ޕްރެޒިޑެންޓް ސްކައުޓް ބެޖަކީ ސްކައުޓް އެސޯސިއޭޝަންގެ ޕްރޮގްރެސިވް ސްކީމްގައި ހިމެނޭ ސްކައުޓް އުމުރުފުރައިގެ 11 އަހަރާއި 18 އަހަރާ ދެމެދުގެ ސްކައުޓުންނަށް ދެވޭ އެންމެ ޝަރަފްވެރި ދަރަޖައެވެ. މިއަހަރު ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލް ކޮށްފައިވަނީ 5 ސްކައުޓުންނެވެ.

މިއަހަރު ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރި ފަސް ސްކައުޓުންގެ ތެރޭގައި ހިމެނެނީ 2 އަންހެން ސްކައުޓުންނާއި، 3 ފިރިހެން ސްކައުޓުންނެވެ. މި ފަސް ސްކައުޓުންނަކީވެސް އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ސްކައުޓުންނެވެ.

މިއީ، ރާއްޖޭގައި ޕްރެޒިޑެންޓް ސްކައުޓް ބެޖް ދޭން ފެށިފަހުން އެ ބެޖް ހާސިލްކުރި ފުރަތަމަ އަންހެން ދެ ސްކައުޓުންނެވެ. އަދި މިއީ އަރަބިއްޔާ ސްކައުޓް ގްރޫޕްގެ ސްކައުޓުންތަކެއް ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ރާއްޖޭގެ އަންހެން ސްކައުޓުންގެ ތެރެއިން ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރި ފުރަތަމަ އަންހެން ދެ ސްކައުޓުންގެ ތެރޭގައި ހިމެނެނީ މަރިޔަމް ބަރްޝާ މުހަންމަދުއާއި، އާމިނަތު އައިނާ އަލީއެވެ.

މަރިޔަމް ބަރްޝާއާ ރައީސުލްޖުމްހޫރިއްޔާ ޕްރެޒިޑެންޓް ސްކައުޓް ބެޖް ހަވާލުކޮށްދެއްވަނީ:

މީގެތެރެއިން މަރިޔަމް ބަރްޝާ މުހަންމަދަކީ، އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންގެންދާ ދަރިވަރެކެވެ.

ކަބް ސްކައުޓް މަރްހަލާ ނިންމައި 2013 ވަނަ އަހަރު ސްކައުޓް ސެކްޝަނާ ގުޅުނު ބަރްޝާ ވަނީ 20 ފަންނީ ބެޖް ހާސިލްކޮށް "ޖޫނިއަރ ސްކައުޓް އެޕްލޯޓްސް އާއި ސްކައުޓް ކޯޑު" އަދި "ސީނިއަރ ސްކައުޓް އެޕްލޯޓްސް އާއި ބުޝްމަންސް ތޯންގު" ހާސިލްކޮށްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ސްކައުޓް ކޭމްޕްތަކާއި، ސްރީލަންކާގައި ބޭއްވުނު އިންޓަރނޭޝަނަލް ސްކައުޓް ޖަމްބޮރީގައިވެސް ބަރްޝާ ބައިވެރިވެފައިވެއެވެ. ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރުމަށްޓަކައި ބަރްޝާވަނީ ތަފާތު ގިނަ އިޖުތިމާއީ މަސައްކަތްތައް ކޮށްފައެވެ.

ބަރްޝާއަކީ މިހާރު އަރަބިއްޔާ ސްކައުޓް ގްރޫޕްގެ ސީނިއަރ ޕެޓްރޯލް ލީޑަރެކެވެ. އަދި ބަރްޝާއަކީ އަރަބިއްޔާ ސްކޫލުން ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރާ ސްކައުޓުންގެ ތެރެއިން އުމުރުން އެންމެ ހަގު އަންހެން ސްކައުޓެވެ.

އާމިނަތު އައިނާ އަލީއާ ރައީސުލްޖުމްހޫރިއްޔާ ޕްރެޒިޑެންޓް ސްކައުޓް ބެޖް ހަވާލުކޮށްދެއްވަނީ:

ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރި އަނެއް އަންހެން ސްކައުޓް އާމިނަތު އައިނާ އަލީއަކީވެސް އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 12 ގައި ތައުލީމު ހާސިލް ކުރަމުންގެންދާ ދަރިވަރެކެވެ.

ކަބް ސްކައުޓް މަރްހަލާ ނިންމައި، 2013 ވަނަ އަހަރު ސްކައުޓް ސެކްޝަނާ ގުޅުމަށްފަހު އައިނާވަނީ 29 ފަންނީ ބެޖް ހާސިލްކޮށް "ޖޫނިއަރ ސްކައުޓް އެޕްލޯޓްސް އާއި ސްކައުޓް ކޯޑު" އަދި "ސީނިއަރ ސްކައުޓް އެޕްލޯޓްސް އާއި ބުޝްމަންސް ތޯންގު" ހާސިލްކޮށްފައެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ސްކައުޓް ކޭމްޕްތަކާއި، ސްރީލަންކާގައި ބޭއްވި އިންޓަރނޭޝަނަލް ސްކައުޓް ޖަމްބޮރީގައިވެސް އައިނާ ބައިވެރިވެފައިވެއެވެ. އަދި ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލް ކުރުމަށްޓަކައި އައިނާވަނީ ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

އައިނާއަކީ 2017 ވަނަ އަހަރު އަރަބިއްޔާގެ ބެސްޓް އޯލް ރައުންޑް ސްކައުޓެވެ. އަދި އޭނާއަކީ އަރަބިއްޔާގެ ސީނިއަރ ޕްރިފެކްޓް އަދި ވައިލެޓް ހައުސްގެ ކެޕްޓަންގެ އިތުރުން، އަރަބިއްޔާ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރެއްވެސް މެއެވެ.

މީގެއިތުރުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެ އަންހެން ސްކައުޓުންވަނީ ބޭޑްން ޕަވަލް ބެޖްވެސް ހާސިލްކޮށްފައެވެ.

ބޭޑްން ޕަވަލް ބެޖަކީ، ސްކައުޓް އެސޯސިއޭޝަންގެ ޕްރޮގްރެސިވް ސްކީމްގައި ހިމެނޭ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރު ފުރާގައި ހިމެނޭ ރޯވަރ ސްކައުޓް ސެކްޝަނަށް ދެވޭ އެންމެ ޝަރަފްވެރި ދަރަޖައެވެ.

ފައިހާ އަބްދުﷲއާ ރައީސުލްޖުމްހޫރިއްޔާ ބޭޑްން ޕަވަލް ބެޖް ހަވާލުކޮށްދެއްވަނީ

މިއަހަރު ބޭޑްން ޕަވަލް ބެޖް ހާސިލްކުރި ދެ އަންހެން ސްކައުޓުންގެ ތެރޭގައި ހިމެނެނީ، ފައިހާ އަބްދުﷲ އާއި، ސައާދާ އަހްމަދެވެ.

މީގެތެރެއިން، އިމާދުއްދީން ސްކޫލްގެ ސްކައުޓް ލީޑަރެއްގެ ގޮތުގައި މިހާރު ޚިދުމަތް ކުރަމުންގެންދާ ފައިހާ އަބްދުﷲ ސްކައުޓް ހަރަކާތާ ގުޅިފައިވަނީ 2010 ވަނަ އަހަރުއެވެ. އޭނާ ރޯވަރ ސްކައުޓް ފަށާފައިވަނީ 23 ވަނަ މާލޭ ސްކައުޓް ގްރޫޕްގައި 2014 ވަނަ އަހަރުއެވެ.

ފައިހާއަކީ މިހާރު ސްކައުޓް އެސޯސިއޭޝަންގެ ޔޫތު ކައުންސިލްގެ ޗެއަރޕަސަންއެވެ. އޭނާވަނީ 2018 ވަނަ އަހަރު ޔޫތު ކައުންސިލްގެ ވައިސް ޗެއަރޕާސަންގެ މަގާމުވެސް އަދާކޮށްފައެވެ.

ސައާދާ އަހްމަދުއާ ރައީސުލްޖުމްހޫރިއްޔާ ބޭޑްން ޕަވަލް ބެޖް ހަވާލުކޮށްދެއްވަނީ

ބޭޑްން ޕަވަލް ބެޖް ހާސިލްކުރި އަނެއް އަންހެން ސްކައުޓް ސައާދާ އަހްމަދު ސްކައުޓް ހަރަކާތާ ގުޅިފައިވަނީ 2008 ވަނަ އަހަރު އަމީނިއްޔާ ސްކޫލުންނެވެ. އެއަށްފަހު 2014 ވަނަ އަހަރު ޣިޔާޘުއްދީން ސްކޫލްގެ ރޯވަރ ސްކައުޓެއްގެ ގޮތުގައި ގުޅި، ޚިދުމަތް ކުރުމަށްފަހު 2018 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕާ ގުޅި، ބޭޑްން ޕަވަލް ބެޖްގެ މަސައްކަތް ސައާދާ ފުރިހަމަ ކޮށްފައިވަނީ މަޖީދިއްޔާ ސްކޫލްގެ ރޯވަރ ސްކައުޓެއްގެ ގޮތުގައި ހުރެގެންނެވެ.

ސްކައުޓް އެސޯސިއޭޝަންގެ ހެޑް ކުއާޓަރ ކޮމިޝަނަރ ފޮރ ޕްރީ-ކަބް ސެކްޝަންގެ މަގާމުގައި ހުރި ސައާދާ ވަނީ އަމީނިއްޔާ ސްކޫލްގެ އެސިސްޓެންޓް ގްރޫޕް ސްކައުޓް ލީޑަރެއްގެ ގޮތުންވެސް ޚިދުމަތް ކޮށްފައެވެ.

މިފަހަރު ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރި ފިރިހެން 3 ސްކައުޓުންނަކީ އަރަބިއްޔާ ސްކައުޓް ގްރޫޕްގެ އިސްމާއިލް ޖައިޝް ޖަލާލްއާއި، މުހަންމަދު މައުއިލްއާއި، މުހަންމަދު އަކްމަލް ނަސީރެވެ.

އިސްމާއިލް ޖައިޝް ޖަލާލްއާ ރައީސުލްޖުމްހޫރިއްޔާ ޕްރެޒިޑެންޓް ސްކައުޓް ބެޖް ހަވާލުކޮށްދެއްވަނީ

މީގެތެރެއިން، އިސްމާއިލް ޖައިޝް ޖަލާލްއަކީ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 12 ގައި ތައުލީމް ހާސިލްކުރަމުންގެންދާ ދަރިވަރެކެވެ.

ކަބް ސްކައުޓް މަރްހަލާ ނިންމައި، އޭނާ ސްކައުޓް ސެކްޝަނާ ގުޅިފައިވަނީ 2013 ވަނަ އަހަރުއެވެ. އޭނާވަނީ މިހާތަނަށް 25 ފަންނީ ބެޖް ހާސިލްކޮށް "ޖޫނިއަރ ސްކައުޓް އެޕްލޯޓްސް އާއި ސްކައުޓް ކޯޑު" އަދި "ސީނިއަރ ސްކައުޓް އެޕްލޯޓްސް އާއި ބުޝްމަންސް ތޯންގު" ހާސިލްކޮށްފައެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ސްކައުޓް ކޭމްޕްތަކާއި، ސްރީލަންކާގައި ބޭއްވި އިންޓަރނޭޝަނަލް ސްކައުޓް ޖަމްބޮރީގައިވެސް ޖައިޝް ބައިވެރިވެފައިވެއެވެ. ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލް ކުރުމަށްޓަކައި ޖައިޝްވަނީ، ތަފާތު ގިނަ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

ކުރެހުމާއި، ފަރުމާކުރުމުގެ ފަންނުގައި ކުރިއަށް ދިއުމަށް ޝައުގުވެރިވާ ޖައިޝްއަކީ އަރަބިއްޔާ ސްކޫލްގެ ސީނިއަރ ޕްރިފެކްޓްގެ އިތުރުން، ބްލޫ ހައުސްގެ ކެޕްޓަނެވެ. އަދި އޭނާއަކީ އަރަބިއްޔާ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރެކެވެ.

މުހަންމަދު މައުއިލްއާ ރައީސުލްޖުމްހޫރިއްޔާ ޕްރެޒިޑެންޓް ސްކައުޓް ބެޖް ހަވާލުކޮށްދެއްވަނީ

ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރި އަނެއް ސްކައުޓް، މުހަންމަދު މައުއިލްއަކީ އަރަބިއްޔާގެ ގްރޭޑް 11 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. އޭނާ ކަބް ސްކައުޓް މަރްހަލާ ނިންމައި ސްކައުޓް ސެކްޝަނާ އޭނާ ގުޅިފައިވަނީ 2014 ވަނަ އަހަރުއެވެ. އޭނާވަނީ 23 ފަންނީ ބެޖް ހާސިލްކޮށް "ޖޫނިއަރ ސްކައުޓް އެޕްލޯޓްސް އާއި ސްކައުޓް ކޯޑު" އަދި "ސީނިއަރ ސްކައުޓް އެޕްލޯޓްސް އާއި ބުޝްމަންސް ތޯންގު" ހާސިލްކޮށްފައެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ސްކައުޓް ކޭމްޕްތަކާއި، ސްރީލަންކާގައި ބޭއްވި އިންޓަރނޭޝަނަލް ސްކައުޓް ޖަމްބޮރީގައިވެސް މައުއިލް ބައިވެރިވެފައިވެއެވެ. އަދި އިޖުތިމާއީ ގިނަ ހަރަކާތްތަކުގައިވެސް ބައިވެރިވެފައި ވެއެވެ.

ކެރަމް ކުޅުމާއި، ގައުމީ ކެރަމް މުބާރާތްތަކުގައި އަމްޕަޔަރުކަން ކުރަމުންދާ މައުއިލްއަކީ އަރަބިއްޔާ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރުންގެ ތެރެއިން 2018 ވަނަ އަހަރާއި، 2019 ވަނަ އަހަރުގެވެސް އެންމެމޮޅު ޕެޓްރޯލް ލީޑަރެވެ.

މުހަންމަދު އަކްމަލް ނަސީރުއާ ރައީސުލްޖުމްހޫރިއްޔާ ޕްރެޒިޑެންޓް ސްކައުޓް ބެޖް ހަވާލުކޮށްދެއްވަނީ:

ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރި އަނެއް ސްކައުޓް، މުހަންމަދު އަކްމަލް ނަސީރަކީ އަރަބިއްޔާ ސްކޫލްގެ ގްރޭޑް 11 ގައި ތައުލީމު ހާސިލް ކުރަމުންގެންދާ ދަރިވަރެކެވެ. އޭނާ ކަބް ސްކައުޓް މަރްހަލާ ނިންމައި، ސްކައުޓް ސެކްޝަނާ ގުޅިފައިވަނީ 2014 ވަނަ އަހަރުއެވެ.

އަކްމަލް ވަނީ މިހާތަނަށް 18 ފަންނީ ބެޖް ހާސިލްކޮށް "ޖޫނިއަރ ސްކައުޓް އެޕްލޯޓްސް އާއި ސްކައުޓް ކޯޑު" އަދި "ސީނިއަރ ސްކައުޓް އެޕްލޯޓްސް އާއި ބުޝްމަންސް ތޯންގު" ހާސިލްކޮށްފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ސްކައުޓް ކޭމްޕްތަކާއި، ސްރީލަންކާގައި ބޭއްވި އިންޓަރނޭޝަނަލް ސްކައުޓް ޖަމްބޮރީގައިވެސް ބައިވެރިވެފައިވެއެވެ. ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރުމަށްޓަކައި އަކްމަލްވަނީ ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

ސްކޫލް ކުދިންގެ މަދަހަ މުބާރާތްތަކުން ރަން ވަނަތައް ހޯދަމުންގެންދާ އަކްމަލްއަކީ އަރަބިއްޔާ ސްކޫލްގެ ޕްރިފެކްޓެއްގެ އިތުރުން ބްލޫ ހައުސްގެ ޑެޕިއުޓީ ކެޕްޓަނެވެ. އަދި އޭނާއަކީ އަރަބިއްޔާ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރެކެވެ.

މީގެއިތުރުން، މިއަހަރު ބޭޑްން ޕަވަލް ބެޖް ހާސިލްކުރި އަނެއް 4 ރޯވަރ ސްކައުޓުންނަކީ، މަޖީދިއްޔާ ސްކޫލްގެ އަބްދުﷲ ޔާފިޘް އަހްމަދާއި، މުހަންމަދު އިޢުޖާޒް ޔަޒީދާއި، އިމާދުއްދީން ސްކޫލްގެ ރޯވަރ ސްކައުޓުން ކަމުގައިވާ އިޒްހާން އަބްދުﷲއާއި، އަލީ ތަޙްނީކް އަހްމަދެވެ.

އަބްދުﷲ ޔާފިޘް އަހްމަދުއާ ރައީސުލްޖުމްހޫރިއްޔާ ބޭޑްން ޕަވަލް ބެޖް ހަވާލުކޮށްދެއްވަނީ:

މީގެ ތެރެއިން، އަބްދުﷲ ޔާފިޘް އަހްމަދަކީ މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރުކަމާއި، ސްކައުޓް އެސޯސިއޭޝަންގެ ހެޑްކުއާޓަރ ކޮމިޝަނަރ ފޮރ ފައިނޭންސް މަގާމު އަދާކުރަމުންގެންދާ ސްކައުޓެކެވެ. ޔާފިޘްވަނީ 2017 ވަނަ އަހަރު ޕްރެޒިޑެންޓް ސްކައުޓް ބެޖްވެސް ހާސިލްކޮށްފައެވެ.

މުހަންމަދު އިއުޖާޒް ޔަޒީދުއާ ރައީސުލްޖުމްހޫރިއްޔާ ބޭޑްން ޕަވަލް ބެޖް ހަވާލުކޮށްދެއްވަނީ:

ބޭޑްން ޕަވަލް ބެޖް ހާސިލްކުރި މުހަންމަދު އިޢުޖާޒް ޔަޒީދަކީ މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރެކެވެ. އަދި އޭނާއަކީ ހެޑްކްއާޓަރ ކޮމިޝަނަރ ފޮރ އިންތަރނޭޝަނަލް ސަޕޯޓްގެ މަގާމުގައި ހުރި ރޯވަރ ސްކައުޓެކެވެ. 2014 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގެ ބެސްޓް އޯލް ރައުންޑް ސްކައުޓަކަށް ހޮވިފައިވާ އިޢުޖާޒް ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލް ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.

އިޒްހާން އަބްދުﷲއާ ރައީސުލްޖުމްހޫރިއްޔާ ބޭޑްން ޕަވަލް ބެޖް ހަވާލުކޮށްދެއްވަނީ:

ބީޕީ ބެޖް ހާސިލްކުރި އިޒްހާން އަބްދުﷲއަކީ އިމާދުއްދީން ސްކޫލްގެ ސްކައުޓް ލީޑަރެއްގެ އިތުރުން، ސްކައުޓް އެސޯސިއޭޝަންގެ ޔޫތު ކައުންސިލްގެ މެމްބަރެއްވެސް މެއެވެ. 2008 ވަނަ އަހަރު ސްކައުޓް ހަރަކާތާ ގުޅުނު އިޒްހާން ރޯވަރ ސްކައުޓިން ފަށާފައިވަނީ 2015 ވަނަ އަހަރު ޣިޔާޘުއްދީން ސްކޫލުންނެވެ. އެއަށްފަހު އޭނާ އިމާދުއްދީން ސްކޫލްގެ ސްކައުޓް ގްރޫޕާ ގުޅިފައިވަނީ 2017 ވަނަ އަހަރުއެވެ.

އަލީ ތަހްނީކް އަހްމަދުއާ ރައީސުލްޖުމްހޫރިއްޔާ ބޭޑްން ޕަވަލް ބެޖްގެ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ:

ބޭޑްން ޕަވަލް ބެޖް ހާސިލްކުރި އަލީ ތަޙްނީކް އަހްމަދުއަކީ އިމާދުއްދީން ސްކޫލްގެ ސްކައުޓް ލީޑަރެކެވެ. ތަޙްނީކް ސްކައުޓް ހަރަކާތާ ގުޅިފައިވަނީ 2016 ވަނަ އަހަރު އިމާދުއްދީން ސްކޫލުން ރޯވަރ ސްކައުޓެއްގެ ގޮތުގައެވެ. އޭނާ ސްކައުޓް ލީޑަރސް ކޯސް ފުރިހަމަ ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. ތަޙްނީކްއަކީ މިވަގުތު މެސެންޖަރސް އޮފް ޕީސްގެ ލޯކަލް ކޯޑިނޭޓަރސް ޓީމުގެ މެމްބަރެއްގެ ގޮތުގައެވެ.

ރ. އިނގުރައިދޫ ހަތިހާ، އަލީ ފައުޒާންއާ ރައީސުލްޖުމްހޫރިއްޔާ ހަނދާނީފިލާ ހަވާލުކޮށްދެއްވަނީ:

މީގެއިތުރުން، 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 18 ވަނަ ދުވަހު ރ. އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖަކު، ފުރާނައަށް ނުރައްކާވާފަދަ ހާލަތެއްގައި ވަނިކޮށް، އޭނާގެ ފުރާނަ ސަލާމަތްކުރުމުގައި އެހީތެރިވި ދެ ސްކައުޓުން ކަމަށްވާ ރ. އިނގުރައިދޫ ހަތިހާ، އަލީ ފައުޒާނާއި، އިނގުރައިދޫ މާހާ، ނިޝާހް އަބްދުލްޣަފޫރު ދައްކާފައިވާ ދައްކާފައިވާ އާދަޔާޚިލާފް ހިތްވަރު ފާހަގަ ކުރައްވައި ސަރުކާރުން ދެއްވި ހަނދާނީ ފިލާވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރ. އިނގުރައިދޫ މާހާ، ނިޝާހް އަބްދުލްޣަފޫރުއާ ރައީސުލްޖުމްހޫރިއްޔާ ހަނދާނީފިލާ ހަވާލުކޮށްދެއްވަނީ:

މިއަހަރު ޕްރެޒިޑެންޓް ސްކައުޓް ބެޖާއި، ބޭޑްން ޕަވަލް ބެޖް ހާސިލްކުރި ސްކައުޓުންނަށް ބެޖާއި ހަނދާނީ ފިލާދެއްވީ މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެގޮތުން ނޮވެމްބަރު 10 ވީ އަދީއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހްގެ އަތްޕުޅުންނެވެ.