ބޮލީވިއާގެ ކުރީގެ ރައީސް އީވޯ މޮރޭލްސް، މެކްސިކޯއިން ހިމާޔަތް ހޯއްދަވައިފިއެވެ.

މޮރޭލްސް މިހާރުދަނީ، ބޮލީވިއާއިން ފިއްލަވައިގެން މެކްސިކޯއަށް ވަޑައިގަތުމަށް ވައިގެ މަގުން ދަތުރު ކުރައްވަމުންނެވެ. އޭނާ ދަތުރު ކުރައްވަމުން ގެންދަވަނީ މެކްސިކޯ އެއަރފޯސް ޖެޓެއްގައި ކަމަށް ވެއެވެ.

މިކަން މެކްސިކޯގެ ޚާރިޖީ ވަޒީރު މާރސެލޯ އެބްރާރޑްވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ބޮލީވިއާގެ ރައީސް އީވޯ މޮރޭލްސް އިސްތިއުފާ ދެއްވީ، އެގައުމުގައި ބޭއްވި އިންތިޚާބުގައި މަކަރާއި ހީލާތް ހަދާފައިވާ ކަމަށް ބުނެ އާންމުން މަގުތަކަށް ނުކުމެ ހިންގި ލޭއޮހޮރުރުންބޮޑު ތަޅާފޮޅުންތަކާއި، ހަމަޖެހުންތަކަށްފަހު މިދިޔަ އާދީއްތަ ދުވަހުއެވެ.

އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ވެރިކަން ދިފާއުކުރެއްވުމަށް މޮރޭލްސް މަސައްކަތް ކުރެއްވި ނަމަވެސް، އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ވެރިކަންކުރާ ޕާޓީގެ ބައިވެރިން ސަރުކާރުން ވަކިވުމާއި، މޮރޭލްސް މަގާމުން އިސްތިއުފާ ދެއްވުމަށް އެގައުމުގެ ސިފައިން އެންގުމުންނެވެ.

މޮރޭލްސް މިކަން ސިފަ ކުރެއްވީ ބަޣާވާތެއްގެގޮތުގައެވެ. ސަބަބަކީ މިއީ ބޮލީވިއާގެ ގާނޫނުއަސާސީއާ ޚިލާފަށް ހިނގައިދިޔަ ކަމެއް ކަމުންނެވެ.

މެކްސިކޯއަކީ، ހަމަޖެހުންތަކުގެ ދަނޑިވަޅުގައިވެސް މޮރޭލްސްއަށް ތާއީދު ކުރަމުން ގެންދިޔަ ގައުމެކެވެ. މެކްސިކޯއިން މޮރޭލްސްއަށް ހިމާޔަތްދިނީ އޭނާގެ ފުރާނައަށް ނުރައްކާވުމުން ކަމަށް މެކްސިކޯއިން ބުނެފައި ވެއެވެ.

ބޮލީވިއާގައި ފާއިތުވި 14 އަހަރު ވެރިކަން ކުރެއްވި އީވޯ މޮރޭލްސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މެކްސިކޯއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، ސިޔާސީ ސަބަބަށްޓަކައި ގައުމު ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ބޮލީވިއާގައި އިތުރު ލޭއޮހޮރުވުންތަކެއް ނުހިނގަނީސް މަގާމުން އިސްތިއުފާ ދެއްވުމަށް މޮރޭލްސް ނިންމެވި ކަމަށްޓަކައި މެކްސިކޯގެ ރައީސް އެންޑްރޭސް މައުއެލް ލޮޕޭޒް އޮބްރޭޑޯވަނީ މޮރޭލްސްއަށް ތައުރީފް ކުރައްވާފައެވެ.