ފީނާ އިން ދިވެހިރާއްޖޭގައި އިންތިޒާމުކޮށް ކުރިއަށްގެންދިޔަ ފީނާ ލެވެލް 2 ސްވިމިން ކޯޗިން ކޯސް ދިވެހިރާއްޖޭގެ 9 ކޯޗުން ފުރިހަމަކޮށްފި އެވެ.

މިއީ ބައިނަލްއަގުވާމީ ފެތުމުގެ ކުޅިވަރުތަކާއި ބެހޭ ޖަމްއިއްޔާ، ފީނާގެ ލެވެލް 2 ގެ ކޯޗިން ކޮލިފިކޭޝަނެއް ދިވެހިރާއްޖޭގެ ކޯޗުން ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.

ފީނާ ލެވަލް 2 ގެ ސްވިމިން ކޯޗިން ކޮލިފިކޭޝަން ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗުންނަކީ ހުސައިން މުބާހު، މުހައްމަދު އާދަމް، މަރިޔަމް ޔައުލާ ޔަސާރު، މުހައްމަދު ޖައުފަރު، އިސްމާޢީލް ފަރުހާން، އަހުމަދު އަރީފް، އަހުމަދު ފާއިޒް، މަރިޔަމް ނަފްހާ އަލީ އަދި އިބްރާހީމް އަލީ އެވެ.

ފީނާއިން އިންތިޒާމުކުރާ މިފަދަ ކޯޗިން ކޯސްތަކަކީ އެހެން ގައުމުތަކުގެ ސްވިމިން ފެޑަރޭޝަންތަކުގެ ކޯޗުންނަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވާލެވޭ ކޯސް ތަކަކަކަށް ވުމުން، ރާއްޖޭގައި ކުރިއަށްގެންދިޔަ ކޯހުގައި ޖަޕާނާއި އިންޑިއާގެ ކޯޗުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ޖަޕާނުގެ ކޯޗެއް ކަމަށްވާ ޝިނޯ ޔޮޝިކަވާ އަދި އިންޑިއާގެ ކޯޗެއް ކަމަށްވާ ނޭހާ ރަނާވެސް ވަނީ މި ކޯހުގައި ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައެވެ.

މި މަހުގެ 6 އިން 11 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ކޯޗުންނަށް ކިޔަވައިދިނީ ފީނާގެ ތަޖުރިބާކާރު ކޯޗު ޖޭމްސް ރިޗާޑް އެވެ. މިއީ ރާއްޖޭގައި ފީނާ ކޯޗިން ކޮލިފިކޭޝަން ލެވެލްގެ ކޯހެއް ހިންގަން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.