ދެފަރާތުން ބަދަލުކުރި ހަމަލާތަކާ ގުޅިގެން ހަނގުރާމައަށް ފެށިދާނެތީ، ޣައްޒާގެ މަސްރަހް ފިނިކުރުމަށް މިސްރުން މަސައްކަތް ކުރަމުން އެބަގެންދެއެވެ.

މިސްރުގެ މަސްދަރުތަކުން ބުނެފައިވަނީ، އެމެރިކާ އަދި އީޔޫވެސް ހިމެނޭގޮތުން މިސްރުން ޣައްޒާގެ މަސްރަހް ފިނިކުރުމަށް ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މިސްރަކީ، މަސްރަހް ނުތަނަވަސްވާ ކޮންމެ ފަހަރަކު އެކަން ފިނިކޮށް ހުއްޓުވަން މެދުވެރިއެއްގެ ދައުރު އަދަކުރާ ގައުމެވެ.

ޣައްޒާގެ މަސްރަހް އިތުރަށް ހޫނުވެވެގެންދިޔައީ، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކެއްގައި ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ޖަމާއަތުގެ ކޮމާންޑަރަކު ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

ޣައްޒާގެ ވެރިރަށް ގާޒާ ސިޓީއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި ޝަހީދުކޮށްލާފައިވަނީ ބަހާ އަބޫ އަލް އަތާއެވެ.

އުމުރުން 42 އަހަރުގެ ބަހާ އަބޫ އަލް އަތާއަކީ އިސްލާމިކް ޖިހާދު ޖަމާއަތުގެ ޣައްޒާ ކޮމާންޑަރެވެ. އިސްރާއީލުން ވައިގެ ހަމަލާ ދީފައިވަނީ އޭނާގެ ގެއަށްކަމަށް ވެއެވެ. މިހަމަލާގައި އޭނާގެ އަނބިމީހާވެސް ޝަހީދުވިއެވެ.

މިހަމަލާގައި ބަހާ އަބޫ އަލް އަތާ ޝަހީދުވެފައިވާކަން، އިސްލާމިކް ޖިހާދު ޖަމާއަތުން ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރު ކޮށްދީފައެވެ.

އިސްރާއީލުން ޣައްޒާއަށް ވައިގެ ހަމަލާތަކެއް މިދިނީ، ޣައްޒާގެ ތެރެއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

ރޮކެޓް ހަމަލާތައް އަންނާން ފެށުމުން، އިސްރާއީލުގެ މެދުތެރެއާއި، ދެކުނުގެ ސަރަހައްދުތަކުގައި ސައިރަން އަޅައި އާންމުން ރައްކާތެރިވެގަތުމަށް އިންޒާރުތައްވެސް ދީފައި ވެއެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުން ބުނެފައިވަނީ، ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނެވި އެ ޖަމާއަތުގެ އޮފިޝަލެއް ކަމަށްވާ އަކްރަމް އަލް އަޖޫރީގެ ގެއަށްވެސް އިސްރާއީލުން މިއަދު ހަމަލަ ދީފައިވާ ކަމަށެވެ. އެ ހަމަލާގައި އަކްރަމްގެ ފިރިހެން ދަރިއަކު ޝަހީދުވެ އިތުރު އެކަކު ޒަޚަމްވި ކަމަށްވެސް ބުނެފައި ވެއެވެ.

މީގެއިތުރުން، ޣައްޒާގެ އިތުރުން ބައިތު ލާހިޔާއަށް އިސްރާއީލުން ދިން ހަމަލާގައި އިތުރު އެކަކު ޝަހީދުކޮށްލާފައި ވެއެވެ.

ޣައްޒާގެ އެކި ތަންތަނަށް އިސްރާއީލުން މިއަދު ދިން ހަމަލާތަކުގައި ފަލަސްތީނުގެ 5 މީހުން ޝަހީދުކޮށްލާފާއި ވާއިރު، މިހަމަލާތަކުގައި 39 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުން ބުނެއެވެ.