ވޭތުވެދިއަ ހަ އަހަރުގެ ޕޮލިސް ރެކޯޑް ތަކަށް ބަލާއިރު އަނިޔާވެރި ކުށްތައް އެންމެ މަދުން ހިންގީ މިއަހަރު ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތަކުގެ ތެރެއިން މިއަހަރު އެންމެބޮޑު ސަމާލުކަމެއް ދެއްވީ މުޖުތަމަޢުގެ ހަމަޖަހުމާއި އަމާންކަން ކަށަވަރުކޮށްދެއްވުމަށް ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އެކަން ކާމިޔާބުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިއަ ހަ އަހަރުގެ ޕޮލިސް ރެކޯޑް ތަކަށް ބަލާއިރު އަނިޔާވެރި ކުށްތައް އެންމެ މަދުން ހިންގީ މިއަހަރު ކަމަށާއި، ގުރޫޕް މާރާމާރީގެ އަދަދުވެސް މިދިއަ އަހަރަށްވުރެ މިއަހަރު 50 އިންސައްތަ ދަށް ކުރެވިފައިވާ ކަމަށެވެ.

މިދިއަ 6 އަހަރުގެ ތެރޭގައި ގޭންގު ކުށްތަކުގައި މާލޭގެ މަގުތަކުގައި 21 މީހަކު މަރާލެވިފައިވޭ. ނަމަވެސް އަޅުގަނޑު އެންމެ އުފަލާއެކު ފާހަގަކޮށްލާނީ ގޭންގް ކުށްތަކުގަ އެންމެ މީހެއްގެ ފުރާނަވެސް މިއަހަރު ގެއްލިފަ ނުވާކަން."
ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއިން ފެނިގެންދަނީ މާތްﷲ ގެ ވާގިފުޅާއި އެކު ދާހިލީ ސުލްހަމަސަލަސްކަން ޤާއިމްކުރުމަށް ދިވެހި ފުލުހުން ކުރަމުން އަންނަ ވަރަށްބުރަ މަސައްކަތުގެވެސް ނަތީޖާ ކަމަށެވެ.

ނަމަވެސް މާލޭގެ މަގުތަކުގެ އަމާންކަން ދަމަހައްޓައި ސުލްހަވެރިކަން ގާއިމްކުރުމަށް އަދިވެސް ކުރަންހުރި މަސައްކަތްތައް އެބަހުރި ކަމަށާއި، ގައުމުގެ އަމާންކަމާއި ހަމަޖެހުން ގާއިމްކުރުމުގައި ދިވެހި ސިފައިން ވެސް މުހިންމު ދައުރެއް އަދާކުރައްވަމުންގެންދަވާކަން ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން މާލޭގައި ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާގައި، މީހުންގެ ފުރާނައާއި މުދަލާއި، ގެދޮރު ސަލާމަތްކުރުމުގައި ދިވެހި ސިފައިން އަދާކުރި ފުރިހަމަ ދައުރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވޭތުވެދިއަ 6 އަހަރު ފުލުހުންގެ އިދާރާގައި ލޮގް ކޮށްފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 7 ނޮވެންބަރު 2014 އިން 2019 އަށް، ފުލުހުންގެ އިދާރާގައި ލޮގް ކުރެވުނު މައްސަލަތައް ވަނީ ދަށްކުރެވިފައެވެ.

އެގޮތުން 2014 ވަނަ އަހަރާއި އަޅާބަލާއިރު 2015 ގައި 10 އިންސައްތަ ދަށްކުރެވިފައި ވާއިރު، 2017 އިން 2019 އަށް ކޮންމެ އަހަރަކުވެސް ފުލުހުންގެ އިދާރާގައި ލޮގް ކުރެވުނު މައްސަލަތައް 5 އިންސައްތަ ދަށްކުރެވިފައިވާ ކަމަށް ފުލުންގެ ރެކޯޑް ތަކުން ދަށްކައެވެ.

ވޭތުވެދިއަ 6 އަހަރު ލޮގްކުރެވިފައިވާ ވަޔަލަންޓް ކްރައިމްސް އަށް ބަލާއިރު، މިއަހަރު ލޮގް ކުރެވިފައި ވަނީ، 2546 މައްސަލަ ކަމަށާއި، އެއީ 13 އިންސައްތަ ކަމަށްވެސް ވަނީ ދައްކާފައެވެ. އަދި ވަޔަލަންޓް ކްރައިމްސް އެންމެ ދަށްކުރެވިފައި ވަނީ 2019 ވަނަ އަހަރުކަމަށް ރެކޯޑްތަކުން ދައްކައެވެ.

ގުރޫޕް މާރާމާރީގެ ކުށްތަކާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީ، ވޭތުވެދިއަ ހަ އަހަރަށް ބަލާއިރު، އެފަދަ ކުށްތަކުގެ އަދަދު 9 އިންސައްތަ ދަށްކުރެވިފައިވާ ކަމަށް ރެކޯޑް ތަކުން ދައްކައެވެ. އެގޮތުން 2018 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު އެފަދަ ކުށްތައް 50 އިންސައްތަ ދަށް ކުރެވިފައިވާ ކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.

މީގެ އިތުރަށް ގަސްދުގައި މީހުން މެރުމުގެ ކުށްތަކުގައި، ވޭތުވެދިއަ 6 އަހަރަށް ބަލާއިރު މީހުން މެރުމުގެ ކުށް އެންމެބޮޑަށް ދަށްކުރެވިފައި ވަނީ 2018 އަދި 2019 ވަނަ އަހަރު ކަމަށް ރެކޯޑް ތަކުން ދައްކައެވެ. އަދި ވޭތުވެދިއަ ދެ އަހަރުވެސް ހުށަޙެޅުނީ އެފަދަ 2 މައްސަލަ ކަމަށް ރެކޯޑް ތަކުން ދައްކައެވެ. އެ ދެ މައްސަލަ އަކީ، ބިދޭސީން އެމީހުންގެ މަސައްކަތުގެ މާހައުލުގައި ހިނގި ހަމަނުޖެހުންތެއްގެ ތެރެއިން މާރާލާފައިވާ ދެ މީހެއްގެ މައްސަލަ ކަމަށް ވެސް ފުލުހުންގެ ރިކޯޑްތަކުން ދައްކައެވެ.

ރާއްޖޭގައި އަމާންކަން ގާއިމްކުރުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވާއިރު، އެކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މަރުހަބާ ދަންނަވާފައެވެ. އެގޮތުން ގުރޫޕް ހަދައިގެން ނުވަތަ ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް ވަރަށް ބޮޑުތަނުން މަދުކުރެވިފައި ވަނީ މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށް ތަރުތީބާއި ރަނގަޅު އިންތިޒާމްތަކުގެ ތެރެއިން ފުލުހުން ކުރަމުން އަންނަ މަސައްކަތް ހިމެނިގެންކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވެސް ވަނީ ފާހަގަކުރައްވާފައެވެ.