ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް 6 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ މަގާމަށް ދެ ފަހަރެއްގެ މަތިން 6 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެ ކޮމިޝަންގެ ދެ މަގާމެއް ހުސްވެފައި ވަނީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވައި އަދި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތުމަތު ޒައިނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.

އެގޮތުން މަޖިލީހުން މިއަދު ވަނީ، ޝަހީބްގެ ބަދަލުގައި އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާއި، ޒައިނާގެ މަގާމް ހުސްވުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަންދެއްވާ ތަރުތީބުން ނަންތައް ކޮމެޓީއަށް ފޮނުއްވާފައެވެ.

އެގޮތުން ލިސްޓުގެ އެންމެ ކުރީގައި އޮތީ ޕްރެޒެންޓާ މަރިޔަމް ވަހީދާ (މަރީ) އާއި، ޕްރެޒެންޓަރ އަދި ނޫސްވެރިޔާ އާމިނަތު އަމީނާ (އަނާ) ގެ ނަމެވެ. މީޑިއާގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ މަރިޔަމް ވަހީދާ އަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑު މެންބަރެކެވެ. އަދި މަރިޔަމް ގެންދަވަނީ ރާއްޖޭގައި ހުންނަ ސްވިޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމުވެސް ފުރުއްވަމުންނެވެ.

ނޫސްވެރިކަމުގެ ދާއިރާގައި 12 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައި އާމިނަތު އަމީނާ (އަނާ) ވަނީ ނޫސްވެރިކަމުގެ ދާއިރާއިން، މާސްޓާސް ޑިގްރީ ހާސިލްކޮށްފައެވެ. އަދި ނޫސްވެރިކަމުގެ އިނާމް ދެ އަހަރަކު ވަނީ ހާސިލްކުރައްވާފަ އެވެ. އަނާ މިހާރުވެސް މަސައްކަތްކުރަނީ ވީޓީވީ ގައެވެ.

  1. މަރިޔަމް ވަހީދާ، (މަރީ) ގ. ހިލްމަން

  2. އައިމިނަތު އަމީނާ، (އަނާ) ހަނދުވަރީގެ ލ. ކުނަހަންދޫ

  3. އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް

  4. ދިޔާނާ ތޯހިރު، ސެވަންސްޓަ، ސ. ހިތާދޫ

މީގެ އިތުރަށް ބްރޯޑްކޮމްގެ ހުސްވެފައިވާ ދެވަނަ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ:

  1. އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް
  2. ހަސަން އިރުފާނު، މއ. ބޮޑުމަގުގެ

  3. ޑރ. އިބްރާހިމް ޝިޔާމް މ. ކަފިޔަވިލު

ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިން ކުރިމަތިލެއްވި 36 ބޭފުޅެއްގެ ނަންތައް ދިރާސާކުރަން މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ދަނީ އެ ބޭފުޅުންނައި އިންޓަވިއު ކުރަމުންނެވެ.