އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ދައުލަތުގެ ބަޖެޓަށް މެންބަރުން ބަހުސްކުރުން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ އެޖެންޑާގައި ވަނީ، 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް އެޖެންޑާކޮށްފައެވެ. އަދި ބަޖެޓު ދިރާސާ ކުުރުމުގެ މަސައްކަތް މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ ގުޅިގެން އެކުލަވާލި ބަޖެޓު ކޮމިޓީން ދަނީ ބަޖެޓް ދިރާސާކުރަމުންނެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ބަޖެޓު ބަހުސް ކުރިއަށް ގެންދަން ޖެހެނީ ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައެވެ. ހޯމަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓް ބަހުސް ފަށަންޖެހޭ މުއްދަތު ހަމަވާނީ ހޯމަ ދުވަހުގެ ނިޔަލަށެވެ. ބަޖެޓަށް މެންބަރުންގެ ބަހުސް ހިނގަމުންދާ ވަގުތު އާއްމު ކޮމެޓީން ކަނޑައަޅާ ގޮތެއްގެ މަތިން މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ފިނޭންސް މިނިސްޓަރަށް ފުރުސަތު ދެއްވަން ޖެހެއެވެ. އަދި މެންބަރުންގެ ބަހުސަށް ފަހު، ޚިޔާލުތައް ބަޖެޓް ދިރާސާކުރާ ކޮމެޓީއަށް ފޮނުވިގެންދާނެއެވެ.

މަޖިލީހުގައި މެންބަރުންނަށް ބަޖެޓަށް ބަހުސްކުރަން ކޮންމެ ކޮންމެ މެންބަރަކަށް 15 މިނެޓްގެ އުސޫލުން ބަޖެޓަށް ބަހުސަށް 21 ގަޑިއިރު އާއްމުކޮމެޓީން ވަނީ ކަނޑައަޅާފައެވެ.

2020 ވަނަ އަހަރަށް ލަފާކޮށް 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ދައުލަތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.