އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކުޅުނު ތިންވަނަ މެޗުން އަފްޣާނިސްތާން ބަލިކޮށް މުބާރާތުގެ ފައިނަލަށް ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ދަތުރުކޮށްފި އެވެ.

ފައިނަލަށް ދަތުރުކޮށް މުބާރާތުން މެޑެއްޔެއް ރާއްޖެއިން ކަށަވަރުކުރިއިރު، މުބާރާތާ ޓީމު ކުރިމަތިލާފައިވަނީވެސް މެޑެއްޔަކަށް ޓާގެޓް ކޮށްގެންނެވެ. މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރިއިރު، މިއީ އަންހެން ވޮލީބޯޅަ ޓީމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

ލީގު ބުރުގައި ކުޅުނު ތިން މެޗުންވެސް ރާއްޖެ މޮޅުވިއިރު، މިއަދު އަފްޣާނިސްތާން އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 19 ޕޮއިންޓުގެ ލީޑަކާއެކު އެވެ. އެގޮތުން މި ސެޓު ފަސޭހަކަމާއެކު ރާއްޖެއިން ގެންދިޔައީ 25-6 އިންނެވެ. ދެވަނަ ސެޓުގައިވެސް ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-7 އިންނެވެ. ތިންވަނަ ސެޓުގެ ކުރީކޮޅު ރާއްޖެއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، މި ސެޓު 25-8 އިން ކާމިޔާބުކޮށް ރާއްޖެއިން ވަނީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ.

ލީގު ބުރުގައި ކުޅުނު ތިން މެޗުންވެސް ރާއްޖެ މޮޅުވިއިރު، ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ވަނީ ކިރްގިސްތާން އަތުން 3-2 ސެޓުން މޮޅުވެފައެވެ. އަދި އިއްޔެ ރާއްޖެއިން ވަނީ ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ.

ލީގު ބުރުގެ ފަހު މެޗުގައި ބުދަ ދުވަހު ރާއްޖެ ނުކުންނާނީ ވަރުގަދަ ނޭޕާލާ ދެކޮޅަށެވެ.