މިޔަންމާގައި ރޮހިންގާ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ރާޚައިން ސްޓޭޓްގައި، މިޔަންމާ ސިފައިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުގެ މައްސަލަ، އިސްލާމީ ގައުމެއް ކަމަށްވާ ގެމްބިއާއިން އދގެ އެންމެ މަތީ ކޯޓަށް ހުށަހަޅައިފިއެވެ.
މިކަން އިޢްލާން ކުރައްވާފައިވަނީ ގެމްބިއާ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރ އަބޫބަކުރު ޓަމްބަޑޫއެވެ.
ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ދުނިޔޭގެ ކޯޓަށް ހުށަހެޅި މައްސަލާގައި، މިޔަންމާއިން އެގައުމުގެ ބައިމަދު ރޮހިންގާ ނަސްލުގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންގެންދާ ގަތުލުއާންމު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.
އައިސީޖޭއަކީ، ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ މިބާވަތުގެ މައްސަލަތައް ބަލާ އދގެ އެންމެ މަތީ ގާނޫނީ ކޯޓެވެ.
ގެމްބިއާއާއި މިޔަންމާއަކީވެސް 1948 ވަނަ އަހަރު ދުނިޔެއިން އެކަށައަޅާފައިވާ ޖެނޮސައިޑް ކޮންވެންޝަންގައި ސޮއިކޮށްފައިވާ ދެގައުމެކެވެ. އެ މުއާހަދާއަކީ ގައުމުތަކުން ގަތުލުއާންމު ހިންގުން ހަމައެކަނި މަނާކުރާ މުއާހަދާއެއް ނޫނެވެ. އޭގެ އިތުރަށް، ގަތުލުއާންމުގެ ޖަރީމާތައް ހިންގާނަމަ އެކަން ހުއްޓުވަން މަޖުބޫރުކުރުމާއި، ހުއްޓުވުމާއި، އަދި އެކަމަށް އަދަބުދިނުންވެސް މެމްބަރު ގައުމުތަކަށް އެ މުއާހަދާއިން ލާޒިމްކުރެއެވެ.
މިޔަންމާއާ ދެކޮޅަށް އދގެ ކޯޓަށް މައްސަލަ ވެއްދިކަން ގެމްބިއާގެ ޖަސްޓިސް މިނިސްޓަރ އިޢްލާން ކުރެއްވީ، އދގެ ކޯޓް ގާއިމްކޮށްފައިވާ ދަ ހޭގްގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
އަބޫބަކުރު ޓަމްބަޑޫ ވިދާޅުވީ، މިޔަންމާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވި މައިގަނޑު ސަބަބަކީ، މިޔަންމާގެ ރައްޔިތުން ކަމުގައިވާ ރޮހިންގާއިންނާ ދެކޮޅަށް ހިންގި އަމަލުތަކަށް މިޔަންމާ ޖަވާބުދާރީ ކުރުވުން ކަމަށެވެ.
ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން އެންމެންގެ ލޯކުރިމަތީގައި ގަތުލުއާންމު ހިންގަމުން ގެންދިޔައިރު އެކަން ހުއްޓުވުމުގައި މިއަދުގެ ދުނިޔެ ނުކުޅެދިފައިވުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް އަބޫބަކުރު ވިދާޅުވިއެވެ.
ހުޅަނގު އެފްރިކާގެ ކުޑަކުޑަ ގައުމެއް ކަމަށްވާ ގެމްބިއާއަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމެކެވެ. އެގައުމުން މިޔަންމާއާ ދެކޮޅަށް އދގެ ކޯޓަށް މައްސަލަ ހުށަހެޅީ އިސްލާމީ ގައުމުތައް ހިމެނޭ ޖަމްއިއްޔާ، އޮގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަންގެ ތާއީދާ އެކުގައި ކަމަށް ވެއެވެ.
2017 ވަނަ އަހަރުގެ ތެރޭގައި މިޔަންމާ ސިފައިން ބަރުހަތިޔާރާއެކު ރާޚައިން ސްޓޭޓަށް އަރައިގަނެ ކުޑަކުއްޖެއް، މުސްކުޅިއެއް އަންހެނެއް ނުބަލައި ރޮހިންގާ މުސްލިމުން މަރައި، ކަތިލައި، ގެދޮރާއި އަވަށްތަކާއި، މިސްކިތްތަކާއި، މަދްރަސާތަކުގައި ހުޅުޖަހައި އަންދައި، އަންހެނުންގެ އިއްފަތް ޖަމައީގޮތެއްގައި ފޭރިގަތުމުގެ ލާއިންސާނީ ނުބައި އެތައް ޖަރީމާއެއް ހިންގާފައި ވެއެވެ.
މި ޖަރީމާތަކާހެދި ފުރާނައިގެ ސަލާމަތަށް އެދިގެން 2017 ގެ ފަހުން މިހާތަނަށް 730،000 މުސްލިމުން ފިލައިގެން އަވަށްޓެރި ބަނގްލަދޭޝްއަށް އެތެރެވެފައި ވެއެވެ.
މިކަން ތަހްގީގު ކުރުމަށްފަހު އދއިން ބުނެފައިވަނީ، މިޔަންމާ ސިފައިން މަސައްކަތްކުރީ ރޮހިންގާ ނަސްލު އެކަށް ނައްތާލަން ކަމަށެވެ.
ނަމަވެސް، ބުދިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާއިން މިވާހަކަތައް ދޮގުކުރެއެވެ. ބުނެފައިވަނީ، ސިފައިން ހިންގީ ޓެރަރިސްޓުން އަތުލައިގަތުމުގެ އޮޕަރޭޝަނެއް ކަމަށެވެ.
ގެމްބިއާއިން އދގެ ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ، މިޔަންމާއިން މިހާރުވެސް ކުރިއަށް ގެންދާ، ރޮހިންގާ މުސްލިމުން ކަތިލުމާއި، މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމު ވަގުތުން ހުއްޓުވުމަށް ފިޔަވަޅު އަޅައިދިނުމަށެވެ.
މިޔަންމާ ސިފައިން ހިންގަމުންގެންދިޔަ ގަތުލުއާންމުތައް ހުއްޓުވައި ދިނުމަށް ދުނިޔެއަށް ގޮވާލަމުން ގެންދިޔަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން، ގެމްބިއާގެ މި އިސްނެގުމަށް ތައުރީފް ކުރަމުން އެބަގެންދެއެވެ.
101% ދިވެހިރާއްޖެއިން ނުކެރުނު "ކޮންގްރޭޗުލޭޝަން" ކިޔަންވެސް!