އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފިޒިއޮތެރަޕިސްޓަކު، އެތަނަށް ޚިދުމަތް ހޯދަން ދިޔަ ޒުވާން އަންހެން ޕޭޝަންޓަކާއި ބަދުއަހުލާގީ އަމަލު ހިންގިކަމަށް އެއްބަސް ކުރުވީ ފިޒިއޮތެރަޕިސްޓަށް މަޖުބޫރުކޮށްގެންކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓަކާއި މެދު ބަދުއަހްލާގީއަމަލެއްގެ ތުހުމަތު ކުރެވި، އެ މައްސަލަ ފުލުހުންނާއި އަދި އައިޖީއެމްއެޗްއިންވެސް ތަހްގީކުރަމުން އަންނަކަމަށެވެ.
އެހެންނަމަވެސް އެ ހޮސްޕިޓަލުގެ މުވައްޒިފެއް ބަލިމީހަކު ރޭޕްކުރަން އުޅުނުކަމަށް ތުހުމަތުކުރެވި މައްސަލަ ބަލަމުންދާކަމަށް ރިޕޯޓުކޮށްފައިވާ ކުރުމަކީ ހަގީގަތާއި ޚިލާފު ދޮގު ވާހަކައެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އައިޖީއެމްއެޗްއިން ބުނެފައި ވަނީ މި މައްސަލަ ފެންމަތިވިީ ބަޔަކު ހޮސްޕިޓަލަށް ވަދެ، ޚިދުމަތް ހޯދުމަށް ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާއި، އެހީތެރިންގެ ކުރިމަތީ، ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތުވާ ފިޒިއޮތެރަޕިސްޓަށް ހަމަލާދީ، އޭނާ އެކަން ކުރިކަމަށް ގަދަކަމުން އެއްބަސްކުރުވާ، ވީޑިއޯއެއް ހެދުމުން ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކުރުމުން ކަމަށެވެ. އަދި އެ މަންޒަރު ހޮސްޕިޓަލުގެ ސީސީޓީވީ ކެމެރާއަށްވެސް އަރާފައިވާ ކަމަށާއި، އެ ފުޓޭޖުތައް ފުލުހުންނާ ހިއްސާކޮށްފައިވެސް ވާނެ ކަމަށެވެ.
އައިޖީއެމްއެޗްއިން ބުނެފައި ވަނީ މި މައްސަލައިގައި އެ ހޮސްޕިޓަލުގެ މުވައްޒަފުގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ސާބިތުވާނަމަވެސް ނުވަތަ ނުވާނަމަވެސް، މިފަދަ މައްސަލަތަކުގައި އެ ހޮސްޕިޓަލުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން މި ތުހުމަތު ކުރެވުމާއި އެކު މުވައްޒަފު ވަގުތުން މަސައްކަތުން އެކަހެރިކޮށްފައިވާނެ ކަމަށެވެ.
އައިޖީއެމްއެޗުން ފިޒިއޮތެރަޕީ ހިދުމަތް ހޯދަން ދިޔަ 19 އަހަރުގެ އަންހެން ޕޭޝަންޓަކާއި ބަދުއަހުލާގީ އަމަލު ހިންގުމަށް ފިޒިއޮތެރަޕިސްޓު މަސައްކަތްކުރި ކަމަށްބުނާ މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން ބުނެފައި ވަނީ އެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަވަނަ ދުވަހުގެ 6:00 އެހާއިރު ކަމަށެވެ.
މައްސަލައިގައި ތުހުމަތު ކުރަނީ އެ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 28 އަހަރުގެ ފިރިހެނަކަށެވެ.