމައަށް ފޮނުވާނަން. އެމީހުންނާމެދު ކަލޭމެން ކަންތައްކުރަން ބޭނުންވާ ގޮތަކަށްކުރޭ"
ތުރުކީގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއެލޫ

ރިޕޯޓްތައް ބުނާގޮތުން، ތުރުކީން ހައްޔަރު ކޮށްފައިވާ ބޭރުގެ ހަނގުރާމަވެރިންގެ ތެރެއިން، ގައުމުތަކުން ރަށްވެހިކަން ނިގުޅައިގެންފައިވާ މީހުން އެ ގައުމުތަކުން ބަލައިގަންނާނެ ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ. އެފަދަ މީހުން ތުރުކީއަށް އަނބުރާ ފޮނުވާލެވޭނެ ކަމެއްވެސް ސާފެއް ނުވެއެވެ.

1996 ވަނަ އަހަރު އެކަށައެޅި ނިއުޔޯކް ކޮންވެންޝަންގައި ކަނޑައަޅާފައިވަނީ، އެއްވެސް ގައުމަކުން އެގައުމެއްގެ ރައްޔިތެއްގެ ރަށްވެހިކަން ނިގުޅައިގަތުމަކީ ނުވަތަ އެއްވެސް ގައުމަކަށް ނިސްބަތްނުވާ މީހެއްގެގޮތުގައި ކަނޑައެޅުމަކީ ޣައިރުގާނޫނީ އަމަލެއް ކަމަށެވެ. އެހެން ނަމަވެސް، ޔޫރަޕްގެ ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތުން މި މުއާހަދާ ތަސްގީދު ކޮށްފައެއް ނުވެއެވެ. ނަތީޖާއެއްގެގޮތުން މިފަހުން އެގައުމުތަކުން ރައްޔިތުންތަކެއްގެ ރަށްވެހިކަން ނިގުޅައިގަތް މައްސަލައިގެ ގާނޫނީ ބޮޑު ކަންތައްގަނޑެއް ހިނގާފައި ވެއެވެ.

އިނގިރޭސިވިލާތުން އެކަނިވެސް ސަތޭކައަށްވުރެ ގިނަ ރައްޔިތުންގެ ރަށްވެހިކަން ނިގުޅައިގެންފައިވާއިރު، އެއީ، މުޅިންވެސް ބޭރު ގައުމުތަކަށްގޮސް ހަނގުރާމަވެރި ގްރޫޕްތަކާ ގުޅުނު މީހުންނެވެ.