ސިނަމާލެ ބްރިޖުން ހުޅުމާލޭ ކޮޅަށް ފައިބާ މަގުގެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު މަރުވެއްޖެ ކަމަށް ޚަބަރު ލިބެމުން އެބަދެއެވެ.

އެކްސިޑެންޓްގައި ކުޑަ ކުއްޖަކު މަރުވި ކަމަށް މައުލޫމާތު ދެމުން ގެންދަނީ އެކްސިޑެންޓް ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި މީހުންނެވެ. އެހެން ނަމަވެސް، ކަމާބެހޭ ފަރާތްތަކުން އަދި އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

މި އެކްސިޑެންޓް ހިނގާފައިވާ ގޮތުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް، އެކްސިޑެންޓް ވެފައިވާ ސައިކަލްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކްސިޑެންޓްގައި މަރުވީ 11 އަހަރުގެ ކުއްޖެއް ކަމަށާއި، މިހާދިސާގައި އެކުއްޖާގެ މަންމަވެސް ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އެކްސިޓެންޓު ހިނގިއިރު، ކުއްޖާއިން ސައިކަލު ދުއްވަން އިނީ އެކުއްޖާގެ މަންމައެވެ.

އެކްސިޑެންޓްވުމާ އެކު އެކުއްޖާވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މަރުވި ކުޑަކުއްޖާގެ މަންމަ ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އަންހެންމީހާއަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ފުލުހުންބުނީ ބްރިޖުގައި މިރޭ ދެ އެކްސިޓެންޓެއް ހިނގައިގެން އުޅޭކަމަށެވެ. އެހެންނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވީ އެދެ މައިން ދުއްވާފައިދިޔަ ސައިލަުގައި ބަހެއް ޖެހިގެންނެވެ. މިހާދިސާއާ ގުޅިގެން ބަހުގެ ޑްރައިވަރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.