• އަޅުގަނޑު ދެކެ ބަޔަކު ރުޅިއަންނަނީ ބޭނުންހާގޮތަކަށް މޮޑެނުލެވޭނެތީ - ގާސިމް

ބަޔަކު ކަންބޮޑުވިޔަސް 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް މާތްﷲ ގެ ވާގިފުޅާއެކު ޖުމްހޫރީ ޕާޓީން ކެންޑިޑޭޓެއް ނެރޭނޭ ކަމަށް، ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން، އެޕާޓީގެ މައި މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީން ކުރިމަތިލާނެ ވާހަކަ ބުނީމާ، އެކަން ބައެއް ބޭފުޅުން ވަރަށް ކަންބޮޑުވާ ކަމަކަށް ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް، ޖޭޕީން ކެންޑިޑޭޓެއް ނެރޭނޭ ކަމަށާއި، ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޖުމްހޫރީ ޕާޓީގެ މެމްބަރުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"2023 އޮންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާނޭ ވާހަކަ އަޅުގަނޑު ބުނީމާ ވަރަށް ކަންބޮޑުވާ ކަމަކަށް ބައެއް ބޭފުޅުންނަށް ވެއްޖެ ކަންނޭނގެ. އަޅުގަނޑު މިދަންނަވަނީ ކާކުކަމެއް އަޅުގަނޑަކަށް ނޭނގެ. މި ޕާޓީގެ މެމްބަރުންނޭ ނިންމާނީ ޕާޓީން ވެރިކަމަށް ނުކުންނާނީ ކާކުކަން. އެއީ، ހަސަނުތޯ ހުސައިނުތޯ ނޫނީ މަރިޔަނބުތޯ ކަތްދަތޯ، އެޔެއް ނިންމާނީ މި ޕާޓީގެ މެމްބަރުންނޭ އަޅުގަނޑެއްނޫނޭ. އަޅުގަނޑުގެ ވާޖިބަކީ މިއަދު އަޅުގަނޑު ލީޑަރަކަށް ހުރީމާ މިމަސައްކަތް އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށްޓަކައި ކޮށްދިނުން. އަޅުގަނޑުގެ ގެއަށް މާބޮޑު މަންފާއެއް ލިބޭތީކީނޫން. އަޅުގަނޑަށް ވަރަށްބޮޑު ގެއްލުމާ ނިކަމެތިކަމާއި ކޮންމެ ފަހަރަކުވެސް ލިބެމުން އަންނަނީ. މިހާތަނަށް މިސަރުކާރަށް އެއްއަހަރު ވެގެންދިޔައިރު އެކަހަލަ ނިކަމެތިކަމެއް އަޅުގަނޑުމެންނަށް އަދިއެއް ލިބިފައި ނެތްކަން އަޅުގަނޑު ވަރަށް ސާބިތުކަމާއެކު ދަންނަވަން. މާދަމާ ކަންވާނެގޮތެއް ނޭނގެ، އެއީ ފަރުދާގެ އަނެއްފަރާތް. ޔަގީން ކުރަނީ އިބްރާހިމް މުހަންމަދު ސާލިހް އެކަހަލަ ކަމެއް ނުކުރައްވާނެ ކަމަށް"
ގާސިމް އިބްރާހިމް

ކޮންމެ ފަހަރަކުވެސް އިންތިޚާބަކަށް ފޮޅޭ މަލެއްފަދައިން ފޮޅޭކަށް ޖުމްހޫރީ ޕާޓީ އަބަދަކު ނޯންނާނެ ކަމަށާއި، ކުޅޭކުޅޭ ބަޔަކަށް ވެގެން ތިބެވޭކަށްވެސް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ. އެކަމުންވެސް ސަލާމަތްވެ ކުރިއަށް ނުކުންނަންޖެހޭ ކޮންމެވެސް ދުވަހެއް އަންނާނެ ކަމަށާއި، އެކަމަކު ވެރިކަން ނުލިބުމަކީ ކޮންމެހެން ދެރަވެ ރޯންޖެހޭ ކަމެއްނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިގައުމުގެ ރައްޔިތުންގެ ހައްގުގައި މިހާރުވެސް މަސައްކަތް ކުރައްވަނީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވެންއޮތް ހެޔޮ ކަންތައްތަކެއް ކޮށްދެއްވުމަށް ކަމަށާއި، 2023 ގެ ރިޔާސީ އިންތިޚާބަށް ޖޭޕީން ކެންޑިޑޭޓަކު ނުނެރެންޏާ ޕާޓީއެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ ގާސިމް ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑު މިކުރާ މަސައްކަތަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނުލިބިގެންދާހާ ކަންތައްތައް ގެނެސްދިނުމާއި، އެބައިމީހުންގެ ތަރައްގީއަށާއި ކުރިމަގަށް، އުމްރާނީ ގޮތުންނާއި، ތައުލިމީ ގޮތުންނައި އިޖުތިމާއީ ގޮތުންނާއި އެނޫންވެސް ހުރިހާ ދާއިރާއަކުން ކުރިއެރުން ހޯދައިދީ އަދުލުއިންސާފް ގާއިމްކުރުމުގެ އުސޫލުތަކާއިވެރިކަން ކުރުމުގެ ހަމަތައް ގާއިމް ކޮށްދިނުމަށް ކުރާ މަސައްކަތް. އެކަން ކުރުމުގައި އަޅުގަނޑު އެއްގޮތަކަށްވެސް ފަހަކަށް ނުޖެހޭނަން. ޖުމްހޫރީ ޕާޓީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ނުނިކުންނަނޭ ކަމަށް ބުނެފިއްޔާ މިއަދު ކުރިންވެސް ކަންވިގޮތަށް އެއްފަހަރު ކަނާއަތަށް އަނެއްފަހަރު ވާއަތަށް ވައި އެޅެމުންދިޔާމަ ނިމުނީ. ވެރިކަމަށް ނުކުންނާނެ ޚިޔާލެއް ވިސްނުމެއް ނެތިއްޔާ މިތާ އުޅޭނީ ކޮން ބައެއްތޯ. ޕާޓީ ޕާޓީއަކަށް ހަދަނީ ކިހިނެއްތޯ؟"
ގާސިމް އިބްރާހިމް
އަންގާރަ ދުވަހުގެރޭ ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން:

ގާސިމް އިބްރާހިމްވަނީ، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި އިންނަވާތީއާއި، ސިޔާސީ ކަންކަމުގައި އުޅުއްވާތީ އެކަމާ އުނދަގޫވެގެން ބަޔަކު އުޅެނީ ކީއްވެގެންތޯވެސް ސުވާލު ކުރައްވާފައެވެ. ގާސިމް ވިދާޅުވީ، އެމީހަކު އުޅޭނެގޮތް ނިންމާނީ އެމީހަކު ކަމަށާއި، ބަޔަކަށް އުނދަގޫވެގެން އުޅެނީ ހިތަށް އެރިހާ ގޮތަކަށް މޮޑެނުލެވޭނެތީ ކަމަށެވެ.

"ވަކި ހިސާބަކަށް މޮޑެލެވުނީމާ ގައުމިއްޔަތެއް ހުރި ވަތަނިއްޔަތެއްހުރި ދީންވަންތަކެއް ހުރި އީމާންކަމެއްހުރި މީހަކަށް ނުހުރެވޭނެ އަނގައި ނުބުނެ. އަޅުގަނޑާ ދިމާއަށް އެއްޗެހިކިޔާނެ، އެކަން ބަރުދާސްތުކުރާނީ އަޅުގަނޑު. އަޅުގަނޑާ ދިމާއަށް ހައްގަކާ ނުލައި މީހަކު ކިޔާ އެއްޗެއްސަށް ހިތުގައިޖެހި ރޮވިގެން ގެއަށް ވަންނަ ވައްތަރުގެ ފިނޑިއެއްނޫން އަޅުގަނޑަކީ އިރާދަކުރެއްވީތީ. އެހެނެއްނޫން، އަޅުގަނޑު ކަމެއްކޮށްގެން، ހަގީގަތެއް އޮވެގެން މިހަކަށް އަނިޔާއެއް ކޮށްގެން ނުވަތަ ނިކަމެތިކަމެއް ކޮށްގެން އަޅުގަނޑާ ދިމާއަށް މީހަކުއެއްޗެއް ބުނެފިއްޔާ އަޅުގަނޑު ދެރަވާނެ. އަޅުގަނޑު ވައްކަމެއް ކޮށްގެން ސަރުކާރުގެ އެއްޗެއް ލޫޓުވާލައިގެން ނުވަތަ އެހެން މީހެއްގެ އެއްޗެއް ދަމައިގަނެގެން ބުނެފިއްޔާ ދެރަވެދާނެ"
ގާސިމް

ޖޭޕީގެ ލީޑަރުގެ ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވާނީ ހައްގުގޮތުގައި ދުނިޔެ ހޯދުމަށް ކަމަށާއި، ކުރައްވާކަމެއް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން، ގާނޫނީ ހަމަތަކުގެ ތެރެއިން، ﷲ ރުހިވޮޑިގަންނަވާ މަގުގައި ހިފަހައްޓައިގެން ކަމަށެވެ.

އެގޮތަށް މަސައްކަތް ކުރައްވާއިރު މީހަކު ކޮށްފަނެ އަނިޔާއަކަށް، ކޮށްފާނެ ޖެއްސުމަކަށް ނުބައްލަވާނެ ކަމަށާއި، މަސައްކަތް ކުރައްވާނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށް ގާސިމް ވިދާޅުވިއެވެ. ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭކަމަށް ވަންޏާ އެމަނިކުފާނަށާއި، އެމަނިކުފާނުގެ އާއިލާއާއިވެސް ކުރިއެރުން ލިބޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ދިވެހިރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވި ޚިދުމަތާއި، ދިވެހި ރައްޔިތުންނާމެދު ކަންތައް ކުރިގޮތް ސިޔާސީ މަސްރަހަށް އެކަނި ބަލާލިޔަސް އެނގިގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެހެންވެ އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ ރައްޔިތުން ބައިވެރިވެވަޑައި ގަންނަވާށޭ، ގޮތް ބައްލަވާލަންވެސް ބައިވެރިވެވަޑައި ގަންނަވާށޭ. ތިބޭފުޅުން ކަނާއަތަށާއި ވާއަތަށް އަޅައިފީމުނޫންތޯއޭ ދެފަހަރު ތިންފަހަރުވެސް. އަޅުގަނޑުމެންނާވެސް ގުޅިވަޑައިގެން ކުރިއަށް ވަޑައިގަތުމަށް ބައިއަތު ހިއްޕެވީމާ ނޫންތޯއޭ އެނގޭނީ މިތަނުންވެސް ވާގޮތެއް. އަޅުގަނޑުމެން މިތިބީ ހަމަ ގައިމުވެސް ރައްޔިތުންނަށްޓަކައި، އެ ޚިދުމަތުގައި ދެމިތިބެން. އަޅުގަނޑުމެންގެ ތެރޭގައި ގާނޫނާ ޚިލާފް ދީނާ ޚިލާފް އަމަލެއް ނުހިނގާނެ. މީހަކަށް އަނިޔާއެއް ނުކުރާނަން އަދި މީހަކަށް ޖެއްސުމެއްވެސް ނުކުރާނަން. ހައްގު މަގުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ"
ގާސިމް އިބްރާހިމް